Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

ހެލްތް މިނިސްޓްރީ އާއި އެކު މަޝްވަރާކޮށްފިން، މިއަދުގެ ވަގުތެއްގައި ކްލޮރިން ފޮނުވޭނެ : އައިބީ

އައްޑޫގައި އެކަށީގެންވާ މިންވަރަކަށް ކްލޮރިން ނެތް މައްސަލަ ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން މިއަދުގެ ވަގުތެއްގައި އައްޑޫއަށް ކްލޮރިން ފޮނުވާނެ ކަމުގެ ޔަޤީންކަން ހެލްތު މިނިސްޓަރ ދެއްވާފައިވާ ކަމަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން އައިބީ ވިދާޅުވި ގޮތުގައި އައްޑޫގައި ކްލޮރިން ނެތުމަކީ، ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށާއި، އެކަން އެނގިވަޑައިގެންނެވި ހިސާބުން ފެށިގެން އެވާހަކަތައް ހެލްތު މިނިސްޓްރީ ގެ ސަމާލުކަމަށް ގެނައި ކަމަށެވެ.

" ކްލޮރިން ނެތުމަކީ އަސްލު ވަރަށް ބޮޑު މައްސަލައެއް. އަޅުގަނޑު އެމައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން މިނިސްޓަރ ވަނީ ވީ އެންމެ އަވަހަކަށް ކްލޮރިން ފޮނުވައިދޭނެ ކަމުގެ ޔަޤީންކަން ދީފައި" އައިބީ ވިދާޅުވިއެވެ.

އައިބީ ވިދާޅުވި ގޮތުގައި، ކްލޮރިން ނެތުމަކީ، މައްސަލައެއް ކަމަށާއި، އެހެން ނަމަވެސް އެ މައްސަލަ ބެލުމަށް ވުރެ މިވަގުތަށް މުހިއްމީ ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. ފެންބޮޑުވި ބައެއް ސަރަހައްދުތަކުގައި ހުރި ޖަންކްޝަންތައް ފުރިގެން ނަޖިސް ބޭރުވުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރުވެރިކަން ފެތުރިފައިވާއިރު، މިވަގުތު އައްޑޫގައި ހުރީ އެންމެ 5 ކިލޯ ކްލޮރިން އެވެ.