ޔުއޭފާ ޗެމްޕިއަންސް ލީގުގައި ގްރޫޕް އޭ ގެ ޕީއެސްޖީ އަދި ރިއަލް މެޑްރިޑް ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.
ރިއަލް މެޑްރިޑާއި ޝާކްތާރް ބައްދަލު ކުރި މެޗު ނިމުނީ 3-4 އިން ރިއަލް ކޮޅަށެވެ. މިމެޗުގައި ރިއަލްގެ ކްރިސްޓިއާނޯ ވަނީ ދެ ގޯލު ޖަހައި ދެ ގޯލު ޖެހުމަށް އެހީތެރިވެދީފައެވެ. ރިއަލް އިން ގޯލު ޖަހާދިން ކުޅުންތެރިންގެ ތެރޭގައި ރޮނާލްޑޯގެ އިތުރުން ލޫކާ މޮޑްރިޗް އަދި ކަރްވަހާލް ހިމެނެއެވެ.
ޝާކްތާރް ގެ ތިން ގޯލުވެސް ފެނިގެން ދިޔައީ ރިއަލްގެ ހަތަރު ގޯލުގެ ފަހުންނެވެ.
ފްރާންސުގެ ޕީއެސްޖީ އަދި ސްވިޑެންގެ މަލްމޯ ބައްދަލު ކުރި މެޗު ފަސޭހަ ކަމާއެކު ޕީއެސްޖީ ވަނީ ކާމިޔާބު ކޮށްފައެވެ. މިމެޗުގައި ފުރަތަމަ ގޯލު މެޗުގެ ތިން ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަދްރިއެންއެވެ. ދެވަނަ ގޯލު 14 ވަނަ މިނެޓުގައި އެންގެލް ޑިމަރިއާ ކާމިޔާބު ކޮށްދީފައިވާއިރު 3 ވަނަ ގޯލު ފެނިގެން ދިޔައީ ދެވަނަ ހާފުގެ ކުރީކޮޅު ޒަލްޓަންގެ ފަރާތުންނެވެ.
ޑިމަރިއާގެ ދެވަނަ ގޯލު 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ މަލްމޯއަށް ލިބުނު ޕެނަލްޓީއެއްގެ ބޭނުން ނުހިފިފައިވަނިކޮށެވެ.
މިމެޗުގެ ފަހު ގޯލު މެޗު ނިމެން ކައިރި ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ލޫކަސް މޯރާއެވެ.
ރޭގައި އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް އަދި ސީޓީ އަށްވެސް މޮޅެއް ނުލިބުނެވެ. ޔުނައިޓެޑަށް ދެވަނަ ބުރަށް ދިއުމުގެ ރަނުގެ ފުރުސަތު ރޭގެ މެޗުން މޮޅު ނުވެވުމުން ވަނީ ގެއްލިފައެވެ. ދެން ޔުނައިޓެޑަށް ދެވަނަ ބުރަށް ދެވޭނީ ޖަރުމަނުގައި ވޫލްސްބާގް ބަލިކޮށްގެންނެވެ.
ރޭގެ މެޗުން ބަލިވި ނަމަވެސް ސިޓީ އަދި ޔުވެންޓަސްވެސް ވަނީ މިހާރު ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ.