އައްޑޫ ސިޓީ ފޭދޫ ބޮޑުމަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު މި އެކްސިޑެންޓް ހިނގި އިރު ކާރު ދުއްވަން އިނީ، ޗަމަލާ އޭ ކިޔާ ލަންކާގެ ރައްޔިތެކެވެ. ކާރުގައި ތިބި ދެ މީހުންނަކީ ވެސް މަރަދޫފޭދޫގައި ހިންގާ ގަރާޖެއްގައި މަސައްކަތް ކުރާ ދެމީހުން ކަމަށް ވެއެވެ.
އެކްސިޑެންޓް ވި ވަގުތު ކާރުގައި ތިބި 2 ބިދޭސީންގެ ތެރެއިން އެކެއްގެ އަގަމަތި ފަޅައިގެން ގޮސްފައިވާއިރު އޭނާ ވަނީ، ފޭދޫ ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށް ފަހު، މިހާރު ހިތަދޫ ރީޖަަނަލް ހޮސްޕިޓަލަށް އިތުރު ފަރުވާއަށް ފޮނުވާލާފައެވެ.
ފޭދޫ ހެލްތް ސެންޓަރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެކްސިޑެންޓްގައި ޒަޚަމްވެގެން، އެ ސެންޓަރަށް ގެނައި 2 ބިދޭސީންގެ ތެރެއިން ބޮޑަށް އަނިޔާވެފައި ވަނީ ދަތްދޮޅި ފަޅައިގެން ދިޔަ މީހާއަށް ކަމަށެވެ. އަނެއް މީހާގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ލިބިފައިވާކަން ފެންނަން ނެތް ނަމަވެސް އޭނާ ވެސް، އިތުރަށް ޗެކަޕް ހެއްދުމަށް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލާފައި ވާކަމަށެވެ.
މި އެކްސިޑެންޓްގައި ކާރުގެ ކުރީކޮޅަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާއިރު ކާރުން ޖެހުނު ފާރުގެ ގާތަށް ވިއްސައިގެން ގޮސް ގެއެއްގެ ދޮރަށް ވެސް ވަނީ ގެއްލުން ވެފައެވެ.
މަންޒަރު ދުށް މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރު ފާރަކަށް އެރީ ކޮންޓްރޯލް ނުކުރެވިގެން ގޮސް ކަމަށެވެ.
" ފާރުގައި ޖެހުމަށް ކާރު ވިއްސައިގެން ދިޔަ އޭގެ 50 ވަރަކަށް ފޫޓު ދުރަށް. އެއީ ފުލުހެއްގެ ކާރެއް އެހެން ނަމަވެސް އެވަގުތު އޭތި ދުއްވަން އިނީ ގަރާޖުގައި މަސައްކަތް ކުރާ ލަންކާ މީހެއް. ކާރު އޮތީ ގަރާޖަށް މަރާމާތު ކުރަން ދީފައި. އެމީހުން ޓެސްޓުކުރަން ދުއްވި ކަމަށް ވަނީ. "
މި އެކްސިޑެންޓް ގަން ޕޮލިސް ސްޓޭޝަނުގެ ފަރާތުން މިހާރު ގެންދަވަނީ ތަހުގީގް ކުރަމުންނެވެ.
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން އިތުރުވެފައިވާއިރު، މި އެކްސިޑެންޓްތަކުގައި އެތައް ބައެއްގެ ފުރާނަ ވެސް ގެއްލިފައިވާ ކަން ފާހަގަކޮށްލެވެއެވެ.