ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަބްދުﷲ ޖިހާދު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.
މިނިސްޓަރ ޖިހާދަށް މަރުހަބާ ދެންނެވީ ހައުސިން މިނިސްޓްރީގެ ފަރާތުން އައްޑޫގައި ހުންނަވާ ކޯޑިނޭޓަރ ފައިސަލް އެވެ. މީގެ އިތުރުން ފޭދޫގެ ބައެއް އާންމު ރައްޔިތުންނާއި އައްޑޫގައި ހަރަކާތްތެރިވާ ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުން ވެސް މިިނިސްޓަރަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ގޮސްފައިވެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރ ޖިހާދުގެ މި ދަތުރުފުޅުގައި، ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބިފައިވާ ފޭދޫ އަދި މަރަދޫ ފޭދޫގެ ގެތަކަށް ޒިޔާރަތް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިނިސްޓަރގެ މި ދަތުރުފުޅުގައި، ވިއްސާރަ މޫސުމުގައި އައްޑޫގެ އެކި ހިސާބުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކޮށް ދިނުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތައް އޮޅުން ފިލުވުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ އަންގާރަ ދުވަހު އައްޑޫ ސިޓީއަށް ރިކޯޑް އަދަދަކަށް ވާރޭ ވެހި ފޭދޫ އާއި މަރަދޫފޭދޫގެ ބައެއް ގެތަކަށް ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން ބައެއް ގެތަކުން ގިނަ އަދަދެއްގެ ފަރުނީޗަރު އަދި އިލެކްޓްރޯނިކް ސާމާނު ހަލާކުވެފައިވާއިރު، ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމަށް ޚާއްސަ ފަންޑެއް ވެސް އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ވަނީ ޤާއިމްކޮށްފައެވެ.