އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ ސައުތްހެމްޕްޓަންގެ މައްޗަށް ކުރި ހޯދައި ތާވަލުގެ އެއްވަނަ މަގާމު ހޯދައިފިއެވެ.
ސިޓީގެ އަމިއްލަ ދަނޑު، އެތިހާޑް ސްޓޭޑިއަމްގައި ކުޅުނު މިމެޗު ކާމިޔާބުކޮށް އެއްވަނައިގައި މިހާރު އޮތީ 29 ޕޮއިންޓާއެކު އެވެ. ތާވަލުގެ ދެވަނަ އަދި ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އަދި މެންޗެސްޓާ ޔުނައިޓެޑް މިރޭ ކުޅުނު މެޗުން އެއްވަރުވެ އެއްވަނައަށް އެރުމުގެ ފުރުސަތު ދެޓީމުން ވެސް ވަނީ ނަގާލާފައެވެ.
މެންޗެސްޓާ ސިޓީ ސައުތްހެމްޕްޓަން އާ ދެކޮޅަށް ކުޅުނު މެޗުގެ ވަރަށް ކުރީ ކޮޅުގައި ސިޓީ ގެ ކެވިން ޑިބުރުއޭނާ ވަނީ ގޯލު ޖަހާ ލީޑު ނަގާދީފައެވެ. މިގޯލު އޭނާ ކާމިޔާބު ކުރީ 9 ވަނަ މިނެޓުގައެވެ. ޑިބުރުއޭނާގެ މިގޯލަށްފަހު 21 ވަނަ މިނެޓުގައި ސިޓީގެ ފަބިއަން ޑެލްފް ވަނީ ގޯލު ޖަހައި ލީޑު ފުޅާކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 0-2 ގެ ނަތީޖާ އަކުން ސިޓީ ކުރީގަ އޮވެއެވެ.
ދެވަނަ ހާފު ފެށިގެން 5 މިނެޓުވީއިރު ސައުތްހެމްޕްޓަންގެ ޝޭން ލޯންގް ވަނީ ގޯލެއް ޖަހައި އެމީހުންނަށް އުއްމީދު އާކޮށް ދީފައެވެ. ނަމަވެސް ސިޓީ އިިން ވަނީ 20 މިނެޓު ފަހުން ގޯލު ޖަހައި ސައުތްހެމްޕްޓަންގެ އުއްމީދުގެ ހުޅުކޮޅު ނިއްވާފައެވެ. މިގޯލު ފެނިގެން ދިޔައީ އެލެކްސެންޑަރ ކޮލެރޮވް ގެ ފަރާތުންނެވެ.
މިދިޔަ ހަފްތާގައި ލިވަޕޫލް އަތުން ބަލިވެ، ލީގުގެ 3 ވަނައަށް ވެއްޓިފައި އޮތުމުގެ ނަތީޖާ މަތީގައި އޮތް ދެޓީމަށް ނުހިފުމުން، މެނުއަލް ޕެލެގްރިނީގެ ޓީމު ވަނީ އަނެއްކާވެސް ލީގުގެ އެއްވަނަ އަށް އަރާފައެވެ. ލީގުގައި ސިޓީ ދެން ކުޅެން ޖެހޭނީ ރަށުން ބޭރުގައި ސްޓޯކް ސިޓީ އާ ދެކޮޅަށެވެ.