އައްޑޫގައި އަޅަން ނިންމާފައިވާ 100 އެނދުގެ އާ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ނުގެންގޮސް “މަޑުޖައްސާލަން” ސަރުކާރުން ނިންމާފައިވާކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.
ހެލްތް މިނިސްޓްރީގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދިން ގޮތުގައި ހޮސްޕިޓަލާ ގުޅޭ އެއްވެސް މަސައްކަތެއް ވަކި މުއްދަތެއް ނެތް ގޮތަށް ކުރިއަށް ނުގެންދަން ސަރުކާރުން މިހާރު ވަނީ ނިންމާފައި ވާކަމަށެވެ. އޮފިޝަލް ބުނި ގޮތުގައި އައްޑޫ ހޮސްޕިޓަލްގެ މަޝްރޫއު ކުރިއަށް ގެންދަން ސަރުކާރުން ރާވާ ގޮތާއި އެކަން މިނިސްޓްރީ އިން ރޭވި ގޮތް ދިމާނުވާ ކަމަށެވެ. އެހެން ކަމުން މިއީ މިހާރު ކުރެވިދާނެ ކަމެއްތޯ ސުވާލު އުފެދިފައިވާ ކަމަށެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުއްދަތެއް ނެތި ހޮސްޕިޓަލްގެ މަސައްކަތް މުއްދަތެއް ނެތި ފަސްކޮށްފައިވަނީ އަންނަ އަހަރުގެ ބަޖެޓަށް ހިތަދޫއަށް ނިސްބަތްވާ މަޖްލިސްގެ 3 މެމްބަރުން ވޯޓު ނުދިނުމާއި ގުޅިގެންނެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވީ، ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ނުގެންދަން ބައެއް ސަރުކާރަށް ނިސްބަތްވާ މަޖްލިސް މެމްބަރުން ސަރުކާރަށް ޕްރެޝަރު ކުރަމުން އަންނަކަމަށެވެ.
"ބެޖެޓަށް ހިތަދޫގެ މެމްބަރުން ވޯޓު ނުދިން މައްސަލާގައި ސަރުކާރުގެ މެމްބަރުން ބޭނުމެއް ނުވޭ އެފަދަ ބިޔަ މަޝްރޫއެއް ހިތަދޫގައި ހިންގަދޭކަށް. އެޕްރެޝަރު ކުރަމުން އަންނަނީ. އެހެންވެ އެކަން މަޑުޖައްސާލާފައިވަނީ ރައީސް އޮފީސް ތެރެއިން"
'އައްޑޫލައިވް' އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފޭދޫ ދާއިރާގެ މަޖިލިސް މެންބަރ އިބްރާހިމް ދީދީ (އައިބީ) ވިދާޅުވި ގޮތުގައި އައްޑޫ ހޮސްޕިޓަލުގެ މަސައްކަތް މަޑުޖައްސާލިކަން އެނގިވަޑައި ނުގަންނަވާ ކަމަށާއި، ނަމަވެސް އެފަދަ ވާހަކަތަކެއް އަޑު އިވިފައިވާ ކަމަށެވެ. ނަމަވެސް އެކަން އަދި ރަސްމީ އެއްވެސް އިދާރާއަކުން އެބޭފުޅާއަށް އެނގިވަޑައިގެންފައި ނުވާކަމަށެވެ.
" އަނގަބަހުން އެކަހަލަ ވާހަކަތަކެއް އެބަދައްކާ. އެހެން ނަމަވެސް އެކަން ހުއްޓާލުމަށް ފިނޭންސް މިނިސްޓްރީ އަށް ސިޓީއެއް ފޮނުވާފައިވާ ކަމެއް އެނގިފައެއް ނެތް. އަޅުގަނޑު ޖެހޭނީ ތިކަން އޮޅުންފިލުވާލަން" އައިބީ ވިދާޅުވިއެވެ.
އާ ހޮސްޕިޓަލްގެ މަސައްކަތް މަޑުޖައްސާލި އިރު، ހޮސްޕިޓަލް އިމާރާތް ކުރާނެ ބަޔަކު ހޯދަން އެންމެ ފަހުން ބީލަމަށް ހުޅުވާލީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އަދި ބީލަން ބާތިލް ކުރީ މި މަހުގެ 26 ވަނަ ދުވަހު އެވެ. މި މަހުގެ 19 ވަނަ ދުވަހު ބީލަން ކެންސަލް ކުރީ ހުޅުވާލީ ހޮސްޕިޓަލް އިމާރާތް ކުރާނެ ބަޔަކު ހޯދަން ޖެނުއަރީ 22، 2015 ގައި ހުޅުވާލި ފުރުސަތުގައި ބޭރުގެ ކުންފުނިތަކެއް ވެސް ހިމެނޭ ގޮތަށް ނުވަ ކުންފުންޏަކުން ކުރިމަތިލައި، އޭގެ ތެރެއިން ހަ ފަރާތެއް ޝޯޓްލިސްޓްކޮށް ޕްރިކޮލިފައި ކޮށްފައި ވަނިކޮށެވެ.
އައްޑޫގައި އަޅަން ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލަކީ ސައުދީ ފަންޑުން ދޭ 12.5 މިލިއަން ޑޮލަރާއި އޯޕިޑުން 8.5 މިލިއަން ޑޮލަރުގެ ލޯނެއްގެ އެހީގައި އިމާރާތް ކުރަން ނިންމާފައިވާ ހޮސްޕިޓަލެކެވެ.އެ ހޮސްޕިޓަލް އިމާރާތް ކުރާ ވާހަކަ ރައީސް މައުމޫންގެ ސަރުކާރުން ފެށިގެން ދައްކަމުން އަންނަ ވާހަކައެކެވެ.