“މިނިވަން 50 ޗެމްޕިއަންޝިޕް” ޒޯން 8 ތަމްސީލް ކުރާ ޓީމުގެ ގޮތުގައި ފޭދޫ ފުޓްބޯޅަ ޓީމް ހޮވިއްޖެއެވެ.
ބާކީ އެއް މެޗް އޮތްވައި ފޭދޫ ޓީމް "މިނިވަން50 ޗެމްޕިއަންޝިޕް" ގެ ޒޯން މުބާރާތަށް ކޮލިފައިވީ ކުރިން ޏ.ފުވައްމުލައް ދޫނޑިގަން ޓީމުން މުބާރާތުން ވަކިވުމާއި ގުޅިގެންނެވެ. ފުރަތަމަ ލެގް ފުވައްމުލަކުގައި ކުޅުނު އިރު އެ މެޗް 2-5 އިން ކާމިޔާބު ކުރީ ފޭދޫ ފުޓްބޯޅަ ޓީމެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެފްއޭއެމްގެ ފަރާތުން ވަނީ، ދޫނޑިގަން ޓީމުން މުބާރާތުން ވަކިވިކަން އެންގުމުން ޒޯން 8 ގެ ޗެމްޕިއަންކަން ފޭދޫ ޓީމަށް ލިބުނުކަން އެ ޓީމަށް އަންގާފައެވެ. އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް ސޮއި ކުރައްވައި ފޭދޫ ޓީމަށް ފޮނުވާފައިވާ މި ސިޓީގައި، ފުވައްމުލަކު ޓީމުން 2 ވަނަ ލެގަށް ހާޒިރުނުވާން ނިންމި ސަބަބު ބަޔާންކޮށްފައެއް ނުވެއެވެ.
" މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ޏ.ފުވައްމުލަކު ދޫނޑިގަން ފުޓްބޯޅަ ޓީމް ވަކިވެފައިވާތީ. 04 ޑިސެމްބަރ 2015 ވަނަ ދުވަހު ޏ.ފުވައްމުލަކު ދޫނޑިގަން ފުޓްބޯޅަ ޓީމާއި ސ.ފޭދޫ ފުޓްބޯޅަ ޓީމް ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗް އިން ސ.ފޭދޫ ފުޓްބޯޅަ ޓީމް މި މެޗް އިން މޮޅުވިކަމަށް ވަނީ ނިންމަވައިފައެވެ. އަދި މިނިވަން 50 ޗެމްޕިއަންޝިޕްގެ ޤަވައިދުގެ ގޮތުގެ މަތިން ސ.ފޭދޫ ފުޓްބޯޅަ ޓީމްއަށް 3 ޕޮއިންޓާއި އެކު ފައިދާ 2 ގޯލް ލިބޭނެއެވެ." އެފްއޭއެމް އިން ފޮނުވި ސިޓީގައި ވެއެވެ.
"މިނިވަން50 ޗެމްޕިއަންޝިޕް" މުބާރާތުގައި އައްޑޫ ސިޓީއިން ވާދަކުރި ޓީމުތަކުގެ ތެރެއިން ރަށުގެ ރައްޔިތުންގެ ފަރާތުން އެންމެ ބޮޑު އެހީތެރިކަމެއް ވެސް ލިބިފައިވަނީ ފޭދޫ ޓީމަށެވެ. އެގޮތުން ފޭދޫގެ ޒުވާނުންނާއި ރަށުގެ ވިޔަފާރިވެރިން އެހީތެރިކަން އެ ޓީމަށް ލިބިފައިވާ ކަން ފާހަގަކޮށްލެވެއެވެ.