ހައި ކޯޓުގެ ދެކުނު ގޮފި ގާއިމްކުރިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން އެ ގޮއްޕަށް ކަނޑައެޅި ފަނޑިޔާރުން އައްޑޫ އަށް ވަޑައިގެންފިއެވެ.
ފާއިތުވި ޑިސެމްބަރ މަހު ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގައި ހައި ކޯޓުގެ ދެ ގޮފި ގާއިމް ކުރަންޖެހޭއިރު ދެކުނު ގޮފި ގާއިމްކުރަން ނިންމާފައި ވަނީ އައްޑޫ ސިޓީ، ހުޅުމީދޫ ގައި ހުންނަ އެސްޓީއޯގެ އޮފީސް އިމާރާތުގައެވެ. ހައި ކޯޓު ފަނޑިޔާރުންގެ ތެރެއިން އެ ގޮއްޕަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ވަނީ ކަނޑައަޅައިފަ އެވެ.
ފަނޑިޔާރުން އައްޑު އަށް ވަޑައިގަތަސް ދެކުނު ގޮފީގެ މަސައްކަތް ފެށޭނެ ދުވަހެއް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހާމަކޮށްފައެއް ނުވެއެވެ. ޑީޖޭއޭ އިން ބުނީ އެ ތިން ފަނޑިޔާރުން ވެސް މިހާރު އައްޑޫ އަށް ވަޑައިގެންފައިވާ ކަމަށާއި އެބޭފުޅުން އައްޑޫގައި ތިއްބެވޭނެ އިންތިޒާމްތައް އެ ޑިޕާޓްމެންޓުން ހަމަޖައްސާފައިވާ ކަމަށެވެ.
ދެކުނު ގޮއްޕާއި އުތުރު ގޮފީގެ މަސައްކަތް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން 90 ދުވަސް ތެރޭގައި ފަށަން ގާނޫނު ލާޒިމް ކުރިޔަސް އެ މުއްދަތު ވަނީ ފާއިތުވެފަ އެވެ. ދެކުނު ގޮފީގައި ފަނޑިޔާރުން ކަނޑައަޅާފައި ވާއިރު ހދ. ކުޅުދުއްފުށީގައި ގާއިމްކުރާ އުތުރު ގޮއްޕަށް އަދި ފަނޑިޔާރުން ކަނޑައެއް ނާޅަ އެވެ. ހައި ކޯޓުގެ ގޮފިތަކަށް ކަނޑައަޅާ ފަނޑިޔާރުން އެ ރަށްރަށުގައި ތިއްބެވުމާއި ކޯޓު އިމާރާތް ކުއްޔަށް ހިފަން ބޭނުންވާ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ކުރިން ވަނީ ހަމަޖައްސައިދީފަ އެވެ.