މިދިޔަ މަހު އައްޑޫގައި ބޭއްވި “ރައްކާ” ރޯޑް ޝޯގައި ކުރިއަށް ގެންދިޔަ މަހާސިންތާތަކަށް ގޮސް މައުލޫމާތު ހޯދައިފައި ވަނީ 200 އެއްހާ މީހުން ކަމަށް ފުލުހުން ބުނެފި އެވެ.
ސަދަން ޕޮލިސް ޑިވިޝަން ކޮމާންޑަރު ޗީފްއިންޕެކްޓަރު އޮފް ޕޮލިސް ހުސައިން ސަމީރު އާއި ހަވާލާދީ ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ނޮވެމްބަރު މަހުގެ 21-26 އަށް ކުރިއަށް ގެންދިޔަ “ރައްކާ” ރޯޝް ޝޯގެ މަހާސިންތާތަކަށް ގޮސް އެ ދަދަށް މީހުން މައުލޫމާތު ހޯދިޔަސް މަގުމަތީގެ ހަރަކާތްތަކުންނާއި ތަފާތު ބެނާތަކާއި، ކުޑަކުދިންގެ ހަވީރު މެދުވެރިކޮށް އެކަށީގެންވާ އަދަދެއްގެ މީހުންނަށް ހޭލުންތެރި ކުރުމުގެ މައުލޫމާތު ފޯރުކޮށް ދެވިފައިވާ ކަމަށެވެ.
ރައްކާގެ ނަމުގައި އައްޑޫގައި ކުރިއަށް ގެންދިޔަ ރޯޑް ޝޯވގައި މައުލޫމާތު ހޯދާފައިވަނީ، އެންމެ 200 މީހުން ކަމަށް ފުލުހުން ބުނެފައިވާއިރު، އެ ރޯޑް ޝޯވ ކުރިށް ގެންދިޔަ ގޮތާއި މެދު އައްޑޫގެ ބައެއް ޒުވާނުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
މުޅި ރާއްޖޭގައި ވެސް އެންމެ ގިނައިން މަގުމަތީ އެކްސިޑެންޓް ހިނގާ އައްޑޫގައި، ބޭއްވި ރޯޑް ޝޯވް އެންމެ ގިނައިން އެކްސިޑެންޓްވާ އެއް ސަރަހައްދެވެ. މިއަހަރުގެ މިހާތަނަށް ސަތޭކައަށްވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވާއިރު އެތައް ބަޔަކަށް ސީރިއަސް އަނިޔާތަކެއް ލިބި 6 މީހަކު ވަނީ ނިޔާވެފައެވެ.
އެލައިޑް އިންޝޫރަންސްގެ އެހީތެރިކަމާ އެކު ފުލުހުން ބާއްވާ "ރައްކާ" ގެ ދެވަނަ ކެމްޕޭން އައްޑޫގައި ބޭއްވުމުގެ ކުރިން ފުލުހުން ބުނެފައިވަނީ، އާންމުންނާއި ސްކޫލް ކުދިން ޓްރެފިކް މައްސަލަތަކަށް އަހުލުވެރި ކުރުވަން ތަފާތު ޕްރޮގްރާމްތައް ހިންގާނެ ކަމަށެވެ. އެހެން ނަމަވެސް އެފަދަ ގިނަ ޕްރޮގްރާމްތަކެއް ފުލުހުން ހިންގާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.