Last Updated: November 23, 21:59
Saturday, November 23, 2024
ކޮލަމް

ފެނުގެ ކާރިސާއަށް 1 އަހަރު: އެދުވަހުގެ ހީރޯ ކާނަލް ނާޒިމް ފްރޭމްކުރެވި ޖަލުގައި!

ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވާހަކަދައްކަވަނީ.-- ހަވީރު ފޮޓޯ

މީގެ އަހަރެއްހާ ދުވަސް ކުރިން ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް ދިރިއުޅެމުންދާ ވެރިރަށް މާލޭގެ ރައްޔިތުންނަށް ކުރިމަތިވެގެން ދިޔަ ފެނަށް ޖެހުމަކީ، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގެ ފަހުން ރާއްޖޭގެ އެންމެ ގިނަ ބަޔަކު ހާުލުގައި ޖެހުނު ކާރިސާއެވެ.

ފެނުގެ ކާރިސާގައި އެތައް ބަޔަކު ހާލުގައި ޖެހުނު ދަނޑިވަޅުގައި ރާއްޖޭގެ އިއްޒަތްތެރި ރަޢީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބަކަށް އޭރު ހުންނެވި ޑރ.ޖަމީލު ވެސް ހުންނެވީ ރާއްޖެއިން ބޭރުގައެވެ. ޑރ.ޖަމީލަށް ފަހު ނައިބު ރައީސް ކަމަށް ވަޑައިގެންނެވި އަހްމަދު އަދީބު ވެސް ހުންނެވީ ރާއްޖެއިން ބޭރުގައެވެ.

މުޅި ޤައުމުގެ އާބާދީގެ ބޮޑު އިންސައްތައެއް ފެނަށް ޖެހި ސަރުކާރަށް ޕްރެޝަރު ބޮޑުވި ދަނޑިވަޅުގައި އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރުމަށް ވެސް ގޮވާލިއެވެ. އެ ދަނޑިވަޅުގައި ރައްޔިތުންގެ ރުޅިވެރިކަން ސަރުކާރަށް އަމާޒުވި ނަމަވެސް، ހުރިހާ ރައްޔިތުން އެއްބައިވަންތަ ކުރުވައި މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވުމަށް ކުރިއަށް ވަޑައިގެންނެވީ، ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ ޖަލަށް ލެވިފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމެވެ.

" ސަރުކާރުން ވަނީ މައްސަލަ ހައްލު ކުރަން ފަށާފައި. ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައިފި. މިއީ ޑިޒާސްޓާއެއް ކަމަށް ވަނީ ނިންމާފައި. މިކަމަކީ އެއްވެސް ކޮންޓްރޯލެއްގެ ދަށުގައި އޮތް ކަމެއް ނޫން. ސަރުކާރާ އެކުގައި ތިބުމަށް އެދެން." ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން އޭރު ނާޒިމް ވިދާޅުވެފައިވެއެވެ.

ފެނުގެ ކާރިސާ ހަމައަކަށް އެޅުވުމުގައި އޭރުގެ ޑިފެންސް މިނިސްޓަރު ނާޒިމް ނުފެންނަ ދިމާލެއް އޭރު ނެތެވެ. ފެން ހިފައިގެން ފްލައިޓެއް އަޔަސް އަދި މަނަވަރެއް އައި ކަމުގައި ވިޔަސް އަދި ސަރުކާރަށް އަމާޒުކޮށް އިދިކޮޅު ފަރާތްތަކުން ބަހުގެ ހަމަލާއެއް ފޮނުވާލިއަސް އެކަމަށް ރައްދު ދެއްވަނީ ވެސް ކާނަލް ނާޒިމެވެ. ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ލީޑް ކުރެއްވީ ނާޒިމެވެ.

ޓާސްކް ފޯހުގައި ތިއްބެވި އެހެން މިނިސްޓަރުންގެ މަސައްކަތްތަކަށް ވުރެ ވެސް ގިނަ ބައެއްގެ ތައުރީފް ލިބެމުން ދިޔައީ ކާނަލް ނާޒިމާއި ހޯމް މިނިސްޓަރު އުމަރު ނަސީރަށެވެ. އެ ދެބޭފުޅުން ވަނީ، ފެނުގެ ކާރިސާގެ މައްސަލަ ހައްލުކުރުމަށް ޢަމަލީ ގޮތުން އެމްޑަބްލިއުއެސްސީގެ އިންޖީނުގޭގައި ވެސް މަސައްކަތް ކުރައްވާފައެވެ.

ގާތްގަނޑަކަށް 9 ދުވަސް ފަހުން މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާ ހައްލުކުރެވިގެން ދިޔައިރު ރައްޔިތުންގެ މެދުގައި ކާނަލް ނާޒިމްގެ މަޤްބޫލުކަން ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވެއެވެ. ބައެއް ބޭފުޅުން ސިފަކުރި ގޮތުގައި އެދުވަހުގެ ހީރޯ އިންނަކީ ނާޒިމާއި ޓާސްކް ފޯސްގައި ހިމެނިވަޑައިގަންނެވި މިނިސްޓަރުންނެވެ. ކާނަލް ނާޒިމް ކުރެއްވި އަގުހުރި މަސައްކަތްތައް ގިނަ ބަޔަކު ބަލައިގަތެވެ. ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް ނާޒިމަށް ތައުރީފުގެ ބަސްތައް އޮއްސާލާފައި ވެއެވެ.

ނާޒިމްގެ މަޤްބޫލްކަން އިތުރުވެގެން ދިޔުމަކީ، ފެނުގެ ކާރިސާގެ މައްސަލަ ހައްލުކުރުމަށް ކުރެވުނު މަސައްކަތުގައި ހަވާސާއިން ބޭރުގައި ތިއްބެވި، ރައީސް ޔާމީނާއި އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި އަހްމަދު އަދީބަށް ހަޖަމު ކުރެވޭނެ ކަމަކަށް ނުވިއެވެ. އެބޭފުޅުން ދެކެވަޑައިގަތީ، ނާޒިމްގެ މަޤްބޫލުކަން އިތުރުވާން ފެށުމަކީ، އެބޭފުޅާ ވެރިކަމަށް ވަޑައިގެންނެވުމަށް މަސައްކަތް ކުރައްވަފާނެ ކަމެއް ކަމުގައެވެ. ނާޒިމްގެ މަޤްބޫލުކަން ނައްތާލުމަށް އަދީބު އާއި ރައީސް ޔާމީން ބަޢިއަތު ހިއްޕެވި ހިސާބަކީ މިއީއެވެ.

މި ބައިޢަތަކަށް ފަހު ގިނަ ރައްޔިތުންގެ ލޯބި ލިބިވަޑައިގެންފައިވާ މިނިސްޓަރ ނާޒިމް ސަރުކާރުގެ ހަފްލާތަކުން ގެއްލެން ފެށިއެވެ. ސަރުކާރުން ބާއްވާ ހަފްލާތަކުން ނާޒިމް ނުފެންނާތީ އެކަމާއި ގިނަ ބަޔަކު ސުވާލު އުފައްދަމުން ދަނިކޮށް މުޅި ޤައުމު ސިއްސުވާލީ، ކާނަލް ނާޒިމްގެ ގެކޮޅަށް ދަންވަރު ގަޑީގައި ފުލުހުން ވަދެ "އެއްޗިހިތަކެއް" ހޯދި ހިސާބުންނެވެ.

ފަހުން ފުލުހުން ހާމަކުރި ގޮތުގައި ކާނަލް ނާޒިމްގެ ގެކޮޅުން ހޯދާފައި ވަނީ "ފިސްތޯލަ" އެކެވެ. އަދި "ނުޖޫމީ" ޕެންޑްރައިވެކެވެ. އެންމެ ފުރަތަމަ ދުވަހު ވެސް މިލިޓަރީގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅަކު، ބާލީސް ދަށަށް ފިސްތޯލައެއް ލައިގެން ނިދިކުރައްވަފާނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ގިނަ ބަޔަކު ބުނަމުން ގެންދާ ވާހަކަ އަކީ ސަރުކާރުން ކާނަލް ނާޒިމް ފްރޭމް ކުރީ ކަމަށެވެ.

ޤާނޫނީ ނިޒާމް ފުނޑާލުމަށް ފަހު ކާނަލް ނާޒިމްގެ މައްޗަށް ކުރެވުނު ޝަރީޢަތަކަށް ފަހު އެމަނިކުފާނު ހުންނެވީ، 11 އަހަރަށް ޖަލަށް ލެވިފައެވެ. ނަމަވެސް އެމަނިކުފާނުގެ މަޤްބޫލުކަން އިތުރުވުން ނޫން ކަމެއް ނުވެއެވެ. ކާނަލް ނާޒިމް ވެރިކަމަށް ވަޑައިގެންނެވުމަށް މަސައްކަތް ކުރައްވަފާނެ ކަމަށް އަހްމަދު އަދީބު ރައީސް ޔާމީނަށް ދެއްވި "ވަސްވާހު"ގެ ހިތިކަން މިއަދު ހަމަގައިމުވެސް އެބޭފުޅާގެ އަރުތެރޭގައި ލާނެ ކަން ކަށަވަރެވެ.

ކާނަލް ނާޒިމް ޖަލަށް ލެވުނީ ފްރޭމްކޮށްގެން ކަން އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ޔާމީން ކިތަންމެ ވަރަކަށް ވިދާޅުވި ނަމަވެސް އެވާހަކަތައް ދިވެހި ރައްޔިތުން ޤަބޫލެއް ނުކުރާނެއެވެ. ބޭވަފާތެރި ނައިބު ރައީސަކީ ކޮންބޭފުޅެއް ކަމާއި ވެރިކަމަށް ވަޑައިގަތުމަށް ބޭނުންފުޅުވެގެން އުޅެއްވީ ކޮން ބޭފުޅެއްކަން މިއަދު ރައީސް ޔާމީނަށް ވަރަށް ރަގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އޭރު ވެސް މިހާރު ވެސް ކާނަލް ނާޒިމަކީ ރައްޔިތުންގެ ހީރޯއެކެވެ. ޒީރޯއަކަށް ވާނީ ރައީސް ޔާމީނާއި އަހްމަދު އަދީބެވެ.