Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

ވިއްސާރައިގައި ގެއްލުން ލިބުނު އާއިލާތަކަށް ދެތިން ދުވަހެއްގެ ތެރޭގައި އެހީދޭނަން: ކައުންސިލް

ފާއިތުވި ނޮވެމްބަރު މަހު އައްޑޫ އަށް ކުރި ވިއްސާރައިގައި ފޭދުއާއި، މަރަދޫ ފޭދުއަށް ބޯކޮށް ވާރޭވެހި ގެއްލުން ލިބުނު އާއިލާތަކަށް ކުރިއަށްއޮތް ދެތިންދުވަސްތެރޭ އެހީދޭން ފަށްޓަވާނެ ކަމަށް ސިޓީކައުންސިލުން ބުނެފިއެވެ.

ކައުންސިލްގެ އޮފިޝަލަކު އައްޑޫލައިވް އަށް މައުލޫމާތު ދެމުން ވިދާޅުވި ގޮތުގައި އެ އާއިލާތަކަށް އެހީވުމަށް ސިޓީކައުންސިލުން ހުޅުވާފައިވާ ފަންޑަށް މިހާތަނަށް ލިބިފައިވަނީ ދެލައްކަ ނަވާވީސް ހާސް ރުފިޔާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭގެ ތެރެއިން ދެލައްކަ ރުފިޔާއަކީ ފަންޑު ހުޅުވިރޭ ސިޓީކައުންސިލުން ހަދިޔާކުރި ފައިސާއެވެ. ނަވާވީސްހާސް ރުފިޔާއަކީ ނޮވެމްބަރު 27 ވަނަ ދުވަހު އެމްޑީޕީން ބޭއްވި މުޒާހަރާގައި ބެހެއްޓި ފަންޑު ފޮށްޓަށް ލިބިފައިވާ ފައިސާއެވެ.

'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި އެމްޑީޕީ އިން ބެހެއްޓި ފަންޑު ފޮށްޓަށް ލިބުނު ފައިސާ މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ކައުންސިލާއި ހަވާލުކުރާނެއެވެ.

ކައުންސިލުން ފަންޑު ފޮށި ހުޅުވާފައިވަނީ، ހައުސިން މިނިސްޓްރީގެ އައްޑޫގެ ޑިޕާޓްމެންޓް ވެސް ގުޅިގެންނެވެ. ނަމަވެސް ފަހުން އެ އިދާރާގެ އެއްބާރުލުމެއް ކައުންސިލަށް ލިބިފައި ނުވާކަމަށް ވެއެވެ.