ޕީޕީއެމްގެ ސަރުކާރަށް 2 އަހަރު ވެގެން ދިޔައިރުވެސް އެ ވަޢުދުތައް ފުއްދަން އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ. އައިޓީ ޕާކް ޤާއިމްކުރަން އެއްވެސް މަސައްކަތެއް މިހާތަނަށް ސަރުކާރުން ކޮށްފައި ނުވާއިރު އެވާހަކަ އެއްގޮތަކަށް ވެސް ނުދައްކަވައެވެ. ދޭތެރެއަކުން 100 އެނދުގެ ހޮސްޕިޓަލްގެ އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައެވެ. ނަމަވެސް ޖެހިގެން އަންނަ ދުވަހު، ކުއްލިގޮތަކަށް ބީލަން ކެންސަލްކޮށްލަނީއެވެ.
ވާނުވާއެއް ރައްޔިތުންނަކަށް ސާފެއް ނުވެއެވެ. ސާފުކޮށްދޭން މަސައްކަތް ކުރަން ތިބޭ ބަޔަކަށް މަޢުލޫމާތު ދޭކަށް ވެސް ސަރުކާރުން ބޭނުމެއް ނުވަނީއެވެ. އައްޑޫގެ ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ފަތުރަމުން ގެންދާ ޕްރޮޕެގެންޑާތަކުގެ ހަގީގަތް ހާމަވެދާނެތީ ޖެހިލުންވަނީ ކަމަށް ވެސް ވެދާނެއެވެ.
ސަރުކާރުގެ އޮފިޝަލުން ވިދާޅުވަމުން ގެންދަވާ ވާހަކައަކީ، ޔަޤީންކަމާއި އެކު ހޮސްޕިޓަލް އަޅާނެ ވާހަކައެވެ. 2014 ވަނަ އަހަރު އައްޑޫއަށް ވަޑައިގެން ރައީސް ޔާމީން ވިދާޅުވެފައިވަނީ، އެ އަހަރު ނިމުމުގެ ކުރިން ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އެ މަސައްކަތް ނުފެށި، 2015 ވަނަ އަހަރު ވެސް މިވަނީ ނިމުމަކަށް އައިސްފައެވެ.
ދެން އޮތީ އެސްއީޒެޑްގެ ދަށުން އައްޑޫގައި ބޮޑެތި މަޝްރޫޢުތައް ފެށިގެންދާނެ ކަމަށް ރައީސް ޔާމީން ދެއްވި ޔަޤީންކަމުގެ ވާހަކައެވެ. 2014 ވަނަ އަހަރުގެ ތެރޭގައި އައްޑޫގައި ބޭއްވި ކެމްޕެއިން ހަފްލާއެއްގައި ރައީސް ޔާމީން ވިދާޅުވީ އެސްއީޒެޑްގެ ފަސޭހަތަކާ އެކު ރާއްޖެ އަށް ބިޔަ މަޝްރޫއުތަކާ އެކު އިންވެސްޓަރުން އަންނަ އިރު "އައި ހެވަން"ގެ އިތުރުން އައްޑު އާއި ފުވައްމުލައް އަދި ހުވަދު އަތޮޅު ހިމެނޭ ގޮތަށް ވެސް ވަރުގަދަ އިގުސާދީ ނާރެސްތައް ރާއްޖޭގައި އުފެދިގެން ދާނެ ކަމަށެވެ.
އެ ވާހަކަތައް ދެއްކެވިތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ. ރައީސް ޔާމީން ވިދާޅުވި ފަދަ އިގްތިސާދީ ނާރެހެއް ދެކުނުގެ އެއްވެސް ހިސާބެއްގައި އުފެދިގެނެއް ނުދެއެވެ. ވަޒީފާގެ ފުރުސަތުތައް ތަނަވަސް ވެފައި ނެތުމުން އައްޑޫގެ ރައްޔިތުން ތިބީ މާޔޫސްވެފައެވެ. ރަށުގައި ހުރި މައްސަލަތައް ހައްލުކުރެވޭނެ ކަމުގެ ޔަޤީންކަމެއް މިއަދު އެމީހުންނަކަށް ނެތެވެ.
2 އަހަރު ދުވަސް ފާއިތުވެގެން ދިޔައިރު ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ނުފެށިގެން އުޅެނީ ކީއްވެގެން ކަން ހާމައެއް ނުކުރެއެވެ. ސަރުކާރު "ވަރުބަލިވެގެން" ހޮސްޕިޓަލުގެ މަސައްކަތް ވަނީ "މަޑުޖައްސާލާފަ" އެވެ. އައިޓީ ޕާކުގެ ވާހަކަ އެނގޭ ވެރިއެއް ސަރުކާރުގެ އެއްވެސް އިދާރާއެއްގައި ނެތެވެ. އެސްއީޒެޑްގައި ދެކުނުގެ މައިގޭޓަށް އައްޑޫ ހަދާނެ ކަމަށް ވިދާޅުވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބަންދުކުރެވުނު ގޮތަށް އެސްއީޒެޑްގެ ދަށުން އައްޑޫގެ ރައްޔިތުންނަށް ލިބޭނެ ކަމަށް ސަރުކާރުން ވިދާޅުވި މަންފާތައް ވެސް ބަންދުކުރެވުނީ ކަން ނޭނގެއެވެ.