ފާއިތުވި ނޮވެމްބަރ މަހުގެ ތެރޭގައި އައްޑޫއަށް ކުރި ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ފަރާތްތަކަށް ސަރުކާރުގެ ފަރާތުން ގެންދަވަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެއާއި އެކު އެއްބަޔަކު ސަރުކާރަށް ސަނާ ކިޔަމުން އެބަގެންދެއެވެ. ރައީސް ޔާމީނާއި ދާއިރާގެ މަޖިލިސް މެންބަރުގެ ހެޔޮފުޅުކަމުގެ ވާހަކަ ދައްކަވަނީއެވެ. އަނެއް ބަޔަކު ސަރުކާރާއި އިދިކޮޅު މެންބަރު އެހީތެރިވާން ނާންނަ ކަމަށް ބުނެ އޭނާއަށް ފާޑުކިޔަނީއެވެ.
ޑިމޮކްރެސީގެ އަވައިގައި ޖެހިފައިވާ އަޅުގަނޑުމެންގެ ރާއްޖޭގައި މާރާމާރީއެއް ހިނގި އަސް ތަނެއްގައި އަލިފާން ރޯވެ އެތައް ބައެއްގެ ފުރާނަ ގެއްލުނު ކަމުގައި ވިއަސް ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރަނީ ކޮންމެ ގޮތެއް ހަދާފައި ވިއަސް ސިޔާސީ މަންފާއެއް ހޯދޭތޯއެވެ. ސިޔާސީ ގޮތުން މެޑަލް ޖެހުމަށެވެ. އައްޑޫއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު އާއިލާތަކަށް ފައިސާގެ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ދިޔައިރުވެސް ފެންނަމުން ދިޔައީ ވަކި ބަޔަކު މެޑަލް ޖަހަން މަސައްކަތް ކުރަމުން ދިޔަ މަންޒަރެވެ.
އައްޑޫ ސިޓީގައި ސަރުކާރުގެ ކޯޑިނޭޓަރުންނާއި މެނޭޖަރުން ތިއްބަވަނިކޮށް، ފައިސާގެ އެހީ ދިނުމަށް ފޮނުވާފައި ވަނީ ފިނޭންސް މިނިސްޓްރީ އާއި ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުގެ މުވައްޒަފުންގެ މައްޗަށް އެކުލެވޭ ޓީމެކެވެ. މިކަމަކީ އައްޑޫގައި ހަރަކާތްތެރިވާ ކޯޑިނޭޓަރުންނާއި ވަކިން ޚާއްސަ ގޮތެއްގައި ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހާލުގައި ޖެހުނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ކުރި މަސައްކަތް ފަނޑުވެދާނެ ކަމެއް އެމީހުންނަށް ޤަބޫލުކުރެވުނީއެވެ.
ހާލުގައި ޖެހުނު ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި ޓީމަށް ވުރެ ވިދުން ގަދަކޮށް ފެނުނީ މަޖިލިސް މެންބަރު އައިބީ އާއި ޕީޕީއެމްގެ އެކްޓިވިސްޓުންނެވެ. "ޝުކުރިއްޔާ ރައީސް ޔާމީން" އަދި "ޝުކުރިއްޔާ އައިބީ" ކިޔަމުން ސޯޝަލް މީޑިޔާގައި އެއް ބަޔަކު އެހީ ބަހަމުން ދިޔަ މަންޒަރުގެ ފޮޓޯތައް އާންމު ކުރަމުން ދިޔައެވެ. އެ ފޮޓޯތަކުން މަޖިލިސް މެންބަރު އަމިއްލަފުޅަށް މީހުންނާއި ސިޓީ އުރަތައް ހަވާލުކުރާ މަންޒަރާއި ފައިސާ ގުނާ މަންޒަރު ވެސް ފެނެއެވެ.
އެ ފޮޓޯތަކާއި އެކު ސޯޝަލް މީޑިޔާގައި ރައީސް އަބްދުﷲ ޔާމީންގެ "ދީލަތި އެހީތެރިކަން" އައްޑޫ ރައްޔިތުންނަށް ލިބެމުންދާ ކަމަށް އެއްބަޔަކު ގެންދިޔައީ ޚަބަރު ފަތުރަމުންނެވެ. ހާލުގައި ޖެހުނު ރައްޔިތުންނަށް ބަހަނީ ދައުލަތުގެ ފައިސާއެވެ. އެއީ ދިވެހި އެންމެހާ ރައްޔިތުންގެ ފައިސާއެވެ. ކަންމަތީ ފިހާރައިން ވިޔަފާރި ކުރާ އިރު ދައްކާ %6 ޖީއެސްޓީ އިން ލިބޭ ފައިސާއެވެ. އެއީ ރައީސް އަބްދުﷲ ޔާމީން ނުވަތަ މަޖިލިސް މެންބަރު އިބްރާހިމް ދީދީގެ ފައިސާއެއް ނޫނެވެ. ނުވަތަ ޕީޕީއެމްގެ އެކައުންޓެއްގައި ހުރި ފައިސާއެއް ނޫނެވެ.
2013 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ރައީސް އަބްދުﷲ ޔާމީން އާއި ހަވާލުކޮށްފައިވަނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ވަޒީފާއެވެ. އެއީ ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ހާލު ބައްލެވުމާއި ޤައުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ހަވާލު ކުރެވުނު ވަޒީފާއެކެވެ. ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެބޭފުޅާގެ ވަޒީފާގެ ޒިންމާއެކެވެ. ވަޒީފާގެ ޒިންމާތައް ރައީސް އަބްދުﷲ ޔާމީން އަދާކުރެއްވަނީ ހިލޭ ސާބަހަށް ތޯއެވެ؟
ޖަވާބަކީ، ނޫނެކެވެ. ދައުލަތުގެ ޚަޒާނާއިން ކޮންމެ މަހަކުވެސް އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމަށާއި ދިރިއުޅުމުގެ ކަންތައްތަކަށް ޚަރަދުކުރެވެމުން ދަނީ ވަކި ހައްދެއް ބެލުމެއް ނެތިއެވެ. އެކަމާއި ރައްޔިތުން ސުވާލެއް ނުއުފައްދައެވެ. ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މުސާރައިގެ އެއްބައި ނުނެންގެވިޔަސް ދިވެހި ރައްޔިތުންގެ ފައިސާއިން އެމަނުކުފާނަށް ކޮންމެ ދުވަހަކަށް ބެލި ކަމުގައި ވިޔަސް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކުރެވެއެވެ. ރައްޔިތުންނަށް ރައީސް ޔާމީން ޝުކުރު އަދާކުރައްވާފައެއް ނުވެއެވެ. ރައްޔިތުންގެ "ދީލަތިކަމުގެ" ވާހަކަ އެމަނިކުފާނު ނުދައްކަވައެވެ.
އެހެން ކަމުން ހާލުގައި ޖެހުނު ރައްޔިތުންނަށް ދައުލަތުގެ ޚަޒާނާގައި ހުރި ފައިސާއިން އެހީތެރިކަން ފޯރުކޮށްދިނުމަކީ، ރައީސް ޔާމީންގެ "ހެޔޮފުޅުކަމާއި" "ދީލަތިކަމުގެ" މިސާލެއް ތޯއެވެ؟ ނުވަތަ މެންބަރު އިބްރާހިމް ދީދީގެ "ހެޔޮފުޅުކަން" ހެއްޔެވެ؟
ނުވަތަ އެއީ ކޮންމެ ދުވަހަކު 6% ޖީއެސްޓީ ދައްކައިގެން ދައުލަތް މުއްސަނދި ކުރައްވަމުން ގެންދާ ނިކަމެތި ރައްޔިތު މީހާގެ ހެޔޮފުޅުކަން ނޫން ދެން ކޯޗެއް ތޯއެވެ؟