ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިސްލާމިކް ބޭންކިން ހިދުމަތް ކަމުގައިވާ "ބީއެމްއެލް އިސްލާމިކް" އިތުރަށް ފުޅާކޮށް ވިޔަފާރިތަކަށް އަމާޒުކޮށްގެން "ވަދީއާ ބިޒްނަސް އެކައުންޓް"ގެ ނަމުގައި އާ ޑިޕޮސިޓް އެކައުންޓެއް ތައާރަފްކޮށްފި އެވެ.
ބީއެމްއެލް އިން މިއަދު ބުނީ މި ހިދުމަތަކީ ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، އިސްލާމީ އުސޫލުން ބޭންކިން ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފްކުރެވުނު ހިދުމަތެއް ކަމަށެވެ. ވަދީއާ ބިޒްނަސް އެކައުންޓަކީ ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ އަދި އިސްލާމިކް ބޭންކިންއާ ގުޅޭ ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތަށްް ފޯރުކޮށްދެވޭ ހިދުމަތެއް ކަމަށްވެސް ބުނެ އެވެ. އަދި މިގޮތުން ކަސްޓަމަރުން ޖަމާކުރާ ފައިސާ ބެހެއްޓޭނީ ވަކި ފަންޑެއްގައި އަދި މިފައިސާ ބޭނުންކުރެވޭނީ ހަމައެކަނި ޝަރުއީ ހަމަތަކާ އެއްގޮތަށް ހާއްސަކޮށްފައިވާ ކަންކަމަށް އެކަނި ކަމަށްވެސް ބީއެމްއެލް އިން ބުނެ އެވެ.
ބީއޭމްއެލް އިސްލާމިކްގެ ހިދުމަތް ފޯރުކޮށްދެމުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބީއެމްއެލްއިން ގާއިމުކޮށްފައިވާ ބްރާންޗް، އޭޓީއެމް އަދި ޕީއޯއެސް ނެޓްވޯކްތައް މެދުވެރިކޮށެވެ.
ވިޔަފާރިތަކަށް ބީއެމްއެލް އިސްލާމިކްގެ ހިދުމަތް ފުޅާކުރުމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ ބީއެމްއެލް އިން އިސްލާމީ އުސޫލުން ދޭ ބޭންކިންގެ ހިދުމަތްތައް ދުވަހުން ދުވަހަށް ފުޅާކޮށް އާންމު ފަރުދުންނަށާއި ވިޔަފާރިތަކަށް ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި މިއަދު ތައާރަފްކުރެވިގެން ދިޔަ ވަދީއާ ބިޒްނަސް އެކައުންޓް މެދުވެރިކޮށް ވިޔަފާރިތަކަށް ބީއެމްއެލްގެ އިސްލާމިކް ބޭންކިންގެ ހިދުމަތްތައް ހޯދުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަަށާއި އަދި ވިޔަފާރިތަކުގެ މާލީ ބޭނުންތަކާއި ގުޅޭ މައުލޫމާތު ހޯދުމަށް އިސްލާމިކް ބޭންކިންގެ ވަކި ހާއްސަ ޓީމެއްގެ އެހީތެރިކަން ވިޔަފާރިވެރިންނަށް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
މި އަހަރު ކުރީކޮޅު ވަދީއާ ޕާސަނަލް އެކައުންޓާއި އެކު ބޭންކް އޮފް މޯލްޑިވްސް އިން "ބީއެމްއެލް އިސްލާމިކް"ގެ ހިދުމަތް ތައާރަފްކުރުމުން، ބީއެމްއެލް ވެގެން ދިޔައީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން އިސްލާމިކް ބޭންކިން ހިދުމަތް ދޭން ފެށި ފުރަތަމަ ބޭންކަށެވެ. އަދި ބީއެމްއެލް އިސްލާމިކް ވިސާ ޑެބިޓް ކާޑު ކަސްޓަމަރުންނަށް ދޫކުރަން ފެށުމާއި ގުޅިގެން ރާއްޖެއިން ބޭރުގައާއި އޮންލައިންކޮށް ޕޭމަންޓް ހެދޭގޮތަށް އިސްލާމީ އުސޫލުން ދިވެހިރާއްޖޭގައި ތައާރަފުކުރެވުނު ފުރަތަމަ އިންޓަނޭޝަނަލް ޑެބިޓް ކާޑަށް ބީއެމްއެލްގެ ޑެބިޓް ކާޑު ވަނީ ވެފަ އެވެ.