ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ދީދީ (އައިބީ) އާއި ގުޅޭ މައްސަލައެއް އިދިކޮޅު އެމްޑީޕީ އިން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައި ފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމައްސަލަ އެމްޑީޕީއިން ހުށަހަޅާފައިވަނީ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދަވާ މަސައްކަތްތަކާއި އެމަނިކުފާނާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ޤާނޫނާ ޚިލާފް ކަންކަން ކުރައްވަމުން ގެންދަވާތީ ކަމަށް ބުނެ މިދިޔަ ހޯމަދުވަހު އޭސީސީ އަށް ހުށަހެޅި 3 މައްސަލަ ތަކުގެ ތެރޭގައެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައިބީއާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަކީ ނޮވެމްބަރު މަހުގެ ފަހުކޮޅު އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތަކަށް ސަރުކާރުން ފޯރުކޮށްދޭ ފައިސާގެ ޢިނާޔަތް ބެއްސެވުމުގައި އައިބީ ޢަމަލީ ގޮތުން ސަރުކާރުގެ ޓީމުތަކާއެކު މަސައްކަތް ކުރައްވާފައިވާތީ އެކަމާއި ގުޅޭ މައްސަލައެކެވެ.
އެމްޑީޕީގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް ވިދާޅުވީ އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ރައްޔިތުންނާ ޙަވާލު ކުރައްވަމުން ގެންދަވާއިރު، އެ މަސައްކަތުގައި އައިބީ ބައިވެރިވުމަކީ ސަރުކާރުގެ ފައިސާ ބޭނުންކޮށްގެން އައިބީ އަށް އެކަމުން ފައިދާތަކެއް ކޮށްދިނުމުގެ ބޭނުމުގައި ސަރުކާރުން ކުރާ ކަމަކަށް ޤަބޫލުކުރެވޭތީ މި މައްސަލަ ބައްލަވައިދެއްވުމަށް އޭސީސީގައި އެދިފައިވާ ކަމަށެވެ.
އެމްޑީޕީ އިން އައިބީގެ މައްސަލައެއް އޭސީސީ އަށް ހުށަހަޅާފައިވާއިރު، ދާދިފަހުން ރާއްޖޭގެ މީޑިޔާއަކަށް ދިން އިންޓަވިއުއެއްގައި އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވެފައިވާ ގޮތުގައި މިއީ އިންތިހާބުގެ ދުވަސް ވަރަކަށް ވެސް ނުވާތީ ފައިސާ ބެހުމުގައި އައިބީ ހަރަކާތްތެރިވުމަކީ މާ ބޮޑު މައްސަލައެއް އޮތް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.