ޔުއޭފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖަރުމަނުގެ ވޫލްސްބާގް ގެ އަތުން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް އަނެއްކާވެސް ޗެމްޕިއަންސް ލީގާ ދުރަށް ދާން ޖެހިއްޖެއެވެ.
ޖަރުމަނުގައި ކުޅުނު މިމެޗުގެ ވަރަށް ކުރީކޮޅުގައި މެންޗެސްޓާ ޔުނައިޓެޑް އިން ވަނީ ގޯލު ޖަހާފައެވެ. މެޗުގެ 9 ވަނަ މިނެޓުގައި މިގޯލު ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް އެންތޮނީ މާޝިއަލް އެވެ. ޔުނައިޓެޑުން ލީޑު ނެގިތާ 3 މިނެޓުފަހުން ވޫލްސްބާގް އިން ވަނީ ލިބުނު ހިލޭ ޖެހުމަކުން ތަނަވަސް ކުރި ފުރުސަތެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. 13 ވަނަ މިނެޓުގައި މިގޯލު ކާމިޔާބުކޮށްދިނީ ޑިފެންޑަރ ނަލްޑޯ އެވެ.
މެޗުގެ 29 ވަނަ މިނެޓުގައި ވޫލްސްބާގް ގެ ޑްރޭކްސްލާ ތަނަވަސްކޮށްދިން ފުރުސަތަކުން ވިއަަރީނިއާ ވަނީ ގޯލު ޖަހައި ލީޑު ނަގާފައެވެ.
ފުރަތަމަ ހާފު ނިމެން ކައިރި ވެފައިވަނިކޮށް މެންޗެސްޓާ ޔުނައިޓެޑުން ޖެހި ގޯލެއް ރެފްރީވަނީ އޮފްސައިޑް ކަމުގައި ނިންމާފައެވެ. ލައިންސްމަން މި ނިންމުން ނިންމީ ވޫލްސްބާގް ކުޅުންތެރިން ޝަކުވާ ކުރީތީ ކަމަށް ބެލެވެއެވެ. ގޯލު އޮފްސައިޑް ކަމުގައި ނިންމީ ގާތްގަނޑަކަށް ދެ މިނެޓު ވިފަހުންނެވެ.
ދެވަނަ ހާފުގައި ދެ ޓީމުވެސް ވަނީ ނަތީޖާ އަށް ބަދަލެއް ގެނެވޭތޯ ވަރަށް މަސައްކަތް ކޮށްފައެވެ. ދެ ޓީމުގެ ގޯލުކީޕަރުން ވަނީ މިކަމަށް އެޅުނު ހުރަހަކަށެވެ. މެޗުގެ 82 ވަނަ މިނެޓުގައި ވޫލްސްބާގްގެ ޑިފެންޑަރަކު ކްލިއާ ކުރަން އުޅުނު ބޯޅައެއް އަމިއްލަ ގޯލުގެ ތެރެއަށް ވަދެގެން މެންޗެސްޓާ ޔުނައިޓެޑަށް ވަނީ ކުޑަ ހިތްވަރެއް ލިބިފައެވެ. ނަމަވެސް އަނެއްކާވެސް ދެ މިނެޓު ފަހުން ވޫލްސްބާގް އިން ވަނީ ލިބުނު ކޯނަރެއް ގޯލުގެ ތެރެއަށް ވައްދައި 2-3 އަށް މެޗުގެ ނަތީޖާ ބަދަލުކޮށްފައެވެ.
މިގްރޫޕުގެ އެއްވަނައިގައި އޮވެ ދެވަނަ ބުރަށް ދަތުރު ކުރީ ވޫލްސްބާގް އެވެ. ދެވަނަ ލިބުނީ ޕީއެސްވީ އަށެވެ.
އަހަރަކަށް ވުރެ ގިނަދުވަހެއްގެ އިންތިޒާރަކަށް ފަހު މިސީޒަނުގައި ޗެމްޕިއަންސް ލީގާ އަލުން ބައިވެރިވެ މިހާ އަވަހަށް މުބާރާތާ އަލްވަދާއު ކިޔަން ޖެހުމުން ކުޅުންތެރިންގެ އިތުރުން ސަޕޯޓަރުންވެސް ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.
ބައެއް ސަޕޯޓަރުން މެނޭޖަރުގެ އިސްތިއުފާ އަށް ގޮވިއިރު ބައެއް ސަޕޯޓަރުން ތިބީ ލީގުލިބުމުގެ އުއްމީދުގައެވެ.
އެހެންނަމަވެސް ކުރިއަށް އޮތް ދުވަސް ތަކަކީ އިތުރަށް ޔުނައިޓެޑަށް ދަތިވާނެ ދުވަސްތަކެވެ. ރޭގެ މެޗަށްފަހު ފުރަތަމަ އެގާރައިން 9 ކުޅުންތެރިޔަކު ވަނީ އަނިޔާގެ ސަބަބުން ކުޅުމާ ދުރަށް ދާން ޖެހިފައެވެ.
ޗެމްޕިއަންސް ލީގުން ކަޓައި ދެން ޔުނައިޓެޑް ކުޅެން ޖެހޭނީ ޔޫރޮޕާ ލީގުގައެވެ.