ހިތަދޫގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ފަސްކުރުމަށްފަހު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތްތަކާއި ވަސީލަތްތައް އިތުރަށް ތަރައްގީކުރަން ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުގެ ފަރާތުން މިކަން ހާމަކުރީ ސަރުކާރުގެ އިނޮކޮމިކް ކައުންސިލްގައި ހިމެނޭ ވަޒީރުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝާރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ.
ޝައިނީ ވިދާޅުވީ އައްޑޫގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލާއި އައްޑޫގެ ސިއްހީ ހިދުމަތް ތަރައްގީކުރުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ދައްކަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. އައްޑޫ ހޮސްޕިޓަލްގެ މަސައްކަތަށް މިއައި ބަދަލާއި ގުޅިގެން މިހާރު ހުރި ހިތަދޫ ހޮސްޕިޓަލްގެ ވަސީލަތްތަކާއި ހިދުމަތްތައް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން ހިމެނޭ ގޮތަށް ޕްލޭނަކާއި ޕްރޮޕޯސަލެއް ތައްޔާރުކޮށް އިކޮނޮމިކް ކައުންސިލަށް ހުށަހަޅަން ހެލްތް މިނިސްޓްރީއަށް މިހާރު އަންގާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިއްޔެ ފުރަތަމަ ފަހަރަށް އިކޮނޮމިކް ކައުންސިލްގައި އައްޑޫ ހޮސްޕިޓަލްގެ މައްސަލާގައި މަޝްވަރާކުރެވި ނިންމުނު ގޮތް މިހާރު މި ހާމަކުރަނީ. ރައީސް ބޭނުންވަނީ ވަސީލަތްތައް ތަރައްގީކޮށް ރަނގަޅު ސިއްހީ ހިދުމަތެއް އަވަހަށް ފޯރުކޮށްދޭން،" ޝައިނީ ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލް ނާޅަން އެއްވެސް ނިންމުމެއް ސަރުކާރުން ނިންމާފައި ނެތް ކަމަށެވެ. ނޫސްވެރިންގެ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ އައްޑޫގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލް އެޅުމަށް ބޭރުން ލިބެން ބޭނުންވާ 20 މިލިއަން ޑޮލަރު ސައުދީ ފަންޑާއި އޯޕެކް ފަންޑުން ހަމަޖެހިފައިވާ ކަމަށެވެ. ސައުދީ ފަންޑުން 12 މިލިއަން ޑޮލަރު ލިބިފައިވާއިރު ބާކީ ބައި ހަމަޖެހިފައިވަނީ ކުވެއިތު ފަންޑުން ކަމަށާއި އެއީ ގާތްގަނޑަކަށް ދެ ޕަސަންޓްގެ އިންޓްރެސްޓް ރޭޓުގައި ލިބުނު ލޯން އެހީއެއް ކަމުގައިވެސް ވިދާޅުވި އެވެ.
އައްޑޫ ސިޓީގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް މިސަރުކާރުން މިދިޔަ މަހުގެ 19 ދުވަހު ކުރި އިއުލާން ވަނީ މިދިޔަ މަހުގެ 26 ވަަނަ ބާތިލްކޮށްފަ އެވެ. މި އިއުލާން ބާތިލްކުރި ސަބަބު ސަރުކާރުން އޭރު ބުނެފައެއް ނުވެ އެވެ.
އައްޑޫގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ވެސް ސަރުކާރުން ހުޅުވާލި އެވެ. ނަމަވެސް އޭރު ބީލަން ބާތިލްކުރީ ނުވަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށް ހަ ފަރާތެއް ޕްރީކޮލިފައި ވެސް ކޮށްފައި ވަނިކޮށެވެ.
އައްޑޫގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަކީ ރައީސް އަބްދުﷲ ޔާމިންގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ވެރިކަމަށް 2 އަހަރު ފުރިގެން ދާއިރު ވެސް މިވަޢުދު ފުއްދިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.