އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑައުރިސް އިއްޔެ އައްޑޫ ޒިޔާރަތެއް ކުރައްވައިފި އެވެ.
އިނގިރޭސި ސަފީރުގެ މިދަތުރުފުޅުގައި އައްޑޫ ސިޓީ ކައުންސިލާއި އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލަށް ވެސް ވަނީ ޒިޔާރަތް ކުރައްވާފައެވެ.
ކައުންސިލްގެ މީޑިޔާ އޮފިޝަލް ވިދާޅުވި ގޮތުގައި އެ އިދާރާގައި ކައުންސިލަރުންނާ އެކު ބޭއްވި ބައްދަލުވުމުގަައި ޖޭމްސް ވަނީ އައްޑު އަށް ދަތުރު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ކައުންސިލްގެ މަސައްކަތްތަކާއި ކައުންސިލްގެ ތަސައްވުރާ ބެހޭ ގޮތުން ވެސް ސަފީރު މައުލޫމާތު އޮޅުން ފިލުވާފައިވާ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުން ވަނީ ސަފީރަށް ހަނދާނީ ފިލައެއް ވެސް ބައްދަލުވުމުގައި އަރުވައިފަ އެވެ.
އަންހެނުންގެ ކޮމިޓީ އާ އެކު ބޭއްވި ބައްދަލުވުމުގައި ސަފީރު ވިދާޅުވީ ތަރައްގީގެ ކަންކަމުގައި އަންހެނުގެ ދައުރު އޮތުމަކީ މުހިއްމު ކަމެއް ކަމަށާއި އައްޑޫގެ އަންހެނުންގެ ކޮމިޓީއަކީ ތަރައްގީ އަށް ލާބަ ހުރި މަސައްކަތްތަކެއް ކުރާ ގާބިލް ކޮމިޓީއަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޖޭމްސް ވިދާޅުވި އެވެ.
އައްޑޫ ހައި ސްކޫލަށް ކުރެއްވި ޒިޔާރަތުގައި ސަފީރު ވަނީ އެ ސްކޫލްގެ ގޯތި ތެރޭގައި ގަހެއް ވެސް އިންދަވައި ދެއްވައިފަ އެވެ. އަދި ސްކޫލްގެ މެނޭޖްމަންޓާއާއި ބައެއް ދަރިވަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ސަފީރު ވަނީ މޮޅެތި ކާމިޔާބީތައް ހޯދައި ކޮންމެ ދަރިވަރަލީ ވެސް ތައުލީމީ ކުއްޖަކަށްވުމަށް އެދިވަޑައިގެންފަ އެވެ.