އައްޑޫގައި ފެންވަރު ރަގަޅު ހޮސްޕިޓަލެއް އެޅުމަށް އިންޑިޔާއިން ޝައުޤުވެރިކަން ފާޅުކުރި ނަމަވެސް އެކަމަށް ސަރުކާރުގެ ފަރާތުން މިހާތަނަށް ވަކި ޖަވާބެއް ދީފައި ނުވާކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.
ހެލްތް މިނިސްޓްރީގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، އިންޑިޔާ ސަރުކާރުން އައްޑޫގައި ހޮސްޕިޓަލެއް އެޅުމަށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އެކަމަށް މިހާތަނަށް ސަރުކާރުން ވަކި ޖަވާބެއް ދީފައި ނުވާކަމަށެވެ. އެކަމާއި ބެހޭގޮތުން ސަރުކާރުގެ ޖަވާބެއް ނުލިބިގެން ހެލްތް މިނިސްޓްރީ އާއި އިންޑިޔާގެ ހައި ކޮމިޝަނުގެ ބޭފުޅުން އޭރު މަޝްވަރާކުރުމުން އައްޑޫގައި "100 އެނދުގެ ހޮސްޕިޓަލެއް" އަޅަން ސަރުކާރުން ނިންމާފައިވާ ވާހަކަ ސަރުކާރުން ހިއްސާކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ވަކި ޖަވާބެއް ސަރުކާރުން ދީފައި ނުވާކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ފާއިތުވި މެއި މަހުގެ ތެރޭގައި އައްޑޫގެ ސަރަޙައްދީ ބަނދަރުގައި އޮތް އިންޑިޔާގެ ކޯސްޓްގާޑެއްގައި ބޭއްވި ޙަފްލާހެއްގައި ވާހަކަދައްކަވުމުން އިންޑިޔާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނާރ ސަންޖޭ ރަނާ ވިދާޅުވެފައިވަނީ އިންޑިޔާގެ އެހީގައި މާލޭގައި އިމާރާތްކޮށްފައިވާ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލާއި އެއް ފެންވަރެއްގެ ހޮސްޕިޓަލެއް އައްޑޫގައި ވެސް އެޅުމަށް އިންޑިޔާ އިން ޝައުގުވެރިވާ ކަމަށާއި ސަރުކާރުގެ ޖަވާބަކަށް އިންތިޒާރު ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން މާލޭގައި ބިނާ ކުރި އިންދިރާ ގާނދީ ހޮސްޕިޓަލް މިދަނީ ބޮޑޫ ހޭދައެއް ކޮށް މަރާމާތު ކުރަމުން، އެތަނަށް އިންޑިއާ ސަރުކާރުން، 10 މިލިއަން ޑޮލަރު ހަރަދު ކުރަމުން މިދަނީ. އެތަން މަރާމާތުކޮށް އެތަނުގެ ހިދްމަތް ރަނގަޅު ކުރުމުގެ މަސައްކަތް މިދަނީ ކުރިއަށް. އައްޑޫގެ ސިއްހީ ނިޒާމް ހަރުދަނާ ކުރުމަށްވެސް އަޅުގަނޑުމެން ބޭނުން. ސަރުކާރުގެ އެއްބާރުލުން ބޭނުން" ސަންޖޭ ރަނާ ވިދާޅުވެފައި ވެއެވެ.
އިންޑިޔާއިން އައްޑޫގައި ހޮސްޕިޓަލެއް އަޅަން ޝައުޤުވެރިކަން ފާޅުކުރުމުން އެކަމަށް ސަރުކާރުން ހުއްދަ ދީފައި ނުވާއިރު، އައްޑޫގައި ބިނާކުރާނެ ކަމަށް ބުނެފައިވާ، "100 އެނދުގެ ހޮސްޕިޓަލް" އެޅުމަށް ވުރެ މިހާރު އިސްކަން ދެނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރަން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.