Last Updated: November 23, 21:29
Saturday, November 23, 2024
ޚަބަރު

އަދީބަށް ވެސް ޝަރުޢީ ނިޒާމް ގޯސްވެއްޖެ! ވިދާޅުވަނީ އިންސާފު ލިބޭނެކަމުގެ އުއްމީދެއް ނެތް ކަމަށް

ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމް އޮތް ހާލަތު އެންމެންނަށް ވެސް އެނގޭ ކަމަށާއި އިންސާފު ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް ކުރީގެ ނަައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

އަދީބު މިގޮތަށް ވިދާޅުވެފައިވަނީ، އިންޑިއާގެ "ދަ ނިއު އިންޑިއަން އެކްސްޕްރެސް" އަށް ފޮނުއްވައި އެ މަނިކުފާނުގެ ނަންފުޅުގައި އެ ނޫހުގެ މިއަދުގެ އަދަދުގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައެވެ. އަދީބު ވިދާޅުވެފައިވަނީ ރައީސް ޔާމީން ހުންނެވީ މަކަރުވެރި ބައެއްގެ އަތްދަށުގައި ތާށިވެފައި ކަމަށާއި އެ މަނިކުފާނަށް އެނގިވަޑައިނުގެން ހީލަތްތެރިކަމާ އެކު އެ މަނިކުފާނުގެ ބާރުތައް ފޭރިގަތުމަށް އެ މީހުން މަސައްކަތްކުރާ ކަމަށެވެ.

"ދަ ނިއު އިންޑިއަން އެކްސްޕްރެސް' ގައި ޝާއިއުކޮށްފައިވާ ލިޔުމުގައި އަދީބު ވިދާޅުވެފައި ވަނީ ޝަރުއީ ނިޒާމް އޮތް ގޮތުން އިންސާފު ނުލިބޭނެކަން އެނގިވަޑައިގަންނަވާ ކަމަށާއި ބިރުވެތި ވަނީ ހަމައެކަނި އަމިއްލަ ނަފްސަށް ވެދާނެ ގޮތަކަށް އެކަނި ނޫން ކަމަށެވެ. ގައުމުގެ މުސްތަގުބަލާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ވާދަވެރިން ހަލާކުކޮށްލުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް ވެސް އަދީބު ވިދާޅުވެފައި ވެއެވެ. އަދި 2018 ގެ އިންތިޚާބު އޮވެދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އަދީބު ވިދާޅުވެފައި ވެއެވެ.

ގައުމަށް ސިޔާސީ ހެޔޮ ބަދަލެއް އައުމަށް ދުޝްމަނުން ފުރުސަތު ނުދޭނެ ކަމަށާއި ގާނޫނުތަކަށް ބޯ ނުލަނބާނެ ކަމަށް ވެސް އަދީބު ވިދާޅުވެފައި ވެއެވެ. މިނިވަން މުއައްސަސާތަކާއި ޒުވާނުން ތިބެންޖެހިފައި ވަނީ "ފައިދަށުގައި" ކަމަށާއި މިހާ ހިސާބަށް ކަންކަން ގޮސްފައިވާ ސަރުކާރެއްގައި ދެން ކަމެއް ރަނގަޅުވާނެ ކަމަށް އުންމީދުނުކުރައްވާ ކަމަށް ވެސް އަދީބު ވިދާޅުވެފައި ވެއެވެ. ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެ އެކަހެރިވަމުންދާ ކަމަށް ވެސް އަދީބުގެ ލިޔުމުގައި ފާހަގަކުރައްވާފައި ވެއެވެ.

އަދީބު ހައްޔަރުކުރީ ޗައިނާގައި އޮތް އިންވެސްޓްމަންޓް ފޯރަމް ނިންމަވާލެއްވުމަށް ފަހު އޮކްޓޫބަރު 24 ވަނަ ދުވަހު ރާއްޖެއަށް ވަޑައިގަންނަވައި މަތިންދާބޯޓުން ފައިބައިވަޑައިގެންނެވި ވަގުތެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އެ މަނިކުފާނުގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފައިވާ އިރު އެއްވެސް ޝަރީއަތުގެ މަޖިލީހަށް ދޫނިދޫ އިން މާލެ ގެންނަވާފައެއް ނުވެއެވެ.