އައްޑޫ ސިޓީގައި ހޮސްޕިޓަލުއެޅުމަށް ވެރިކަން ކުރާ ޕީޕީއެމްއަށް ސޮއިކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަރިހުގައި ސަލާން ނުޖަހާނެކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ބ. ތުޅާދޫގައި އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްވަމުން ރޮޒައިނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުން ވަޑައިގެން މަޖިލީހުގައި އައްޑޫ ތަމްސީލް ކުރައްވާ މެމްބަރުން ޕީޕީއެމަށް ސޮއިކޮށްގެން ހޮސްޕިޓަލް އެޅުމަށް މަސައްކަތް ކޮށްދެއްވުމަށް އެދި ލައްވަމުން ގެންދަވާ ކަމަށެވެ. ރޮޒެއިނާ ވިދާޅުވީ، މަޖިލީހުގެ މެމްބަރުންނަކީ ތަރައްގީގެ މަޝްރޫތައް ހިންގާ ބައެއް ނޫން ކަމަށާއި އެ ކަންކުރަންޖެހޭ ފަރާތަކީ ސަރުކާރުން ކަމަށެވެ.
ސަރުކާރަށް ސަލާން ޖަހަށްވަޑައި ނުގަންނަވާނެ ކަމަށާއި ރައްޔިތުން ޓެކްސް ދައްކަމުން ދާއިރު، ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަކީ ސަރުކާރަށް ލާޒިމް ކަމެއް ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒެއިނާ މިގޮތަށް ވާހަކަ ދައްކަވާފައި ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ހަބީބު އައްޑޫ އަށް ވަޑައިގެން ބައެއް މީހުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި އައްޑޫ ހޮސްޕިޓަލް އެޅުމަށް، ހިތަދޫގައި އަށް ނިސްބަތްވާ 3 މެންބަރުން ސަރުކާރާއި ގުޅެން ޖެހޭނެ ކަމަށް ބުނެ ވާހަކަ ދައްކާފައިވާތީއެވެ.
"ބޯދާ ވިސްނުން ޑރ. ހަބީބު އަޅުގަނޑުމެންނަށް ވިސްނައިދޭން އެއްގޮތަކަށް ވެސް އުޅުއްވާނެ ކަމެއް ނެތް. މި ޒަމާނަކީ ތިކަހަލަ ޖާހިލުންނަށް ފުރުސަތު އޮތް ޒަމާނެއް ނޫން. ތިބުނާ ގޮތެއް އަޅުގަނޑުމެން ނުހަދާނަން،" ރޮޒައިނާ ވިދާޅުވިއެވެ.
އައްޑޫގައި "100 އެނދުގެ ހޮސްޕިޓަލް" އެއް އަޅާ ވާހަކަ ސަރުކާރުން ފުރަތަމަ ހާމަކޮށްފައި ވަނީ 2005 ވަނަ އަހަރުއެވެ. ނަމަވެސް 14 އަހަރު ފާއިތުވެގެން ދިޔައިރުވެސް މި ހޮސްޕިޓަލުގެ އަމަލީ އެއްވެސް މަސައްކަތެއް ފެށިފައެއް ނުވެއެވެ.