ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ނިންމުމަކީ ރައީސް އަބްދުﷲ ޔާމީން ހައްދަވާނެ އެންމެ ބޮޑު ގޯސްކަމުގައި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، " ރައީސުލްޖުމްހޫރިއްޔާ ހައްދަވާނެ އެންމެ ބޮޑު ގޯހަކީ 60 އަހަރު ފަހުން ރާއްޖެއަށް މަރުގެ ހުކުމް ތަޢާރަފްކުރުން" ކަމަށެވެ. ޝަހީދުގެ މިޓްވީޓާއި ގުޅިގެން ސޯޝަލް މީޑިޔާގައި ގިނަ ބައެއްގެ ފާޑުކިޔުން އެބޭފުޅާއަށް އަމާޒުވެފައިވި ނަމަވެސް މިހާތަނަށް ސަރުކާރުން އެބޭފުޅާއަށް އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ. ނަމަވެސް ރާއްޖޭގެ ގިނަ ބަޔަކު އެ ޓްވީޓާއި ގުޅިގެން ސޯޝަލް މީޑިޔާގައި ހިތްހަމަ ނުޖެހުން ފާޅުކުރަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.
One of d biggest mistakes @presidencymv can make is re-introduce d death penalty after a 60 yr moratorium @MDVForeign @CHRI_INT @DPInfoCtr
— ahmed shaheed (@ahmedshaheed) December 12, 2015
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރަން ނިންމުމާއި ގުޅިގެން ޑރ.ޝަހީދުގެ ފާޑުކިޔުން ދިވެހި ސަރުކާރަށް އަމާޒުވެފައިވާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިރާނުގައި މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލުމަށް ވެސް ޑރ. ޝަހީދު ވަނީ ގޮވާލައިފައެވެ. އެކަމާއި ގުޅިގެން އިރާނު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ޑރ.ޝަހީދަކީ ކޮރަޕްޓް ބޭފުޅެއް" ކަމަށެވެ.
ކުރީގެ ރައީސް މައުމޫނާއި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ވެސް ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. ޝަހީދަކީ، ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމާއި ދެކޮޅަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ދެކޮޅު ހައްދަވަމުން ގެންދަވާ ބޭފުޅާކަން ފާހަގަކޮށްލެވެއެވެ.