އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ދެ ބާރު ކަމަށްވާ މެންޗެސްޓާ ސިޓީ ކުޅުނު މެޗުން މޮޅުވެ ތާވަލުގެ އެއްވަނައަށް ދިޔައިރު ޔުނައިޓެޑް ބޯންމައުތްގެ އަތުން ބަލިވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ސްވެންސީއާ ދެކޮޅަށް ކުޅުނު މެޗުގެ 90 މިނެޓު ހަމަވީ ސިޓީ 0-1 ގެ ނަތީޖާ އަކުން ކުރީގައިއޮވެއެވެ. ސްވެންސީއަށް މެޗުގެ ނަތީޖާ އެއްވަރުކޮށް ދިނީ 90 ވަނަ މިނެޓުގައި ގޯމިސް އެވެ.
އިންޖަރީ ވަގުތުގައި ސިޓީ އަށް ލީޑު ނަގާދިނީ ޔާޔާ ޓޫރޭ އެވެ. ގޯލުގެ ކަނަށް ފޮނުވި ބާރު ބޯޅައެއް ސިޓީގެ ކުޅުންތެރިއެއްގެ ފައިގައި ޖެހި ވަނީ ޑިފްލެކްޓް ވެފައެވެ.
32 ޕޮއިންޓާއެކު ލެސްޓާއާ އެއްހަމައެއްގައި ސިޓީ އޮތް އިރު ކުރީގައި އޮތީ ލެސްޓާއަށްވުރެ އެއްމެޗު އިތުރަށް ކުޅެގެންނެވެ. އެއްވަނައަށް އެރުމަށް ލެސްޓާ މިރޭ ޗެލްސީއާ ކުޅެ ޕޮއިންޓެއް ހޯދަން ޖެހެއެވެ.
ބޯންމައުތް އަދި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު އަމިއްލަ ދަނޑުގައި ބޯންމައުތް ކާމިޔާބުކޮށްފިއެވެ. އަނިޔާގެ ސަބަބުން ސީނިއާ ޓީމުގެ 9 ކުޅުންތެރިންނާ ނުލައި ކުޅުނު މިމެޗުގައި ޔުނައިޓެޑްގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ.
މެޗުގެ ފުރަތަމަ މިނެޓުގެ ތެރޭގައި ލިބުނު ކޯނަރެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ބޯންމައުތް ވަނީ ލީޑު ނަގާފައެވެ.
24 ވަނަ މިނެޓުގައި ނަތީޖާ އެއްވަރު ކޮށްދިނީ މެރުއޭން ފެލައިނީއެވެ. ބޯންމައުތް ލީޑު ނެގީ 54 ވަނަ މިނެޓުގައި ކިންގް ޖަހާދިން ގޯލަކުންނެވެ. މިއީ މިސީޒަނުގައި ޔުނައިޓެޑް ބަލިވި 3 ވަނަ މެޗެވެ. 3 މެޗުން ވެސް ބަލިވެފައި ވަނީ ރަށުން ބޭރުގައެވެ.
ޕްރިމިއާ ލީގުގައި ރޭގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ކްރިސްޓަލް ޕެލެސް އަދި ވަޓްފޯޑް ވަނީ 0-1 ގެ ނަތީޖާ އަކުން މޮޅުވެފައެވެ. ޕެލެސް ކުޅުނީ ސައުތްހެމްޕްޓަން އާ އެވެ. ވަޓްފޯޑް މޮޅުވީ ސަންޑަލޭންޑް އާ ކުޅެއެވެ.
އެވަޓަން އަދި ނޯވިޗް ސިޓީ ކުޅުނު މެޗު ވަނީ 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެފައެވެ. ސްޓޯކް ސިޓީ އާއި ވެސްޓްހެމް އެއްވަރުވީ ލަނޑެއް ނުޖެހި އެވެ.
ޕްރިމިއާ ލީގުގައި މިރޭވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެއެވެ. އެގޮތުން ލީގު އެއްވަނަ އަށް ވާދަ އާސެނަލް ކުޅެނީ އެސްޓަން ވިލާއާ ދެކޮޅަށެވެ. މިމެޗު ކުޅެނީ ރާއްޖެ ގަޑިން ހަވީރު 30 6ގައެވެ. ލިވަޕޫލްއާ ވެސްޓް ބްރޮމް ބައްދަލުކުރާމެޗު ފެށެނީ ރާއްޖެ ގަޑިން 9:00 މިނެޓުގައެވެ.