ފުލުހުންގެ މުއައްސަސާއަށް އިތުބާރު ހޯދުމުގެ ވާހަކަ މެދުކެނޑުމެއް ނެތި ފުލުހުންގެ އިސްވެރިން ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދައްކަމުން ގެންދެއެވެ. ނަމަވެސް ރައްޔިތުންގެ އިތުބާރު ފުލުހުންނަށް ލިބުން މިވަނީ ދަތިކަމަކަށް ވެފައެވެ.
ގިނަ ފަހަރަށް ފުލުހުންގެ ތެރެއިން ވަކި ބަޔަކު ކުރާ ގޯސް ކަންތައް ތަކުގެ ސަބަބުން، މުޅި ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓިގެން ދަނީއެވެ. އަދި އެ ގޯސްކޮށް އަމަލުކުރި ފުލުހުންނާއި މެދު ފިޔަވަޅު އެޅިގެންދާ ތަނެއް ނުފެނުމަކީ ވެސް ގިނަ ބައެއްގެ ނަފްރަތު ފުލުހުންގެ މުއައްސަސާއަށް އަމާޒުވާން ޖެހިފައިވާ ސަބަބެކެވެ.
ރޭ ވެރިރަށް މާލޭގައި ހިނގާ ދިޔަ ޙާދިސާއެކެވެ. ދިރާގު ހެޑް އޮފީސް ކައިރީގައި ހުރި ނިމާލްގެ (އަސްލު ނަމެއް ނޫން) ފޯނު ސައިކަލެއްގައި އައި ދެމީހަކުން ފޭރިގެން ދިޔައީއެވެ. ނިމާލް ބުނާ ގޮތުން އެމީހުން ދުއްވާފައި ދިޔައީ އައިޖީއެމްއެޗް ހޮސްޕިޓަލުގެ ވަށައިގެން ގޮސް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓްގެ ހުންނަ މަގުންނެވެ. އެ ސަރަހައްދަކީ ފުލުހުންގެ ސީސީޓީވީ ކެމެރާތައް ހަރުކޮށްފައި ހުންނަ ސަރަހައްދެކެވެ.
އެހެން ކަމުން ފޯނު ފޭރިގެން ދިޔަ ބަޔަކު ކެމެރާއަށް އަރާފައި ހުންނާނެ ކަމުގެ އުއްމީދުގައި ނިމާލް ފުރަތަމަ ވެސް ދިޔައީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށެވެ. ފޯނު ފޭރިގަނެގެން ދިޔަ ވާހަކަ ފުލުހުންނާއި ހިއްސާކުރުމަށް ފަހު އެ ސަރަހައްދުގައި ހުރި ފުލުހުންގެ ސީސީޓީވީ ފުޓޭޖުން ފޯނު ފޭރިގެން ސައިކަލުގައި ދިޔަ މީހުން ފެނޭތޯ ބަލައި ދިނުމަށް އެދުނެވެ.
ފުލުހުންގެ ފަރާތުން ލިބުނު ޖަވާބުން ފޯނުގެ ވެރިފަރާތަށް ލިބުނީ އިތުރު ނުތަނަވަސް ކަމެކެވެ. ހިތްދަތިކަމެއް ވެސް މެއެވެ. ފުލުހުން ބުނީ "ކެމެރާ ހުރީ މައްސަލަ ޖެހިފައި" ކަމަށެވެ. އެހެން ކަމުން ފޯނު ފޭރިގެން ދިޔަ ބަޔަކު ހޯދިދާނެ ކަމުގެ އުއްމީދު މިހާރު ނިމާލް އަކަށް ނެތެވެ.
ނިމާލް ބުނި ގޮތުގައި ދެތިން މަހުގެ މުސާރަ އިން ގަތް ފޯނު ގެއްލުމުން ލިބުނު މާޔޫސް ކަމަށް ވުރެ އޭނާ ކަންބޮޑުވަނީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ތިބޭ ފުލުހުންގެ ތެރެއިން ބައެއް މީހުންގެ ފަރުވާ ކުޑަކަމުން "ކެމެރާތަކުގައި މައްސަލަ ޖެހުން" އާންމު ވެފައިވާތީއެވެ. ފުލުހުންގެ ކިބައިން އޭނާ އެދުނީ ފޯނު ފޭރިގެން ދިޔަ ފަރާތް ހޯދުމުގެ އިތުރަށް ވީ އެންމެ އަވަހަކަށް ކެމެރާ ވެސް ރަގަޅު ކޮށްދިނުމެވެ.
އެ ސަރަހައްދަކީ، ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ބަލި މީހުން ޚިދުމަތް ހޯދުމަށް ދާ އައިޖީއެމްއެޗް އަށް ދާ ގިނަ ބަޔަކު ކޮންމެ ދުވަހަކު ވެސް ބޭނުންކުރާ 2 އޭޓީއެމް މެޝިން ވެސް ހުންނަ ސަރަހައްދެވެ. އެ ސަރަހައްދުގައި ހުރި ފުލުހުންގެ ކެމެރާތައް މަސައްކަތް ނުކުރުމަކީ ހަގީގަތުގައި ވެސް ސީރިއަސް މައްސަލައެކެވެ.
ފުލުހުންގެ ކެމެރާތަޢް މަސައްކަތް ނުކުރުމަކީ، މުޅި ފުލުހުންގެ މުއައްސަސާ ފެއިލް ވުމެއް ވެސް ނޫނެވެ. އަދި ފުލުހުންގެ ތެރޭގައި މަސައްކަތް ކުރާ ހީވާގި ފުލުހުންގެ މަސައްކަތުގެ އަގު ވަޒަން ނުކުރުމަށް އޮތް އުޒުރެއް ވެސް ނޫނެވެ. ނަމަވެސް، އެއީ ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާއި މެދު އޮންނަ އިތުބާރު ކުޑަވެގެންދާނެ ކަމެކެވެ.
މާދަމާ ފުލުހުންގެ މަސައްކަތުން ބަޔަކު މީހުން ފޭރިގެން ދިޔަ ނިމާލްގެ ފޯނު ހޯދިދާނެއެވެ. އެހެން ނަމަވެސް "މައްސަލަ ޖެހިފައި ހުރި ކެމެރާތަކުގެ" ވާހަކަ އާއި އެކު ފުލުހުންގެ މުއައްސަސާގެ ތަސްވީރުގައި ޖެހުނު "ލައްގަނޑު" ފިލުވާލުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސަރަހައްދުގައި ފުލުހުންގެ އެހެން ކެމެރާއެއް ވެސް ހުރެއެވެ. އެހެން ނަމަވެސް އެ ކެމެރާ އަށް ފޯނު ފޭރިގަތް މަންޒަރު ނުވަތަ ފޭރިގަތް ބަޔަކު ފިލަން ދުވި މަންޒަރު ކެމެރާއަށް އަރާފައިވާ ކަމެއް ނުވަތަ ނޫންކަން އޮޅުން ފިލުވުމަށް 'އައްޑޫލައިވް' ގެ ފަރާތުން ފުލުހުންގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް ފުލުހުންގެ މީޑިޔާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ ކާމިޔާބު ވާގޮތެއް ނުވެފައެވެ.