އިނގިރޭސި ޕްރިމިއާ ލީގުގައި މިސީޒަނުގައި އެންމެ ގިނަ ބަޔަކު ހައިރާންކޮށް ތާވަލުގެ ކުރީކޮޅުގައި ފައި ހަރުކޮށްފައިވާ ލެސްޓާ ސިޓީ، ޗެމްޕިއަން ޗެލްސީ ބަލިކޮށް އަނެއްކާވެސް ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.
ޗެލްސީގެ މި ބައްޔާއެކު އެމީހުން މިހާރު ލީގުގައި 3 ވަނައަށް އެންމެ ގިނައިން މިސީޒަނުގައި ބަލިވީ ޓީމަށް ވަނީ ވެފައެވެ. ކުޅުނު 16 މެޗުން 9 މެޗު ނިމިފައިވަނީ ޗެލްސީ އަށް ޕޮއިންޓެއް ނުލިބިއެވެ.
ލެސްޓާ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން މޮޅުވީ 1-2 އިންނެވެ. މެޗުގެ ފުރަތަމަ ގޯލު 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިސީޒަނުގައި ޕްރިމިއާލީގުގައި ރެކޯޑު ހަދާފައިވާ ޒުވާން ފޯވާޑް ޖޭމީ ވާޑީއެވެ. މިއީ ވާޑީ މިސީޒަނުގައި ކާމިޔާބު ކުރި 15 ވަނަ ގޯލެވެ. ލީގުގެ ޓޮޕް ސްކޯރާ އަކީ ވެސް އޭނާ އެވެ.
ގޯލު ޖެހުމުގެ ކުރިންވެސް ލެސްޓާ އިން ވަނީ ޗެލްސީ ކޮޅަށް ހަމަލާތައް އުފައްދައި މެޗު ފޯރިގަދަ ކޮށްފައެވެ.
މެޗުގެ ދެވަނަ ގޯލު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ރިޔާދް މަހްރެޒް އެވެ. ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ ކާމިޔާބުކުރި މި ގޯލު މަހްރެޒް ވައްދާލައިފައި ވަނީ ގޯލުގެ ކަނަށެވެ.
ޗެލްސީގެ ހަމައެކަނި ގޯލު ފެނިގެން ދިޔައީ މެޗުގެ 77 ވަނަ މިނެޓުގައި ރެމީގެ ފަރާތުންނެވެ.
16 މެޗުން ލިބުނު 15 ޕޮއިންޓާއެކު ޗެލްސީ މިހާރު އޮތީ ތާވަލުގެ 16 ވަނައިގައެވެ. ރޭގެ މެޗުން ބަލިވެ ޗެލްސީގެ މެނޭޖަރ ހޯސޭ މޮރީނިއޯ ވަނީ މާޔޫސްވެފައެވެ. 'މިހާރު އަހަރުމެންނަށް ޓޮޕް 4 ވަނީ ގެއްލިފައި. މަސައްކަތް ކުރާނީ ޓޮޕް 6 އަށް ދެވޭތޯ. އުއްމީދު ގެއްލުވައެއް ނުލަން.' ނޫސްވެރިޔަކުު ސުވާލު ކުރުމުން މޮރީނިއޯ ޖަވާބު ދިނެވެ.
ގޭމްވީކް ފެށި އިރު 3 ވަނައިގައި އޮތް އާސެނަލް ވަނީ އެސްޓަން ވިލާ ބަލިކޮށް ތާވަލުގެ ދެވަނައަށް އަރާފައެވެ. އެއްވަނައިގައި ލެސްޓާ 35 ޕޮއިންޓާއެކު އޮތް އިރު ދެވަނައިގައި އާސެނަލް އޮތީ ދެ ޕޮއިންޓްގެ ފަރަގަކުންނެވެ. ސިޓީ ތިންވަނައިގައި އޮތީ 32 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގައި އޮތް ޔުނައިޓެޑަށް ލިބިފައިވަނީ 29 ޕޮއިންޓެވެ.