އައްޑޫ ގަން އިންޓަނެޝަަނަލް އެއާޕޯޓް ތަރައްގީގެ މަޝްރޫއުގެ ތެރެއިން ރަންވޭއަށް އަލަށް އިތުރު ކުރި 2000 މީޓަރުގެ މަސައްކަތް ނިންމުމަށް ފަހު މާދަމާ އެއާޕޯޓް ހިންގާ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އާ ހަވާލު ކުރަން ނިންމައިފި އެވެ.
އޭއައިއޭގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަހުމަދު ސައީދު މިއަދު ވިދާޅުވީ ރަންވޭ ބޮޑު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން މިހާތަނަށް 2000 މީޓަރުގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ. އަދި ނިމުނު ބައި އޭއައިއޭ އާއި ހަވާލު ކުރުމަށް ހާއްސަ ރަސްމިއްޔާތެއް މާދަމާ ބާއްވާނެކަމަށެވެ.
ގަން އެއާޕޯޓްގެ ރަންވޭގެ މަސައްކަތް ކުރަމުން އަންނަނީ ޑެންމާކްގެ ހޯގާޑް ކުންފުނިންނެވެ އެކުންފުނިން 2200 މީޓަރުގެ ބައެއް މިހާރުގެ ރަންވޭއަށް އިތުރު ކުރާއިރު މުޅި ރަންވޭ ނިމޭއިރު 3400 މީޓަރު ހުންނާނެކަމަށް އިބްތިސާމާ ވިދާޅުވިއެވެ.
އިބްތިސާމާ ވިދާޅުވީ ރަންވޭ ހަވާލުވުމަށްފަހު އޮޕަރޭޝަންގައި އެ ބައި ބޭންކުރާފަށާއިރު މިހާރު އޮތް ރަންވޭގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންގޮސް މާޗް މަހަށް ރަންވޭގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެކަމަށެވެ.
ގަން އެއާޕޯޓް ތަރައްގީ ކުރަން ހިންގާ މަޝްރޫއުގެ ދަށުން ރަންވޭ ބޮޑު ކުރުމުގެ އިތުރަށް ސީ ޕްލޭން ބޭސްއެެއް ވެސް ހެދުމަށް ވަނީ ނިންމައިފަ އެވެ