Last Updated: November 23, 13:49
Saturday, November 23, 2024
ޚަބަރު

ބޮޑުމަސް ކަނޑަށް ބޭރުކުރުމަށް އެޗްޕީއެލް އިން އެހީތެރިކަން ފޯރުކޮށްދެނީ

އެޗްޕީއެލްގެ ޓަގް ބޯޓް.

އައްޑޫ ސިޓީ މީދޫއަށް ލައްގާފައިވާ ބޮޑުމަސް ކަނޑަށް ބޭރުކުރުމުގައި އެހީތެރިވުމުގެ ގޮތުން ޓަގް ބޯޓެއް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ހިތަދޫ ޕޯޓް ލިމިޓެޑް(އެޗްޕީއެލް) އިން ބުނެފިއެވެ.

އެޗްޕީއެލްގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރަޝީދު (މެޓްރިކްސް މޯޑް) 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި، މީދޫއަށް ލައްގާފައިވާ މަސް ކަނޑަށް ބޭރުކުރުމުގައި އެހީތެރިވުމަށް އެ ކުންފުނީގެ ޓަގް ބޯޓެއް ފޮނުވައި ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން އެދިފައިވާ ކަމަށާއި، އެހެންވެ މީގެ ކުޑައިރުކޮޅެއް ކުރިން ޓަގް ބޯޓެއް މީދޫއަށް ދިއުމަށް ފުރުވާލާފައިވާ ކަމަށެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މީދޫ އަށް ލައްގާފައިވާ ބޮޑުމަސް ކަނޑަށް ބޭރުކުރުމަށް ދޯނި ފަހަރުގައި ވާ އައްސައިގެން މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.

މީދޫ ކޮށިފަންނު ސަރަހައްދަށް ލައްގާފައި ވަނިކޮށް ފެނިފައިވަނީ ބޮޑު މަހުގެ ވައްތަރެއް ކަމަށްވާ ސުޕާމް ވޭލްއެއް ކަމަށް ވެއެވެ.