އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ ޓާމު ނިމެން ކައިރިވަމުންދާ އިރު ތާވަލުގެ ފޯރި ގަދަވާން ފަށައިފިއެވެ. ޗެލްސީ އިިން މި ސީޒަނުގައި ދައްކަމުން އަންނަ އާދައިގެ ކުޅުމުގެ ސަބަބުން އެޓީމު ވަނީ މެނޭޖަރު ހޯސޭ މޮރީނިއޯ މަގާމުން ދުރުކޮށްފައެވެ.
މޮރީނިއޯ ޓީމުގެ މެނޭޖަރުކަމުން ދުރުގައިހުރެ ކުޅުނު ފުރަތަމަ މެޗު އެ ޓީމުން ވަނީ ގަސް ހިޑިންކުގެ އިރުޝާދާއެކު ކާމިޔާބުކޮށްފައެވެ.
މޮރީނިއޯގެ ކުއްލި ވަކިކުރުމާއެކު ޓީމުގެ މަތީ ސަފުގައިތިބި މީހުންވަނީ ސީޒަން ނިމެންދެން ވަގުތީ މެނޭޖަރެއްގެ ގޮތުގައި ނެދަލެންޑްސް ގެ ކޯޗެއް ކަމަށްވާ ގަސް ހިޑިންކް ހަމަޖައްސާފައެވެ.
ގަސް ގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗު ސަންޑަލެންޑް އާ ވާދަކޮށް ޗެލްސީ މޮޅުވެފައި ވަނީ 1-3 އިންނެވެ.
މެޗުގެ ފުރަތަމަ ގޯލު 5 ވަނަ މިނެޓުގައި ކާމިޔާބު ކުރީ އިވެނޮވިކް އެވެ. ދެވަނަ ގޯލު ފެނިގެން ދިޔައީ 13 ވަނަ މިނެޓުގައި މިސީޒަނުގައި ބާސާ އިން ޗެލްސީއަށް އައި ޕެޑްރޯއެވެ.
ޗެލްސީގެ ތިންވަނަ ގޯލު ދެވަނަ ހާފުގެ ކުރީކޮޅުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ އޮސްކާއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ޕްރިމިއާ ލީގުގައި ހިތްދަތިކަން ލިބެމުން އައި ޗެލްސީ ސަޕޯޓަރުންނަށް އާ މެނޭޖަރެއްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން މޮޅުވުމުން ހިތްހަމަ ޖެހުމެއް ވަނީ ލިބިފައެވެ.
ރޭގައި މެންޗެސްޓާ ޔުނައިޓެޑް އަދި ނޯވިޗް ސިޓީ ބައްދަލު ކުރި މެޗު ޔުނައިޓެޑްގެ ދަނޑުގައި ނޯވިޗް ކާމިޔާބު ކޮށްފިއެވެ.
ޑިސެމްބަރު މަހުގައި އަދި މޮޅެއް ލިބިފައި ނުވާ ޔުނައިޓެޑް ރޭގެ މެޗަށް ނިކުތީ އޭގެ ކުރިން މެޗުގައި ބޯންމައުތް އަތުން ބަލިވެ އެ ބަލި ފޫބެއްދުމުގެ އުއްމީދުގައެވެ. އެހެންނަމަވެސް ނޯވިޗް ސިޓީ އިން ވަނީ ކައުންޓާ އެޓޭކުގައި ގޯލު ޖަހައި ޔުނައިޓެޑްގެ ހިތްވަރު ބަލިކޮށްފައެވެ.
ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް މޮޅެއް ލިބިފައި ނުވާތީ މެނޭޖަރު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކުޅުންތެރިންގެ ހިތްވަރު ބަލިވެފައިވާ ކަމަށް މެޗަށް ފަހު ދިން އިންޓަވިއުގައި ލުއިސް ވެން ގާލް ވަނީ ބުނެފައެވެ. ޗެމްޕިއަންސް ލީގުން ކެޓުމާއި، ރަނގަޅު ނަތީޖާ ނުނެރެވޭތީ ސަޕޯޓަރުން ވަނީ މެނޭޖަރު ބޭރު ކުރުމަށް ސޯޝަލް މީޑިއާގައި ހަރު އަޑުންގޮވާލާފައެވެ.