Last Updated: November 26, 20:40
Tuesday, November 26, 2024
ޚަބަރު

ނަރުހަކު ނެތިގެން އެމްބިއުލާންސް ނުފޮނުވި އުޅެނިކޮށް ހިތަދޫ އަންހެނަކު ގެއަށް ވިހައިފި!

އައްޑޫގެ ސިޓީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

އައްޑޫ ސިޓީ ހިތަދޫ އަންހެނަކު ބަނޑުގައި ރިއްސަން ފެށުމުން ހޮސްޕިޓަލަށް ގެންދަން ވެގެން އެމްބިއުލާންސަށް ގުޅައިގެން ގިނަ އިރުތަކެއް ވީއިރުވެސް އެމްބިއުލާންސް ނުފޮނުވިގެން އުޅެނިކޮށް އެ އަންހެން މީހާ އެންމެފަހުން ގެއަށް ވިހައިފިއެވެ.

'އައްޑޫލައިވް'އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މާބަނޑު އަންހެނަކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލާންސް ފޮނުވައި ދިނުމަށް އެދި، ހޮސްޕިޓަލަށް ގުޅުމުން އެމްބިއުލާންސް ނުފޮނުވި ލަސްވެފައިވަނީ، އެވަގުތު ހޮސްޕިޓަލުގެ ޑިއުޓީގައި ތިބި ނަރުހުން 'ސައިބޯން ގޮސްފައި' ވާތީއެވެ.

" ޑިއުޓީގައި ތިބި އެންމެން ތިބީ ސައިބޯން ގޮސްފައި. އިމަޖެންސީ ރޫމްގައި ހުރި ނަރުސް މީހާ އެކަނި ހުރީ. އެހެންވެ އޭނާއަކަށް ނެތް އެތަން ދޫކޮށްފައި ދެވޭކަށް ވެސް" ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފަކު ބުންޏެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި މުވައްޒަފު ބުނި ގޮތުގައި އެމްބިއުލާންސަށް ލަސްވެގެން ހޮސްޕިޓަލަށް ގުޅަން ފެށުމުން، ނަރުހަކާއި ނުލައި ދިއުމަށް ވެސް ހޮސްޕިޓަލުގެ ޑިއުޓީގައި ހުރި އިދާރީ މުވައްޒަފަކު އެމްބިއުލާންސްގެ ޑްރައިވަރަށް އެންގި ކަމަށެވެ. ނަމަވެސް ނަރުހަކާއި ނުލައި އެފަދަ ކޭސް އެއްގައި ދިއުމަށް ޑްރައިވަރު އިންކާރު ކުރި ކަމަށާއި ފަހުން 2 ނަރުހަކު ގޮވައިގެން ދިޔައިރު އެ އަންހެން މީހާ ވިހާފައިވާ ކަމަށް ވެސް 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި މުވައްޒަފު ވަނީ މައުލޫމާތު ދީފައެވެ.

އެންމެ ފުރަތަމަ 2 ނަރުހުންނާއި އެކު އެގެއަށް ދިޔަ އެމްބިއުލާންސުގައި އަންހެން މީހާ ހޮސްޕިޓަލަށް ގެނެސްފައިވާއިރު، ތުއްތު ކުައްޖާ ހޮސްޕިޓަލަށް ގެނެސްފައިވަނީ ފަހުން ގައިނީ އަކާއި ހޮސްޕިޓަލުގެ 2 ނަރުހަކު އެގެއަށް ދިޔަ އެމްބިއުލާންސެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އަންހެންމީހާ އާއި ތުއްތު ކުއްޖާގެ ހާލުވެސް ރަގަޅެވެ.