Last Updated: November 27, 06:09
Wednesday, November 27, 2024
ޚަބަރު

ސަރުކާރުން ހިންގާ ކޮރަޕްޝަން ހުއްޓުވައިގެން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރެވޭނެ: އަދާލަތު

ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަމަށް އޮތް ހަމައެކަނި ގޮތަކީ މުވައްޒަފުން މަދުކުރުން ނޫން ކަމަށާއި އޭގެ ބަދަލުގައި ސަރުކާރުތެރޭގައި ހިންގާ ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލުތައް ހުއްޓުވައިގެން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރެވޭނެ ކަމަށް އަދާލަތު ޕާޓީއިން ބުނެފިއެވެ.

އަދާލަތު ޕާޓީގެ ފަރާތުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަނާއި ފަސާދައިގެ ބޮޑެތި މައްސަލަތައް ހުއްޓުވާ، ބޭކާރުގޮތުގައި، އެތައް ގުނައަކަށް އިތުރުކުރަމުންދާ ސިޔާސީ މަޤާމްތައް މަދުކޮށްގެން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރެވޭނެ ފައިސާ ދައުލަތުގެ ބަޖެޓުން ހަމަޖެއްސޭނެ ކަމުގައި އެ ޕާޓީ އިން ދެކޭ ކަމަށެވެ.

އަދި ކުއްލިގޮތަކަށް ސިވިލް ސާވިސް މުވައްޒަފުން މަދުކުރުމުގެ ވިސްނުން ގެންގުޅޭކަން ސަރުކާރުން ހާމަކޮށް އެކަން ތަންފީޒުކުރުމަށް ހަލުވި ފިޔަވަޅު ތަކެއް އަޅަން ފަށާފައިވާތީ އެކަމާއި މެދު ވެސް އަދާލަތުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

އަދާލަތު ޕާޓީ އިން ބުނެފައިވަނީ މުވައްޒަފުން މަދުކުރުމަކީ އޭގެ ސަބަބުން މެދުފަންތީގެ ގިނަ އާއިލާތަކެއް ނިކަމެތިވުމުގެ ބިރު އެބައޮތް ކަމަށާއި ނަތީޖާއެއްގެ ގޮތުން އިޤްތިސާދީ ފަރަޤު ބޮޑުވެ ނިކަމެތިން އިތުރަށް ނިކަމެތިވަމުން އަންނަ އައުން ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމަށެވެ.

"ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަބޮޑުކުރުން އޮތް ހަމައެކަނި ގޮތަކީ، މުވައްޒަފުން މަދުކުރުން ކަމުގައި ސަރުކާރުން ބުނާ ބުނުމަކީ އަދާލަތު ޕާޓީ އިން ޤަބޫލުކުރާ ވިސްނުމެއް ނޫނެވެ. އޭގެ ބަދަލުގައި ސަރުކާރުގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަނާއި ފަސާދައިގެ ބޮޑެތި މައްސަލަތައް ހުއްޓުވާ، ބޭކާރުގޮތުގައި، އެތައް ގުނައަކަށް އިތުރުކުރަމުންދާ ސިޔާސީ މަޤާމްތައް މަދުކޮށްގެން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރެވޭނެ ފައިސާ ދައުލަތުގެ ބަޖެޓުން ހަމަޖެއްސޭނެ ކަމުގައި މި ޕާޓީ އިން ދެކެމެވެ."

އަދާލަތުގެ ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ސިވިލް ސާވިސްގައި މިވަގުތު ތިބި މުވައްޒަފުން މަގުމަތިކޮށްލުމުގެ ބަދަލުގައި، އެ މުވައްޒަފުންނަށް ސަރުކާރުގެ ކުންފުނިތަކުންނާއި އަމިއްލަ ވިޔަފާރިތަކުގައި ތެރެއިން ދެމެހެއްޓެނިވި ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށްޓަކައި ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލަން ޖެހޭނެ ކަމަށް އެ ޕާޓީއިން ދެކޭ ކަމަށެވެ.