އެމްޑީޕީ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ސިވިލް ސާރވިސް ގެ މުވައްޒަފުންގެ އަދަދު ގިނަ ކަމުގައި ވީނަމަވެސް ހިޔުމަން ރިސޯރސް އޯޑިޓެއް ނުހައްދަވައި، ހަމައެކަނި އެއްވުޒާރާއަކަށް އަމާޒުކުރައްވައިގެން 75 މުވައްޒަފުން އެއްފަހަރާ ވަކިކުރެއްވުމަކީ އެއްގޮތަކަށް ވެސް ޤަބޫލުކުރެވޭކަމެއް ނޫން ކަމަށެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، "މުސްތަޤިއްލު ޚިދުމަތެއްގެ ގޮތުގައި ޤާނޫނު އަސާސީ އާއި ޤާނޫނުން ސިވިލް ސަރވިސްއެއް އުފައްދަވައި، އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުމާއި މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު މިނިވަން ޤާނޫނީ ޝަޚްޞެއްގެ ގޮތުން ސިވިލް ސަރވިސް ކޮމިޝަނާ ޤާނޫނީ ގޮތުން މަތިކުރެވިފައިވަނިކޮށް، ފިނޭންސް މިނިސްޓްރީގެ މުހިއްމު ސެކްޝަންތަކެއް އުވާލައްވައި އަދި 75 މުވައްޒަފަކު އެ މިނިސްޓްރީގެ ވަޒީފާތަކުން ކުއްލި ގޮތަކަށް ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ނިންމަވައި، އަދި ޤާނޫނު އަސާސީން ލިބިދޭ ހަޅުތާލުކުރުމުގެ ޙައްޤު އެ މުވައްޒަފުން ބޭނުންކޮށްފި ނަމަ މުސާރަ ކަނޑުއްވާލުމާއި އެނޫން ގޮތްތަކަށް ވެސް ޢަމަލުކުރައްވާނޭކަމުގެ ބިރުދައްކަވައި އިންޒާރުދެއްވައި، ޤާނޫނު އަސާސީއާ ބީރައްޓެހި ވާހަކަފުޅުދައްކަވާފައި ވާތީ އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ. "
ފިނޭންސް މިނިސްޓްރީގެ 75 މުވައްޒަފަކު އެ މިނިސްޓްރީގެ ވަޒީފާތަކުން ކުއްލިގޮތަކަށް ވަކިކުރެއްވުމަށް ނިންމެވުމަކީ އެ މުވައްޒަފުނާއި އެ މުވައްޒަފުންގެ ޢާއިލާތަކަށް ކުއްލިގޮތަކަށް ލިބިގެންދާ ބޮޑު ގެއްލުމަކާއި ނިކަމެތިކަމެއްގެ އިތުރުން، ސިވިލް ސަރވިސް ކޮމިޝަނާ ޤާނޫނީ ގޮތުން މަތިކުރެވިފައިވާ މަސްއޫލިއްޔަތެއްގެ ތެރެއަށް ޤާނޫނާ ޚިލާފަށް ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވަދެވަޑައިގަތުމެއް ކަމަށް ދެކޭ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ރައީސް ޢަބްދުﷲ ޔާމިން ހަރުކަށި ބަސްފުޅު ރައްދުކުރައްވައި، ސިވިލް ސަރވިސްގެ ވަޒީފާތަކަކީ އެމަނިކުފާނު ދެއްވާ އެއްޗެއްގެ ގޮތުގައި ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވާފައިވާތީ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
ރައީސް ޢަބްދުﷲ ޔާމިންގެ އަމުރުފުޅަށް ފިނޭންސް މިނިސްޓްރީން 75 މުވައްޒަފުން އެއްފަހަރާ ވަކިކުރެއްވުމުގެ މައްސަލާގައި އެ މުވައްޒަފުން އިޙްތިޖާޖުކުރުމުގެ ގޮތުން ހަޅުތާލުކުރުމުން އެކަމުގައި ރައީސް ޢަބްދުﷲ ޔާމިން އެ މުވައްޒަފުންނަށް ހަރުކަށި ބަސްފުޅުތައް ރައްދުކުރައްވައި މުސާރަ ކަނޑުއްވާލާނޭ ކަމަށާއި އަދި އެނޫން ވެސް ފިޔަވަޅު އަޅުއްވާނޭކަމުގެ އިންޒާރުދެއްވި ދެއްވުމުން އެނގެނީ އެމަނިކުފާނު މިރާއްޖޭގެ ޤާނޫނު އަސާސީއާ ބީރައްޓެހިފުޅު ކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.
އަދި އެމަނިކުފާނުގެ އެ އިންޒާރަކީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް ދެއްވާފައިވާ އިންޒާރެއްކަން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.