އިތުރު ރިސޯޓުތަކެއް ތަރައްޤީކޮށްގެން އެތައް ހާސް އެނދެތުކެއް ޤާއިމްކުރުމަކީ، ދެތިން މަހުން ނިންމާލެވޭނެ މަސައްކަތެއް ނޫނެވެ. ގަން އެއާޕޯޓަށް އިންޓަނޭޝަނަލްފްލައިޓްތައް އޮޕަރޭޓްކުރަން މާޗް މަހު ފެށޭނެ ކަމަށް ބުންޏަސް އެކަން ވެސް ކުރެވެން އޮތީ އިތުރު ރިސޯޓުތަކެއް ވެސް ތަރައްޤީކޮށްގެންނެވެ. އެއީ އަހަރުތަކެއް ނަގާނެ ކަމެކެވެ.
އައްޑޫއަށް ފަތުރުވެރިން ގެނައުމުގައި މިހާރު އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ އެތެރޭގެ އުދުހުންތަކުގެ ޓިކެޓްތަކުގެ އަގެވެ.
ރާއްޖޭގެ މަޝްހޫރު ޓްރެވެލް އެޖެންސީއެއްގައި މަސައްކަތް ކުރައްވާ ފަރާތަކުން 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނި ގޮތުގައި، އެތެރޭގެ އުދުހުންތަކުގެ ޓިކެޓްތަކުގެ އަގު ބޮޑު ވުމަކީ ވެސް ފަތުރުވެރިން އައްޑޫއަށް ގެނައުމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.
" ބައެއް ފަތުރުވެރިން ޝަކުވާ އެބަކުރޭ، ކީއްވެހޭ ޑޮމެސްޓިކް އެހާ އަގު ބޮޑީ. އަނެއްހެން ޝަކުވާ އެއް ނުކުރޭ ރިސޯޓުތަކުން ދޭ ޚިދުމަތްތަކުގެ ފެންވަރާއި މެދު. އިންޓަނޭޝަނަލް ފްލައިޓަށް ނަގާވަރު ގާތްގަނޑަކަށް އެބަނަގާ ޑޮމެސްޓިކަށް."
މިވަގުތު ސ.ގަމާއި މާލެ އާއި ދެމެދު ދަތުރު ކުރަނީ ހަމައެކަނި 'މޯލްޑިވިއަން' ގެ ފަރާތުންނެވެ. އެ އެއާލައިން އިން ފަތުރުވެރިއަކަށް މާލެއިން ގަމަށް އެއްކޮޅު ޓިކެޓް ވިއްކަނީ، -/3614 ރުފިޔާ( 234.37 އެމެރިކާ ޑޮލަރު) އަށެވެ. ދެކޮޅު ޓިކެޓްގެ އަގަކީ، -/7227 ރުފިޔާ (468.68 އެމެރިކާ ޑޮލަރު) އެވެ. ނަމަވެސް ބައެއް ފަހަރަށް އެއަށް ވުރެ ބޮޑު އަގުގައި ވެސް ފަތުރުވެރިން ދަތުރުކުރަން ޖެހިފައި އެބަހުއްޓެވެ.
" ފަތުރުވެރިން އެބަ ސުވާލުކުރޭ، ކީއްވެގެންހޭ 'މޯލްޑިވިއަން' ގައި 277 ޑޮލަރަށް ބެންކޮކް ދެކޮޅު ޓިކެޓް ލިބޭއިރު، ގަމުން މާލެއަށް އެހާ ބޮޑު އެއްޗެއް ދޭން ޖެހެނީ. އެމީހުން ބައެއް ފަހަރަށް ޤަބޫލުކުރޭ ރިސޯޓުން އޮޅުވާލަނީ ކަމަށް. އެކަމަކު އެއީ އެއް ނޫން ހަގީގަތަކީ"، ޝަންގްރިއްލާ ރިސޯޓުގެ ގެސްޓް ސާވިސް އޮފިސަރެއްގެ ވަޒީފާ އަދާކުރާ މުވައްޒަފަކު ބުންޏެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޓިކެޓްތަކުގެ އަގުތައް ބޮޑުވެގެން އެންމެ ގިނައިން މައްސަލަ ޖައްސަމުން ގެންދަނީ ޗައިނާ އާއި އޭޝިއާގެ ޤައުމުތަކަށް ނިސްބަތްވާ ފަތުރުވެރިންނެވެ.
ޑޮމެސްޓިކް ފްލައިޓްތަކުގެ ޓިކެޓުތަކުގެ އަގުބޮޑު ވެގެން ފަތުރުވެރިންގެ ޝަކުވާތައް ބޮޑުވެފައިވާއިރު، ގަމުން މާލެއަށް ދަތުރުކުރާ ދިވެހިން ވެސް ގެންދަނީ އެކަމާއި މެދު ނުރުހުން ފާޅުކުރަމުންނެވެ.