ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ކުޅެވޭ ފޯރިގަދަ ފުޓުބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕް މިއަހަރު، ސާފް ސުޒުކީ ކަޕުގެ ނަމުގައި އިންޑިޔާގައި ކުޅެވެމުންދާއިރު، މި މުބާރާތުގައި ދިވެހި ރާއްޖެ ކުޅުނު ފުރަތަމަ މެޗު ފަސޭހަކަމާއި އެކު ބޫޓާންގެ މައްޗަށް ކުރި ހޯދައިފިއެވެ.
1-3 އިން ރާއްޖެ ކާމިޔާބު ކުރި މިމެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ރާއްޖޭގެ ޒުވާން ފޯވާޑް އަހުމަދު އިމާޒް އެވެ. މެޗުގެ ވަރަށް ކުރީކޮޅު އިމާޒް ކާމިޔާބުކޮށްދިން މިލަނޑާއެކު ރާއްޖެ ޓީމަށްވަނީ ހިތްވަރު ލިބިފައެވެ. ނަމަވެސް ރާއްޖެ ލީޑު ނެގިތާ މާގިނަ އިރުތަކެއް ނުވެ ބޫޓާން ޓީމުން ވަނީ ގޯލެއް ޖަހައި ނަތީޖާ އެއްވަރު ކޮށްފައެވެ.
ބޫޓާން ޓީމުން ގޯލު ޖެހުމަށް ފަހު ބޮޑަށް ޑިފެންސަށް އިސްކަން ދީފައިވާކަން ފާހަގަ ކުރެވެއެވެ. ގިނައިރު ބޯޅަ އޮތީ ރާއްޖެ ޓީމުގެ ކުޅުންތެރިން އަތުގައެވެ.
މެޗުގެ ދެވަނަ ގޯލު 30 ވަނަ މިނެޓުގައި ކާމިޔާބު ކުރީ އަސަދުﷲ އެވެ. މިގޯލު ކާމިޔާބުކުރީ ރާއްޖެ ޓީމަށް ލިބުނު ހިލޭ ޖެހުމެއް އޭރިއާތެރެއަށް ހުރަސް ކޮށްގެންނެވެ.
ދެވަނަ ފަހަރަށް މެޗުގައި ލީޑުނެގުމަށް ފަހު ވެސް ރާއްޖެ ޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ގޯލެއް ކާމިޔާބުކުރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ގައުމީ ކެޕްޓަން އަޝްްފާގު އަދި އަސަދުﷲ ފޮނުވާލި ހަމަލާތައްވެސް ވަނީ ގޯލުގެ ދާގަނޑުގައި ޖެހޭނެ ގޮތެއް ނުވެފައެެވެ.
މެޗުގެ ފަހު ގޯލު 70 ވަނަ މިނެޓުގައި ރާއްޖެ އަށް ކާމިޔާބުކޮށްދިނީ ގައުމީ ކެޕްޓަން އަލީ އަޝްފާގް(ދަގަނޑޭއެވެ.) ބޫޓާން 2 ކުޅުންތެރިންގެ ގައިން ނައްޓުވާލައި ދަގަނޑޭ ފޮނުވާލި ބޯޅަ ވަނީ ކީޕަރަށް މަތަކުރެވޭނެ ގޮތެއް ނުވެފައެެވެ.
މެޗުގައި ރާއްޖެ ޓީމުން ވަނީ %70 ބޯޅަ ޕޮސެޝަން ހޯދައިފައެވެ. 15 ހަމަލާ ގޯލަށް ފޮނުވާލައިފައި ވީއިރު އޭގެތެރެއިން 10 ހަމަލާ ވަނީ ގޯލާ އަމާޒުވެފައެވެ.
މުބާރާތުގައި ރާއްޖެ ދެން ކުޅެން ޖެހެނީ ހޮނިހިރު ދުވަހު ބަންގްލަދޭޝް އާ ދެކޮޅަށެވެ. މިމެޗު ފެށޭނީ ރާއްޖެ ގަޑިން މެންދުރުފަހު 3:00 ގައެވެ.