ދިވެހިރާއްޖޭގައި ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ބައެއްގެ ފާޑުކިޔުން ޖުޑީޝަރީ އަށް އަމާޒުވެގެން ދިޔަ ދުވަހަކީ، ޤާނޫނީ ނިޒާމް ފުނޑާލުމަށްފަހު ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި ދުވަހެވެ.
ނާޒިމްގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު އެތެރެކުރި ކަމުގެ ކުށް ސާބިތުވާކަމަށް، ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމްގައި ހުރި އުސޫލްތަކާއި ޚިލާފަށް ކަމަށް ސިޔާސީ ފަރާތްތަކުންނާއި އާންމުންގެ ތެރެއިން ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ.
ކްރިމިނަލް ކޯޓުގެ ހުކުމަށް ފަހު ނާޒިމްގެ ޤާނޫނީ ވަކީލުން ވަނީ އެ ހުކުމުގައި ގާނޫނީ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އިސްތިއުނާފް މައްސަލައިގެ ފުރަތަމަ އަޑުއެހުން ( 21 ޖޫން 2015)
ނާޒިމްގެ ވަކީލުން ފާހަގަކުރި މުހިންމު ނުކުތާތައް
• ދިފާއުވާން އެކަށީގެންވާ ވަގުތާއި ފުރުސަތު ނުލިބުން
• ދައުލަތުން އަދާކުރަންޖެހޭ ދައުރު ފަނޑިޔާރުން އަދާކޮށްފައިވުން
• ދޮގު ހެކިބަސް ދީފައިވާއިރު ވެސް އެކަމަށް ރިއާޔަތްކޮށްފައި ނުވުން
އިސްތިއުނާފް މައްސަލައިގެ ދެވަނަ އަޑުއެހުން ( 22 ޖޫން 2015)
ދައުލަތުގެ ވަކީލުން ފާހަގަކުރި ކަންކަން:
• ދަށު ކޯޓުގެ ޝަރީއަތުގައި ގާނޫނާއި ޚިލާފް ކަމެއް ނެތް
• އެކަށީގެންވާ ވަގުތާއި ފުރުސަތު ދެ ފަރާތަށް ވެސް ދަށު ކޯޓުން ދިން
• ހެކިންނަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ހިންގާފައިވާކަން އެނގޭކަށް ނެތް
• ހެކިބަހުގައި ފުށުއެރުން ހުއްޓަސް ނަތީޖާއަށް އަސަރު ކުރާނެ ކަމެއް ނެތް
22 ޖޫންގައި ހައި ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމަށް ފަހު ގިނަ ދުވަސްތަކެއް ވަންދެން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައެއް ނުވެއެވެ. އެއަށް ފަހު ފެނިގެން ދިޔައީ، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޚް އެފުއް މިފުށަށް ޖަހާލާ ފަދަ ބޮޑެތި ބަދަލުތަކެއް އައި މަންޒަރެވެ. ނައިބު ރައީސް ކަމުގައި ހުންނެވި ޑރ.ޖަމީލު މަޤާމުން ވަކިކުރުމަށް ފަހު އެ މަޤާމަށް އަހްމަދު އަދީބު ގެނައި މަންޒަރެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން ބޮޑެތި ތުހުމަތުތަކެއް ކުރެވި އަދީބު ވެސް ނައިބު ރައީސް ކަމުގެ މަޤާމުން ވަކިކުރެވުނެވެ.
އަދީބުގެ މައްޗަށް ކުރެވުނު ބޮޑެތި ތުހުމަތު ތަކާއި އެކު އެ ބޭފުޅާ ހިންގާފައިވާ ކަމަށް ބުނާ ބޮޑެތި ޖަރީމާތަކެއްގެ ވާހަކަ ފެންމަތިވެގެން ދިޔައެވެ. އޭގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސް އޮފިސަރުންނަށް ރިޝްވަތު ދެއްވި ކަމުގެ މައްސަލަ ތަކެއް ވެސް ހިމެނެއެވެ.
ކޮންމެއަކަސް، އަދީބު ނައިބު ރައީސް ކަމުގެ މަޤާމުން ލުހެލުމަށް ފަހު ދުވަސްތަކެއް ފަހުން، އަދީބުގެ 'ޕަޕެޓުން'ގެ ގޮތުގައި ގިނަ ބަޔަކު ތުހުމަތު ކުރި ކުރީގެ ޕީޖީ މުހުތާޒު މުހުސިން އާއި ޕޮލިސް ކޮމިޝަނަރ ހުސެއިން ވަޙީދު މަޤާމުން ވަކިކުރެވިގެން ދިޔައެވެ.
އަދީބު ހިންގާފައި ތިބި ކަމަށް ބުނާ ޖަރީމާތަކުގެ ވާހަކަ ސަރުކާރުން ފާޅުގައި ދައްކާފައިވާއިރު، ނާޒިމްގެ މައްސަލަ އާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވައެވެ. އަދީބުގެ ބާރާއި ނުފޫޒުގެ ސަބަބުން "ހަނު" ތިއްބެވި ފުލުހުންގެ އޮފިސަރުންނަށް ބާރާއި އިޚްތިޔާރުތައް ލިބުނުތާ ގިނަ ދުވަސްތަކެއް ނުވަނީސް ދައުލަތުގެ ފަރާތުން ހައި ކޯޓަށް "ސިއްރު ލިޔުމެއް" ހުށަހެޅިއެވެ.
އެހެން ކަމުން ޝަރީޢަތަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ "ސިއްރު ލިޔުމުގައި" ވަނީ ނާޒިމްގެ މައްސަލައިގައި އަދީބު ކުޅުއްވާފައިވާ ރޯލު ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ނުވަތަ އެ ލިޔުމުގައި ނާޒިމް ފްރޭމްކުރި ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވާ ވާހަކަ އަށް ބާރު ލިބޭ ފަދަ ހެކިތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
ދައުލަތުގެ ފަރާތުން މައްސަލައެއް ނެތް ކަމަށް ބުނާ ދަށު ކޯޓުގެ ހުކުމެއްގެ އިސްތިއުނާފު މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމަށް "ސިއްރު ލިޔުމެއް" ހުށަހަޅަން ޖެހޭ ސަބަބެއް ނެތެވެ.
މިހާތަނަށް މީޑިޔާތަކަށް އާންމު ވެފައިވާ މައުލޫމާތަށް ބަލާއިރު، "ސިއްރު ލޔުމުގައި" ބުނެފައިވާ ގޮތުން ނާޒިމްގެ ގެކޮޅުން ފެނިފައިވަނީ ސިފައިން ބޭނުން ކުރުމަށް ބެލްޖިއަމުން އެތެރެ ކުރާ ފަދަ ފިސްތޯލައެއް ކަމަށާއި، އޭގެ ސީރިއަލް ނަންބަރު ފުހެލާފައިވާ ކަމަށް ބުނެފައިވެއެވެ. ދަށު ކޯޓު މަރުހަލާގައި ނާޒިމްގެ ގެކޮޅުން ފެނިފައިވަނީ ސިފައިން ބޭނުން ކުރާ ވައްތަރުގެ ފިސްތޯލައެއް ނޫން ކަމަށް ބުނެފައި، ހައި ކޯޓުގައި އެވާހަކަ ދިމާ އިދިކޮޅަށް، ސާބިތުކޮށްދޭން "ސިއްރު ލިޔުމެއް" ހުށަހެޅީ ކީއްވެގެން ހެއްޔެވެ؟
ކާނަލް ނާޒިމްގެ ގެކޮޅުން ހަތިޔާރު ފެނުނު ކަމަށް ފުލުހުން ބުނި ހިސާބުން ފެށިގެން ގިނަ ބަޔަކު ތުހުމަަތުކުރި ގޮތުގައި އެކުމުގެ އަޑީގައި ހުންނެވީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބެވެ. އަދީބުގެ މައްސަލަތައް ތަހުގީގުކުރުމުން، ކާނަލް ނާޒިމް ފްރޭމްކުރެވުނު ކަމަށް ދައުލަތުން ވެސް ޤަބޫލުކުރީ ކަމަށް ވެދާނެއެވެ.ދައުލަތުން އެގޮތަށް ޤަބޫލުނުކުރާ ނަމަ، ކީއްކުރާ "ސިއްރު ލިޔުމެއް" ހެއްޔެވެ؟
"ސިއްރު ލިޔުމެއް"ގެ އިތުރުން ފުލުފުލުގައި ބާއްވަން ހަމަޖެހިފައިވާ ކާނަލް ނާޒިމްގެ އިސްތިއުނާފް ޝަރީޢަތުގެ 2 އަޑުއެހުމާއި އެކު، ކާނަލް ނާޒިމް އަށް އިންސާފު ލިބިގެންދާނެ ކަމަށް ކުރެވޭ އުއްމީދު ވަނީ އާވެފައެވެ.
ނަމަވެސް ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ހާލަތު އޮތްގޮތުން ކޮންމެ ގޮތަކަށް ވެސް މައްސަލަ ނިމިގެން ދިއުމުގެ ފުރުސަތު އެބައޮތެވެ. މިހާތަނަށް ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުން ފެނިގެން ގޮސްފައިވަނީ، ސަރުކާރު ބޭނުންވާ ގޮތަށް ހުކުމް ކުރައްވަމުން ގެންދާ މަންޒަރުކަމަށް ގިނަ ބަޔަކު ބުނަމުން ގެންދަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އިންސާފުވެރިކަމާއި އެކު ޙުކުމް ކުރުން ނުވަތަ ބޭއިންސާފުން ހުކުމް ކުރުމުގެ އޮތީ ފަނޑިޔާރުންގެ އަތްޕުޅުމަތީގައެވެ. އެބޭފުޅުން ބޭނުންވާ ގޮތަކަށް ހުކުމް ކުރުމުގެ ބާރު މިއަދު އެބައޮތެވެ.