ކްރިމިނަލް ކޯޓުގައި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމްގެ ޝަރީޢަތް ކުރިއަށް ގެންގޮސްފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ޢަމަލުކުރަން ޖެހޭ އުސޫލުތަކާއި ޚިލާފަށް ކަމަށް ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ. ޚާއްސަ ގޮތެއްގައި ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމާއި މެދު ރާއްޖޭގެ ގިނަ އަދަދެއްގެ ޤާނޫނީ ވަކީލުންނާއި ބޭރުގެ ފަރާތްތަކުން ވެސް ވަނީ ސުވާލު އުފައްދާފައެވެ.
ނަމަވެސް، ދައުލަތް ތަމްސީލްކުރައްވާ ޕީޖީ އޮފީހުގެ ވަކީލުން އަދިވެސް ގެންދަވަނީ، ކްރިމިނަލް ކޯޓުގެ ޙުކުމް ދިފާޢުކުރައްވައި އެއީ ރަގަޅު ހުކުމެއް ކަމަށް ވިދާޅުވެ ހައި ކޯޓުގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމްގެ ވަކީލުން ވިދާޅުވާފަދަ އެއްވެސް މައްސަލައެއް ކްރިމިނަލް ކޯޓުގެ ހުކުމްގައި ނެތްކަމަށް ދައުލަތުގެ ފަރާތުން ބުނަމުން ގެންދާ ވާހަކަ އަކީ ހަގީގަތެއް ހެއްޔެެވެ؟
ފަނޑިޔާރުން ޢަމަލުކުރަން ޖެހެނީ ކިހިނެތް ؟
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ، "ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގާންވާނީ ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައި" ކަމަށެވެ.
މީގެ އިތުރުން ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި "ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެކެވެ. ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީ އާއި ޤާނޫނަށެވެ. ޤާނޫނުއަސާސީ އާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތް ކުރަންވާނެއެވެ. ފަނޑިޔާރުންގެ މަސައްކަތުގައި ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތަށް ކަންތައްތައް ނިންމަންވާނީ ވަކިފަރާތަކަށް ބުރަނުވެ، ވަކިފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންނުވެ، ތަޢައްޞުބުން އެއްކިބާވެ ތިބެއެވެ." މި ފަދައިން ބަޔާންކޮށްފައި ވެއެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 31 ވަނަ މާއްދާގެ (ހ) ގައި "ފަނޑިޔާރުންގެ ދައުރު އަދާކުރުމުގައި، ވަކި ފަރާތަކަށް ނުޖެހި، އަދި ވަކި ތަޢައްޞުބެއްނެތި، ޢަދުލުވެރިގޮތުގައި ފަނޑިޔާރުންނަށް ލިބިފައިވާ އިޚްތިޔާރު ބޭނުންކުރުން" މިފަދައިން ބަޔާންކޮށްފައިވެއެވެ.
ފަނޑިޔާރުން ޢަމަލުކުރީ ކިހިނެތް؟
ކާނަލް ނާޒިމްގެ މައްސަލާގައި ޝަރީޢަތް ހިންގުމުގައި ފަނޑިޔާރުން ޢަމަލުކޮށްފައިވާގޮތުން މައްސަލާގައި ދަޢުވާކުރި ފަރާތްކަމުގައިވާ ޕްރޮސިކިއުޓާރ ޖެނެރަލް އަށް ފައިދާވާގޮތަށް ނުވަތަ އެފަރާތުގެ މަސްލަޙަތުތައް ޙިމާޔަތްވާގޮތަށް ޢަމަލުކޮށްފައިވާކަން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވަނީ ހާމަވެފައެވެ.
އެގޮތުން މައްސަލަ އާއި ގުޅޭ އެންމެހާ ލިޔުންތައް ކާނަލް ނާޒިމަށް ފޯރުކޮށްދެއްވުމުގެ ބަދަލުގައި ދައުލަތުން އެދުނު އެންމެހާ ލިޔުންތައް ފަނޑިޔާރުން ވަނީ ސިއްރު ކުރައްވާފައެވެ. އަދި ދައުލަތުން ހުށަހެޅި ތަޙްޤީޤު ބަޔާންތަކުގެ ވެސް ބޮޑުބައެއް މީހުންގެ ނަމާއި މަޤާމާއި އަދި އެ ބަޔާންތަކުގައި އެހެން ފަރާތްތަކަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގައި އެ ބަޔާންކުރާ ފަރާތްތަކާ އެމީހުންގެ މަޤާމާއި ޑިޕާޓްމަންޓްތައްވެސް އެކަށީގެންވާ ސަބަބެއް ނެތި ވަނީ ސިއްރުކޮށްފައެވެ.
މިފަދަ ކަންތައް ތަކަކީ މައްސަލާގައި ހިމެނޭ އެއްފަރާތުގެ މަސްލަޙަތުހުރިގޮތަށް އަދި ހަމަހަމަކަމުގެ ޙައްޤާއި ޚިލާފަށް ފަނޑިޔާރުން ނިންމާފައިވާ ނިންމުމެކެވެ.
ނާޒިމްގެ މައްސަލައިގައި 2 މާރިޗް 2015 ގައި ކްރިމިނަލް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި މައްސަލައަށް ޖަވާބުދާރީވުމަށް މައްސަލަ އާއި ގުޅުން ހުރި ލިޔުންތައް ބޭނުންވާކަމަށާއި އެ ތަކެތި ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އަށާއި ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުންވެސް އެ ލިޔުންތައް ފޯރުކޮށްދީފައި ނުވާކަން ނާޒިމްގެ ވަކީލުން ކޯޓުގައި ވަނީ އެދިފައެވެ. ނަމަވެސް ޝަރީޢަތް މެދުވެރިކޮށް އެ ލިޔުންތަކާއި މަޢުލޫމާތު ހޯދައި ދިނުމަށް ފަނޑިޔާރުން ވަނީ އިންކާރުކުރައްވާފައެވެ.
މީގެ އިތުރުން ވެސް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ސީން އޮފް ކްރައިމް އޮފިސާރސް ރިޕޯޓްގެ އެނެކްސްގައިވާ ފޮޓޯތަކާއި އެ އަދި އެ ސީންގައި ނެގުނު އެންމެހާ ފޮޓޯތަކުގެ ސޮފްޓްކޮޕީ ޝަރީޢަތުން އަމުރެއް ނެރުއްވައިގެން ހޯއްދެވައިދެއްވުމަށް އެދުމުން އެފަދަ އަމުރެއް ނެރެދިނުމަށް ވެސް ފަނޑިޔާރުން ވަނީ އިންކާރުކޮށްފައެވެ.
'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި ފޮޓޯތަކުގެ ސޮފްޓްކޮޕީ ހޯދުމަށް ނާޒިމްގެ ވަކީލުން އެދުނީ މައްސަލާގައި ހެކިބަސްދިން ހެކިންނާއި އަދި ސީން އޮފް ކްރައިމް އޮފިސަރުގެ ހެކިބަހުގެ ސައްޙަކަން އެފޮޓޯތަކުގެ ސޮފްޓްކޮޕީގެ އަލީގައި ދެނެގަނެވޭނެތީއެވެ. އެ ސޮފްޓްކޮޕީތަކުން ފޮޓޯ ނެގި ގަޑިތައް އެނގޭނެކަމަށް ޝަރީޢަތުގައި ހެކިބަސް ދެމުން ސީން އޮފް ކްރައިމް އޮފިސަރު ވަނީ ބުނެފައެވެ.
ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހަށް ބެލުމުގެ ފުރުސަތު އޮތް އެ ފޮޓޯތަކުގެ ސޮފްޓްކޮޕީ ޝަރީޢަތުން ހޯއްދަވައިދެއްވާފައިނުވަނީ ވަކި ފަރާތެއްގެ މަސްލަޙަތުތަކެއް ޙިމާޔަތްކުރުމަށް ވަކިފަރާތަކަށްޖެހި ހަމަހަމަކަމުގެ ޙައްޤާއި ދިފާޢުވުމުގެ ޙައްޤަށް ވެސް ހުރަސް އެޅޭ ގޮތަށެވެ.
ނާޒިމް މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީޢަތް ކުރިއަށް ގެންދިޔަ އިރު މިފަދަ އެތައް ކަމެއް ހިނގާފައިވެއެވެ. އެކަންތައް ބަޔާންކޮށް ނާޒިމްގެ ފަރާތުން ހުށަހަޅާފައިވާ، އިސްތިއުނާފް މައްސަލައިގައި ހައި ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
ސުވާލަކީ، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ޤާނޫނާއި ޚިލާފަށް ކުރިއަށް ގެންގޮސްފައިވާ ޝަރީޢަތެއްގައި ކަން ހިނގާފައިވަނީ ރަގަޅަށް ކަމަށް ބުނެ އަނެއްކާވެސް ޤާނޫނު އަސާސީއާއި ފަނޑިޔާރުންގެ ޤާނޫނާއި ޚިލާފު ހުކުމެއް ހައި ކޯޓުން ވެސް ނެރެފާނެތޯއެވެ.