ޒުވާން ކުޅުންތެރިޔާ އަހްމަދު ނާޝީދު(ނައްޓޭ) ގެ ހިތްގައިމު ލަނޑާއި އެކު ބަންގްލަދޭޝް އަތުން 3-1 އިން މޮޅުވެ ސާފް ސުޒުކީ ކަޕުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރުމާ ގާތަށް ރާއްޖެ ޖެހިލައިފިއެވެ.
ރާއްޖޭން ފުރަތަމަ ހާފުގައި އަލީ އަޝްފާގް (ދަގަނޑޭ) ގެ ލަނޑުން ލީޑު ނަގާފައިވަނިކޮށް މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ބަންގްލަދޭޝް އިން ނަތީޖާ ހަމަހަމަކުރި އެވެ. ނަމަވެސް އިތުރު ވަގުތުގެ ތެރޭގައި ބަދަލު ކުޅުންތެރިޔާ ނާއިޒް ހަސަން (ދާދު) އާއި އަހުމަދު ނާޝިދު (ނާއްޓޭ) ޖެހި ލަނޑުތަކާ އެކު މެޗު ކާމިޔާބުކުރި އެވެ.
މި ނަތީޖާއާ އެކު ހަ ޕޮއިންޓާ އެކު ރާއްޖެ ގްރޫޕުގެ އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އަފްގާނިސްތާން އޮތީ ތިން ޕޮއިންޓާ އެކު އެވެ.
މިއަދުގެ މެޗު ފަށައިގެން ފުރަތަމަ 15 މިނެޓުގެ ތެރޭ ރާއްޖޭން މެޗު ކޮންޓްރޯލްކޮށްގެން ރަނގަޅު ކުޅުމެއް ދެއްކި އެވެ. ނަމަވެސް ބޫޓާނާއި އެކު ކުޅުނު ލަނޑު ޖަހާނެ ފުރުސަތު ތަކެއް ތަނަވަސް ކުރެވިފައެއް ނުވެއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ބަންގްލަދޭޝް އިން މެޗްގެ ކޮންޓްރޯލް ހޯދައި ގާތް ގާތުގައި ރަނގަޅު ދެ ފުރުސަތު ހޯދި އެވެ. އެގޮތުން 25 ވަނަ މިނެޓުގައި އެ ޓީމުގެ ޒާހިދު ހުސެއިން ބޭރު ރޮނގުމަތިން ބޮލުން ފޮނުވާލި ބޯޅަ ޖެހުނީ ގޯލް ދަނޑީގަ އެވެ. އޭގެ ދެ މިނެޓު ފަހުން އެ ޓީމުގެ ރޮނީ ސަހާތު އަށް އޭރިއާ ތެރެއިން މުޅިން ހުސްކޮށް ފުރުސަތު ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ރާއްޖޭގެ ގޯލްކީޕަރު އިމްރާން މުހައްމަދު ވަނީ އެ ހަމަލާ ދިފާޢުކޮށްފައެވެ.
ރާއްޖެ އަށް ލީޑު ލިބުނީ ފުރަތަމަ ހާފު ނިމެނިކޮށް އަހުމަދު އިމާޒް (އާއްކޮ) އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް ބަންގްލަދޭޝް ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.
ދެ ވަނަ ހާފުގައި ބަންގްލަދޭޝް އިން ކުޅުނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެންނެވެ. ނަތީޖާއަކަށްވީ ކައުންޓާ އެޓޭކުގައި ރާއްޖެ އަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވުމެވެ. ނަމަވެސް ކައުންޓާ އެޓޭކުގައި ލިބުނު ފުރުސަތު ތަކުގެ ބޭނުންވެސް އެކަށީގެންވާ ގޮތެއްގައި ރާއްޖޭގެ ޓީމަކަށް ނުހިފުނެވެ.
މެޗު ނިމެން ދިޔަ ވަރަކަށް ބަންގްލަދޭޝް އިން ދިޔައީ ރާއްޖެ އަށް ނުރައްކާ ބޮޑުކުރަމުންނެވެ. މެދުތެރެއިން ރާއްޖޭގެ ކުޅުންތެރިންނަށް ބަންގްލަދޭޝްގެ ކުޅުންތެރިން ނުހުއްޓުވުމުގެ ސަބަބުން މެޗްގެ 89 ވަނަ މިނިޓުގައި ބަންގްލަދޭޝް އިން މެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ.
ބަންގްލަދޭޝްގެ ސޮހޭލް ރާނާ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު އިމްރާން ބޯމަތިންނެވެ.
މެޗްގެ އެއްވަރުވެގެން ނިމިދާނެ ކަމަށް ބަލައިގެން މާޔޫސްވެފައި ތިބި ދިވެހި ސަޕޯޓަރުންގެ ލޭ ކައްކުވާލައި ރާއްޖޭން އަލުން ލީޑު ނެގީ މެދުތެރެއިން ބަދަލު ކުޅުންތެރިޔާ އީސާ އުފެއްދި އެޓޭކެއްގައި ނައްޓޭ އަރިމަތިން ނެގި ހުރަހަކުންނެވެ.
ނައްޓޭ ނެގި ހުރަސް ނާއިޒް ހަސަން އޭރިއާ ތެރޭ ހުސްކޮށް ހުރެ ވަރަށް ހަމަޖެހިލާފައި ގޯލުގެ ކަނަށް ވައްދާލި އެވެ. އެ ބޯޅައަކީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް، ނާއިޒް ހަސަންގެ ފައިގައި ޖެހުނު ފުރަތަމަ ބޯޅަ ވެސް މެއެވެ.
މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ނާއްޓޭ ރާއްޖޭގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ދަގަނޑޭ އަރިމަތިން ބޯޅަ ހިފައިގެން ވަދެ އޭރިއާ ބޭރުގައި ހުރި އީސަ އަށް ޖައްސާލުމުން އޭނާ ވަނީ ގޯލް ކުރިމަތީ ހުހަށް ހުރި ނާއްޓޭ އަށް އެ ބޯޅަ ދީފަ އެވެ. ވަރަށް ހަމަޖެހިލާފައި ހުރެ ނައްޓޭ ވަނީ ބަންގްލަދޭޝްގެ ކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލާފައެވެ.
މި ނަތީޖާއާ އެކު ހަ ޕޮއިންޓާ އެކު ރާއްޖެ ގްރޫޕުގެ އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އަފްގާނިސްތާން އޮތީ ތިން ޕޮއިންޓާ އެކު އެވެ. ބަންގްލަދޭޝް އާއި ބޫޓާނަށް ޕޮއިންޓެއް ނުލިބެ އެވެ.
މުބާރާތުގައި މިރޭ ބޫޓާން އަތުން އަފްގާނިސްތާން ބަލިނުވެ ފަރުޖައްސާލައިފި ނަމަ ރާއްޖެ އަށް ސެމީގެ ޖާގައެއް ކަށަވަރުވާނެ އެވެ. ބޫޓާން މޮޅުވެއްޖެ ނަމަ ސެމީގެ ޖާގަތައް ކަށަވަރުވާނީ ގްރޫޕުގެ ފަހު މެޗުތަކަށް ފަހު އެވެ. އެއީ ބޫޓަނާށް މިރޭގެ މެޗާއި ފަހު މެޗު ކާމިޔާބުކޮށްގެން ހަ ޕޮއިންޓް ހަމަކުރުމުގެ ފުރުސަތު އޮތުމުންނެވެ. އަދި މިރޭ ބަލިވި ނަމަވެސް ފަހު މެޗުން ރާއްޖެ އަތުން މޮޅުވެގެން އަފްގާނިސްތާނަށް ވެސް ހަ ޕޮއިންޓް ހަމަކުރުމުގެ ފުރުސަތު އޮތުމުންނެވެ