ޑިސެމްބަރު 26، 2004 ގައި އިންޑިއާ ކަނޑުގައި އުފެދުނު ސުނާމީ އަކީ ފަހުގެ ތާރީޚެއްގައި ކުރިމަތިވި އެންމެ ގެއްލުން ބޮޑު، އަދި އެންމެ ހިތާމަވެރި ގުދުރަތީ އެއް ކާރިސާ އެވެ. ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް އެވަރުގެ ގެއްލުމެއް ދިމާވިކަން ތާރީޚުގެ އެއްވެސް ލިޔުމަކުން އެނގޭކަށް ނެތެވެ.
އިންޑޮނީޝިއާގެ ސުމަޓްރާ ސަރަހައްދަށް ޑިސެމްބަރު ،26 2004 ގައި އައި ވަރުގަދަ ބިންހެލުމަށް ފަހު އުފެދުނު ސުނާމީ ކާރިސާގައި ރާއްޖެއިން 82 މީހުން މަރުވެ 26 މީހުން ގެއްލިފައިވެ އެވެ. އެތައް ބައެއްގެ ގެދޮރުތައް ސުންނާފަތިވެ ގިނަ އަދަދެއްގެ ރިސޯޓުތަކެއް ވެސް ބަންދުކުރަން ޖެހުނެވެ.
ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމުގައި ދިވެހިރާއްޖޭގެ ރައްޔިތުން ދެއްކި އެއްބައިވަންތަކަން ރަމްޒުކޮށްދިނުމުގެ ގޮތުން، ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހަކީ، ރާއްޖޭގެ 'ޤައުމީ އެއްބައިވަންތަކަމުގެ' ދުވަހުގެ ގޮތުގައި ފާހަގަކުރާ ގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެއަށްފަހު ދިވެހިރާއްޖޭގައި ސުނާމީ ކާރިސާ އާއި ގުޅުވައިގެން ދައްކަމުން ގެންދަނީ، ޤައުމީ އެއްބައިވަންތަކަމުގެ ވާހަކައެވެ.
ސުނާމީ، ކާރިސާ އަކީ، ﷲ ތަޢާލާ ނަޙީކުރައްވާފައިވާ ކަންކަމަށް އަރައިގަނެ ޣާފިލްކަންމަތީގައި ތިއްބައި އައި ކޯފާއެއް ކަމަށް ރައްޔިތުންނަށް ވިސްނައިދޭން އެއްވެސް ސިޔާސީ ބޭފުޅަކު ނުވަތަ އެއްވެސް ސަރުކާރަކުން މިހާތަނަށް މަސައްކަތް ކޮށްފައެއް ނުވެއެވެ.
މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވެސް ސުނާމީ ކާރިސާއަށް 11 އަހަރު ފުރުނު ދުވަހު ޤައުމާއި މުޚާތަބުކޮށް ވާހަކަދައްކަމުން ވިދާޅުވީ، ސުނާމީ ކާރިސާއިން ޢިބްރަތް ހާސިލުކޮށް، މަޞްލަޙަތު ގެއްލޭފަދަ ޢަމަލުތައް ހިންގުމަށް ޖާގަ ނުދިނުމަށެވެ. އެމަނިކުފާނު ދެއްކެވީ ޤައުމީ އެއްބައިވަންތަކަމުގެ ވާހަކައެވެ.
ދިވެހިރާއްޖޭގައި ތިއްބެވި، ދީނީ ޢިލްމުވެރިން ސުނާމީ ކާރިސާ އިން ޢިބްރަތް ލިބިގަނެ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް ގޮވާލުމުން، ސިޔާސީ ބައެއް ފަރާތްތަކުން ޢިލްމުވެރިންނަކީ 'ފިތުނަ' ވެރިންގެ ގޮތުގައި ސިފަކުރައްވަނީއެވެ.
އަނެއް ބަޔަކު ވިސްނައިދޭން ބޭނުންވެނީ، ދީނީ ޢިލްމުވެރިންނަކީ، "ބޯދާ ޚިޔާލުގެ" ބައެއް ކަމަށެވެ. އެމީހުން ބުނާގޮތުގައި ރާޅުތައް ބޮޑުވެގެން އައުމަކީ ގުދުރަތީ ގޮތުން ދިމާވަމުން އަންނަ ކަމެކެވެ. ފެންބޮޑުވުމަކީ ވެސް ގުދުރަތީ ގޮތުން ހިނގާކަމެކެވެ. ބިންހެލުން އަންނަނީ ވެސް ބިމުގެ ކޮންމެވެސް ފަށަލައަކަށް ގުދުރަތީ ގޮތުން ކޮންމެވެސް ބަދަލެއް އައިސްގެންނެވެ. މިއީ އެމީހުންގެ ފިލޯސޮފީއެވެ.
ހިތާމައަކީ، މިފަދަ މީހުންގެ ވާހަކަތައް އަޑުއަހައިގެން އެއަށް ތަބާވެގެން އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ޣާފިލްކަމުގެ ނިދީގައި ތިބިކަމެވެ. މުސްލިމުންގެ ގޮތުގައި ތިބެ އަޅުގަނޑުމެން ސައިންސްވެރިންގެ ދައްކާ ވާހަކަ ތަކުގައި ހިފައިގެން އިލާހީ ވަޙީ ބަސްފުޅުތަކަށް ފުރަގަސް ދެނީ ކީއްވެގެން ހެއްޔެވެ؟
2004 ވަނަ އަހަރުގެ ސުނާމީ އަކީ، ﷲ ތަޢާލާގެ ޙަޟްރަތުން އައި ކޯފާއެއް ކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަން ޖެހެއެވެ. އެކަމުން ޢިބްރަތް ޙާސިލްކުރަން ޖެހެއެވެ.
2004 ވަނަ އަހަރުގެ ސުނާމީ އެރި ދުވަސް ކަމުގައިވާ، 26 ޑިސެމްބަރ ވަނަ ދުވަހު އިރު އެރީ އޭގެ ކުރީ ދުވަހު ރާއްޖޭގެ އެތައް ބަޔަކު ޣާފިލުކަމުގައި ތިބެ "ކްރިސްމަސް" ފާހަގަ ކުރުމަށް ފަހު ނިދާފައި ތިއްބައެވެ. މިއީ، ނޫސްތަކަށް އިންޓަވިއުދީ ރައްޔިތުންގެ ތެރެއިން ބަޔަކު އެކަމަށް އެއްބަސްނުވި ނަމަވެސް ސުނާމީ އެރި ދުވަހުގެ ކުރީ ދުވަހު ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކުވެސް ކްރިސްމަސް ފާހަގަކުރިއެވެ.
އަޅުގަނޑުމެނަށް މުޞީބާތާއި ހިތާމަ ޖެހެނީ އަޅުގަނޑުމެންގެ ސަބަބުންނެވެ. މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް އުރެދުމުގެ ސަބަބުންނެވެ. އަޅުގަނޑުމެންގެ ފާފައިގެ ސަބަބުންނެވެ. އެ ހަގީގަތް އަޅުގަނޑުމެން ޤަބޫލުކުރަން ޖެހެއެވެ.
ކީރިތި ޤުރުއާނުގެ ޝޫރާ ސޫރަތުގެ 30 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. "ތިޔަބައިމީހުންނަށް ޖެހޭހާ މުޞީބާތެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަފާފަތައް ޢަފޫކުރައްވަތެވެ."
އަޅުގަނޑުމެންނަށް ވަރަށް ގިނަ ގޯސްތައް ހެދެއެވެ. އަޅުގަނޑުމެންގެ ގިނަ ބަޔަކު ފަރުޟުތަކާއި ވާޖިބުތައް އަޅައެވެ. ﷲ އާއި އެކަލާނގެ ރަސޫލާ ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކާއި މުންކަރާތްތަކަށް އަރައިގަނެއެވެ. އެކަމަކު އަދަބެއް ލިބެނީ ވަރަށް މަދުންނެވެ. މަދު ބަޔަކަށެވެ. މިއަދު ދުނިޔޭގައި އާންމުވަމުން މިދާ ބޮޑެތި ޒަލްޒަލާތަކާއި ބިރުވެރި ތޫފާންތަކާއި ނުރައްކާތެރި ވަބާތަކާއި އެފަދަ ހާދިޘާތައް ގިނަވުމުގެ ސަބަބަކީ އަޅުންގެ އުރެދުންތެރިކަމެވެ. ފިތުނަ ފަސާދައާއި ފާފައެވެ.
އައްސަޖިދާ ސޫރަތުގެ 21 ވަނަ އާޔަތުގައި ﷲ ތަޢާލާ ވާޙީކުރައްވާފައިވެއެވެ. “އަދި ތިމަން ﷲ އެބައިމީހުނަށް (އާޚިރަތުގެ) ބޮޑު ޢަޛާބު އައުމުގެ ކުރިން ކުދި ޢަޛާބުގެ (ދުނިޔެވީ މުޞީބާތާއި އިމްތިހާނުގެ) ރަހަ ދައްކަވަމެވެ. އެއީ އެބައިމީހުން (ޙައްޤަށް) ރުޖޫޢަވޭތޯއެވެ.”
އެހެންކަމުން ފާފަ ތަކާއި ދުރުހެލިވެ، މުންކަރާތްތައް މަނާކޮށް، ތައުބާވުމަށް އަވަސްވެގަންނަން ޖެހެއެވެ.
ސުނާމީ ކާރިސާއަށް 11 އަހަރު ފާއިތުވެގެންދާއިރު އަޅުގަނޑުމެން އެންމެ ބޮޑަށް ވިސްނަންވީ ޣައިރު މުސްލިމުންނާއި ދުނިޔެވީ މީހުން ކަންތައް ކުރާހެން، ފޮނި ބަސް ބުނުމާއި، ރަމްޒީ ގޮތެއްގައި ހިތާމަ ފާޅު ކުރުމަކަށް ނޫނެވެ.
އެ ދުވަހުގެ ކާރިސާއިން ޢިބްރަތް ލިބިގަނެ އަޅުގަނޑުމެންގެ އާޚިރަތުގެ ޙަޔާތް ބާއްޖަވެރިކުރުމަށެވެ. ﷲ ތަޢާލާ ނަޙީކުރައްވާފައިވާ، މިއުޒިކު ފަދަ ޙަރާމްކަންތައް ތައް ކުރިއެރުވުމަކަށް ނޫނެވެ.