އުމަރު ނަސީރު ކިޔާ ބޭފުޅެއް ގިނަ ދިވެހިންނަށް އެނގުނީ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) ނަމަކަށް ކިޔާ، އެއްވެސް ތާކުންތާކު ނުޖެހުނު ސިޔާސީ ޕާޓީއެއް އުފައްދައިގެން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގައި ވާދަކުރެއްވި ހިސާބުންނެވެ. ޕިކަޕުތަކުގައި ގިނިކަންޏާއި ކުރެއްވި ކެމްޕެއިންތަކަށް ފަހު ވެސް އިންތިޙާބުގައި އުމަރަށް ލިބުނީ މަދު ވޯޓުކޮޅެކެވެ.
އިންތިޙާބުގައި ކުރިމަތިވި ނާކާމިޔާބީ އާއި އެކު އުމަރަށް ވުރެ އޭނާގެ ޕާޓީގެ އެހެން ބޭފުޅުންގެ ބާރުގަދަވެ، ޕާޓީ އިން އުމަރު ބޭރުކޮށްލިއެވެ. ސިޔާސީ ކަނޑަށް އުމަރު އެއްލާލުމުން ސަލާމަތްކަން ހޯދީ އޭރުގެ މަޝްހޫރު އަދި އެންމެ ބޮޑު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ "ކަޅުއޮށްފުންމި"އަށް އަރުއްވައިގެންނެވެ.
ޑީއާރްޕީގައި ނުފޫޒުގަދަ ބޭފުޅެއްގެ ގޮތުގައި އުމަރު ފެނިގެން ދިޔަ ނަމަވެސް ދުވަސްކޮޅެއްގެ ތެރޭގައި އެ ޕާޓީ ދެކަފިވެގެން ދެ ފެކްޝަނެއް އުފެދުނެވެ. އުމަރު އިޚްތިޔާރުކުރެއްވީ، ރައީސް މައުމޫނަށް ވަފާތެރި "ޒެޑް" ފެކްޝަނެވެ.
ޑީއާރްޕީގެ ޒެޑް ފެކްޝަނުން އުފެއްދި އާ ސިޔާސީ ޕާޓީ، ޕީޕީއެމް އާއި އެކު އުމަރު ވަނީ އޭނާ އަކީ ސިޔާސީ މައިދާނުގައި އަގުހުރި ރައުސްމާލެއްކަން ސާބިތުކޮށްދިނެވެ. ނަމަވެސް 2013 ވަނަ އަހަރު ބޭއްވި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވައި ނާކާމިޔާބީ އާއި ކުރިމަތިވެ، އުފެދުނު ޚިޔާލުތަފާތުވުންތަކާއި އެކު އުމަރު ވަނީ އެޕާޓީ އިން ވެސް ބޭރުކުރެވިފައެވެ.
ޕީޕީއެމް އިން ނަގާ ހޫރާލި ނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގައި، ޖުމްހޫރީ ޕާޓީއާއި އެކު "ޓީމް އުމަރު" ހެދި ކޯލިޝަނެއްގެ ތެރެއިން ލާފައި، ރައީސް ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރ ކަން އުމަރު ނަސީރަށް ލިބިވަޑައިގެންނެވިއެވެ.
ހޯމް މިނިސްޓަރ ކަމުގެ މަޤާމުގައި ހުންނެވި ނަމަވެސް އުމަރު ސަރުކާރުގެ ތެރޭގައި ފުރަތަމަ ހޭދަކުރެއްވީ ވަރަށް ހިތްދަތި ދުވަސްތަކެކެވެ. "ފިޔަކޮށާލާފައި" ހުރި ހޯމް މިނިސްޓަރެއްގެ ގޮތުގައި ގާތްގަނޑަކަށް 2 އަހަރު ހުންނެވުމަށްފަހު އުމަރަށް ބާރުތަކާއި އިޚްތިޔާރުތަކެއް ދެއްވުމަށް ރައީސް ޔާމީން ނިންމެވީ، ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހުގައެވެ.
އެއާއި އެކު އުމަރު ނަސީރުގެ އަޑު ގަދަވާން ފަށައިފިއެވެ. އެމަނިކުފާނުގެ ރާގު ވެސް ބަދަލުވާން ފަށައިފިއެވެ. މިހާރު މުޅިންވެސް އުމަރު ނަސީރުގެ ފަރާތްޕުޅުން ފެންނަނީ، ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ބަހުގެ ޙަމަލާތައް ފޮނުވާލާ މަންޒަރެވެ. އުމަރަކީ މިހާރު ރައީސް ޔާމީންގެ ސަރުކާރުގެ ހިމާޔަތުގައި ނިކުމެ ހުރި "އަމީތާބެއް" ފަދަ ބޭފުޅެކެވެ.
ސުވާލަކީ، "އަބީތާބް" ކަމަށް ހެދިގެން "ރައީސް ޔާމީން"ގެ ނަންފުޅު ޅެންބައިތެއް ހެން ވިދާޅުވަމުން ގެންދެވި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފަދައިން އުމަރުގެ އަމާޒު ހުރީ ވެރިކަމަށް ބާވައެވެ؟
އުމަރަކީ، ޕީޕީއެމްގައި މިވަގުތު ތިބި ބޭފުޅުންގެ ތެރެއިން ފާޅުގައި ރައީސް ޔާމީނަށް އިންތިޙާބެއްގައި ގޮންޖެއްސެވި ހަމައެކަނި ބޭފުޅާއެވެ. އެހެންކަމުން މިހާރު އުމަރުގެ މަސައްކަތަކީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބަށް ކެމްޕެއިން ކުރެއްވުން ހެއްޔެވެ؟
"އަމާންކަމަށް އުމަރު ނަސީރު" ނަމުގައި ފޭސްބުކްގައި ކޮންމެވެސް ޕޭޖެއް ވެސް އެބަހިންގައެވެ. ނުސީދާގޮތެއްގައި އެ ޕޭޖް މެދުވެރިކޮށް އުމަރު ނަސީރުގެ ރިޔާސީ ކެމްޕެއިން ފެއްޓެވީ ކަމަށް ވެދާނެއެވެ. ނުވަތަ އެއީ ރިޔާސީ ރޭހަށް ނިކުތުމުގެ ކުރިން އުމަރު ނަސީރު ސޯޝަލް މީޑިޔާގައި އެބޭފުޅާގެ ތާޢީދު އޮތް މިންވަރު ވަޒަންކުރުމަށް ފެއްޓެވި ދިރާސާ އަކަށް ވެސް ވެދާނެއެވެ.
ނަމަވެސް އުމަރު ކިތަންމެ މޮޅު ކެމްޕެއިން އެއް ސިއްރުން ފެއްޓެވި ނަމަވެސް، ރައީސް އަބްދުﷲ ވިދާޅުވެފައިވާ "ގައިގަ ޖެހެއްޖާ ފޮޅާލެވޭ" އުސޫލުން އެމަނިކުފާނުގެ ސަރުކާރުގެ ތެރެއިންނާއި ރާއްޖޭގެ ސިޔާސީ މައިދާނުން ވެސް ވާދަވެރިންގެ ގޮތުގައި ބެލެވޭނެ އެތައް ބަޔަކު "ފޮޅާލެވިފައި" ވާތީ އެކަމުން އުމަރު ވެސް ޢިބްރަތް ޙާސިލްކުރަންޖެހެއެވެ.
އުމަރު ނަސީރުގެ މަޝްހޫރު "ކޮމާންޑް ސެންޓަރު"ގައި މަސައްކަތް ކުރެއްވި ފަރާތަކުން 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނި ގޮތުގައި، މިހާރަށް ވުރެ މަތީ މަޤާމެއްގައި ހުންނަަވައިގެން އުމަރު ނަސީރު ދިވެހި ޤައުމަށް ހިދްމަތް ކުރައްވާތަން ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
" މިހާރަށް ވުރެ މަތީ މަޤާމެއްގައި ހުރެގެން ޤައުމަށް ޚިދުމަތް ކުރައްވާތަން ފެނުމުގެ ފުރުސަތު ބޮޑޭ ބުނެވޭނީ. ރިޔާސީި އިންތިޙާބަށް އަދި ފުދޭވަރަކަށް ދުވަސް އެބައޮތް، ވާދަ ކުރައްވާނެ އޭ ނުކުރައްވާނެ އޭ ބުނަން އަދި އަވަސް"
ކޮންމެ ގޮތަކަށް ވިޔަސް ރާއްޖޭގެ ރައީސް ކަމަށް ވަޑައިގަތުމަށް އުމަރު މިވަނީ އަތުކުރި އޮޅާލާފައެވެ. 2013 ވަނަ އަހަރުގެ ޕީޕީއެމް ކެމްޕެއިނަކީ އޭގެ ހެއްކެވެ. ޕްރައިމަރީން ނާކާމިޔާބް ވުމުން އުމަރުގެ ހަމަލާތައް ރައީސް ޔާމީންއަށް ފޮނުވާލީ މިސައިލްތައް ފަދައިންނެވެ.
މިހާރު އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީނަށް އަމާޒު ކުރާ ގިނަ ތުހުމަތުތައް ހާމަ ބޮޑު ގޮތެއްގައި އާޓިފިޝަލް ބީޗްގައި ހުންނަވައިގެން ގޮވީ އުމަރުއެވެ. އެ ވީޑިއޯތައް މިހާރުވެސް އެހެރީ ޔޫޓިއުބްގައި ދައުރުވޭވޭއެވެ.
އެހެން ކަމުން ރައީސް ޔާމީންއަށް ގޮންޖައްސަވައި 2018 ވަނަ އަހަރުގެ ރޭސް އުމަރު ކާމިޔާބު ކުރައްވަން ނިކުމެވަޑައި ނުގެންފާނެ ކަމަށް ގަބޫލްކޮށްގެން ނުވާނެއެވެ.
އެމަނިކުފާނަކީ ހުދުވަލުގައި ހިއްޕަވައިގެން ހަރިގަޑުތަކުން އަރުއްވަން ކުޅަދާނަ ބޭފުޅެކެވެ. މިނިވަން 50 އާއި ދިމާކޮށް އެމަނިކުފާން ވެރިކަމަށް ވާސިލްވުމަަށް ބޭނުން ކުރެވިދާނެ "ކަޅުއޮށްފުންމި" މިވަނީ ބަދެފައެވެ. އުމާރުގެ "ކޮމާންޑް ސެންޓަރު"ގައި މަސައްކަތް ކުރެއްވި މާޒް ސަލީމަކީ "ކަޅުއޮށްފުންމި" ބެންނެވުމުގައި އިސް މޭސްތިރިއެވެ.
ވިލިގިލިން މާލެއަށް ފަތާފައި އަރުއްވައިފިއެވެ. އެހެން ކަމުން ޕޯޗްގީޒުން އަތުން މުހައްމަދު ތަކުރުފާން ރާއްޖެ ސަލާމަތް ކުރެއްވި ފަދައިން ރައީސް ޔާމީންގެ ކިބައިން ދިވެހި ގައުމު ސަލާމަތް ކުރާނެ ބަޠަލަކަށް އުމަރު ވުން އެކަށީގެންވެއެވެ. މަންޒަރު މިހިރަ ދަނީ ކުރެހެމުންނެވެ.