ރައީސް ޔާމީންގެ ސަރުކާރަށް 2 އަހަރު ފުރިގެން ގޮސްފައިވާއިރު، އެމަނިކުފާނުގެ ސަރުކާރަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވަނީ ސިޔާސީ ލީޑަރުންތަކެއްގެ މައްޗަށް އެކި ދަޢުވާތައް އުފުލި އެބޭފުޅުން ބަންދުކުރެވިފައި ވުމުންނެވެ. ތަރައްޤީ އަށް ސަރުކާރުން ކުރާ މަސައްކަތް ރައްޔިތުން ބަލައި ނުގަންނަނީ ނުހައްޤުން އެތައް ބަޔަކަށް ދެމުން ގެންދާ އަނިޔާތަކާއި ގުޅިގެންނެވެ.
ބައިނަލްއަޤްވާމީ ޕްރެޝަރާއި ސަރުކާރަށް ކުރިމަތިލާން ޖެހިފައިވަނީ ރައީސް ޔާމީންގެ ވާދަވެރި ސިޔާސީ ލީޑަރުން "ނައްތާލުމަށް" އެމަނިކުފާނު ފައްޓަވާފައިވާ ކެމްޕެއިންގެ ސަބަބުންނެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލައި އެމަނިކުފާނު ޖަލަށް ލެވުމާއި، ހަނގުރާމަވެރި ހަތިޔާރު އެތެރެ ކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ވެސް ޖަލަށް ލެވުމާއި ހިސާބަކުން ނިމުނީއެއް ނޫނެވެ.
އެބޭފުޅުންގެ ދިފާޢުގައި ވާހަކަ ދައްކަން ނިކުމެވަޑައިގެންނެވި ޝެއިޚް އިމްރާން އަބްދުﷲ ވެސް ބަންދުކޮށް ޓެރަރިޒަމްގެ ދަޢުވާ އުފުލީއެވެ.
ސަރުކާރުގެ މޫނުމަތި ރީތި ކުރަން ކިތަންމެ ވަރަކަށް "ފުށް" ޖެހިކަމުގައި ވިޔަސް، ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ކުރިމަތިކުރުވާ ޕްރެޝަރާއި ހުރެ ސަރުކާރުގެ އިސްވެރިންގެ މޫނުމަތިން ހަމަޖެހުމެއް ނުފެނެއެވެ. ކޮންމެ ޙަފްލާއަކާއި އެއްކޮށް ފެނިގެންދަނީ، ރައީސް ނަޝީދުގެ ޖަލު ހުކުމް ދިފާޢުކޮށް ވާހަކަ ދައްކަވާ މަންޒަރެވެ. ނުވަތަ ޝެއިޚް އިމްރާން ނުވަތަ ކާނަލް ނާޒިމްގެ "ނުލަފާކަމުގެ" ވާހަކަ ދައްކަވާ މަންޒަރެވެ.
ރައީސް ޔާމީނަށް އެނގިވަޑައިނުގެންނެވި ނަމަވެސް، "އަސުރުމަލާއި" "ރުމާލާއި" ތަފާތު ނަންނަމުގައި ސޯޝަލް މީޑިޔާގައި ރައީސް ނަޝީދު އާއި ކާނަލް ނާޒިމް އަދި ޝެއިޚް އިމްރާން އަބްދުﷲގެ އަގުވައްޓާލަން ކުރާ މަސައްކަތުގެ ސަބަބުން ހުރިހާ ނިކަމެތިކަމެއް ލިބިގެންދަނީ ޚުދު ރައީސް ޔާމީން އަށާއި އެމަނިކުފާނުގެ ސަރުކާރަށެވެ.
ރައީސް ނަޝީދު އާއި ކާނަލް ނާޒިމް އަދި ޝެއިޚް އިމްރާން އަބްދުﷲ ނިޒާމުން ގެއްލުވާލައިގެން ވެރިކަން ދިފާޢުކުރެވުނީ ކަމުގައި ރައީސް ޔާމީނަށް ހީފުޅުކުރެއްވުނެވެ. ނަމަވެސް ހަގީގީ ނުރައްކަލަކީ ކޮބައިކަން ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު ރައީސް ޔާމީން އަށް ވަނީ ވިސްނިވަޑައިގެންފައެވެ.
ނަމަވެސް ސިޔާސީ ލީޑަރުން ނައްތާލުމުގެ ކަންތައް އެމަނިކުފާނަށް ގެންދެވިފައި އޮތް ހިސާބުން "ޔޫ ޓާނެއް" ނެންގެވޭނެ ވަރަށް ވުރެ މާކުރިއަށް ވަނީ ވަޑައިގެންނެވިފައެވެ. އެހެންވެ އެމަނިކުފާނު އަދިވެސް ގަސްތުކުރައްވަނީ، ސިޔާސީ ލީޑަރުން "ހައްޔަރުން" ވީއްލި ނުދިނުމަށެވެ.
"ގަޓު" ހުރި ރައީސެއް ކަމަށް ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީން ސިފަކުރެއްވި ނަމަވެސް ފިނިފެންމާ ލޯންޗްގައި ހިނގި ހާދިސާއަށް ފަހު ޤައުމާއި މުޚާތަބުކުރައްވައި ވާހަކަ ދެއްކެވި ދުވަހު ރައީސް ޔާމީންގެ ސަރުކާރު ނިކަމެތިވެފައިވާ މިންވަރު ވަނީ ވަރަށް ރަގަޅަށް ވެސް ސާބިތުވެގެން ގޮސްފައެވެ.
ސަރުކާރު ދިފާޢުކުރެއްވުމަށް ރައީސް ޔާމީނާއި އެކު ހުންނެވީ އުމަރު ނަސީރެވެ. ދެން ތިއްބެވި ވަޒީރުން ނަކީ ސިޔާސީ ގޮތުން އެހާ ބާރުގަދަ ފަރާތްތަކެކޭ ދެންނެވޭކަށް ނެތެވެ. ރައީސް ޔާމީންގެ ސަރުކާރު ދިފާޢުކުރުމަށް ކަމަރު ބަނދެގެން ހުންނެވި ކަމަށް އުމަރު ނަސީރު ވިދާޅުވި ނަމަވެސް މާދަމާ އެބޭފުޅާ ވެސް ރައީސް ޔާމީން އާއި ދެކޮޅަށް ނިކުންނެވުމަކީ އެކަށީގެންވާ ކަމެކެވެ.
ވާދަވެރި ސިޔާސީ ލީޑަރުން ބަންދުކޮށްގެން ވެރިކަމުގައި ހަމަޖެހޭ ދުވަސްތަކެއް ހޭދަކުރެއްވޭނެ ކަމަށް ހީފުޅުކުރެއްވި ނަމަވެސް، ރައީސް އަބްދުﷲ ޔާމީން މިހާރު އެގެންދަވަނީ، ސިޔާސީ ގޮތުން އުނދަގޫ ދުވަސްތަކެއް ވޭތުކުރައްވަމުންނެވެ.
ރާއްޖޭގައި އެންމެ މަޤްބޫލް ސިޔާސީ ޝަޚްސިއްޔަތު ކަމުގައިވާ ރައީސް ނަޝީދުގެ އިތުރުން ކާނަލް ނާޒިމް އަދި ޝެއިޚް އިމްރާން އާއި އަޅައިގެން ނެއްޓެން ނޭނގި ރައީސް ޔާމީންގެ ސަރުކާރުގެ އަމާޒު މިވަނީ ގެއްލިފައެވެ. އެބޭފުޅުންނާއި އަޅައިގެނެ ނުނެއްޓިގެން އުޅެނިކޮށް ސަރުކާރު އަނގަވަތަށް ވެއްޓެނީ ނޫން ބާވައެވެ؟