Last Updated: November 23, 11:53
Saturday, November 23, 2024
ރިޕޯޓް

ނާޒިމް އާއި ރައީސް ނަޝީދަށް އާ ޤާނޫނުލް އުޤޫބާތުގެ ދަށުން ލުޔެއް ލިބިދާނެތަ؟

ދިވެހިރާއްޖޭގެ ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ފާޑު ކިޔުންތައް އަމާޒުވި ދެ ޝަރީޢަތަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުޙައްމަދު ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި 'ފަޓާސް ބަރިއެއް' ހެން ޝަރީޢަތްތަކެވެ.

ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ އިން އިންސާފެއް ނުލިބޭނެކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުގެ ނިންމުން ރައީސް ނަޝީދުގެ ޔޫއެންގެ ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހެޅިއިރު ކާނަލް ނާޒިމް ޚިޔާރުކުރެއްވީ ހައިކޯޓުގައި އިސްތިޢުނާފް ކުރެއްވުމަށެވެ. އިސްތިޢުނާފް މަރުޙަލާގައި ނާޒިމްގެ ޝަރީޢަތް 5 މަހެއްހާ ދުވަހު މެދުކެނޑިފައި އޮތުމަށްފަހު ފަޓާސްބަރިއެއްހެން އަލުން ފެށި ހިންގަމުންދާއިރު ރައީސް ނަޝީދުވެސް ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިޢުނާފްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ.

މި ދެބޭފުޅުންގެ ފަރާތުން ސުޕްރީމް ކޯޓާއި ހައިކޯޓުގައި އެދިފައިވާ ކަންކަމަށް ބަލާއިރު ދެބޭފުޅުންވެސް ޙުކުމް ބާޠިލްކުރުމަށް އެދިފައިވެއެވެ. އަދި ޙުކުމް ބާޠިލް ނުކުރެވޭނަމަ އާ ޤާނޫނުލްއުޤޫބާތުގެ ދަށުން ލުއި އަދަބު ކަނޑައެޅުއްވުމަށް ދެބޭފުޅުންވެސް ހައިކޯޓާއި ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައިވެއެވެ. ނާޒިމާއި ނަޝީދުގެ ވަކީލުންވެސް ވިދާޅުވަނީ އާ ޤާނޫނުލް އުޤޫބާތުގެ ދަށުން އަދަބު ކަނޑައަޅައިފިނަމަ ދެބޭފުޅުންނަށްވެސް އަންނާނީ އެންމެ ގިނަވެގެންވެސް 1 (އެކެއް) އަހަރުގެ ޙުކުމެއްކަމަށެވެ.

ދެ ބޭފުޅުންވެސް ޖަލުގައި ޙުކުމް ތަންފީޛުކުރައްވަމުންގެންދަވާތާ މިހާރުވެސް އަހަރެއްހާ ދުވަސް ވުމާ ގާތްވެފައިވާއިރު އެ ބޭފުޅުން އެ ވިދާޅުވާ ފަދައިން އާ ޤާނޫނުލްއުޤޫބާތު އެޕްލައިކޮށްފިނަމަ ދެ ބޭފުޅުންވެސް އިތުރަށް ޖަލުގައި ތިއްބަވަން ނުޖެހި މިނިވަންވުމުގެ ފުރުސަތު ބޮޑެވެ.

ނާޒިމްގެ އިސްތިޢުނާފްގެ އަޑުއެހުންތައް ދުވަސްތަކަކަށްފަހު ހައިކޯޓުގައި ފެށިގެން ކުރިއަށްދާއިރު އިއްޔެ ބޭއްވުނު 3 އަޑުއެހުމުގެ ތެރެއިން އަޑުއެހުމެއްގައި ނާޒިމްގެ ވަކީލު ކުރީގެ ބަންޑާރަނައިބު ޙުސްނުއްސުޢޫދު ވިދާޅުވި ގޮތުގައި ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ހައި ކޯޓުން ނިންމާ ނަމަ އާ ގާނޫނުލް އުގޫބާތުގެ ދަށުން ނާޒިމަށް އަންނަންޖެހޭނީ އެންމެ ބޮޑުވެގެން ވެސް 1 އަހަރުގެ ޖަލު ހުކުމެއް އަންނަ ކުށެއް ކަމަށްވާ ބަޑި ގެންގުޅުމުގެ ކުށުގެ އަދަބުކަމަށެވެ. އެކުށް ބަޔާންކުރަނީ އާ ގާނޫނުލް އުގޫބާތުގެ 711 ވަނަ މާއްދާ އެވެ. އާ ގާނޫނުލް އުގޫބާތުގައި އެ ކުށަށް އެންމެ ބޮޑު އަދަބަކަށް ވެސް ދެވޭނެކަމަށް ބަޔާންކޮށްފައިވަނީ 1 އަހަރަށްޖަލަށްލުމެވެ.

ނާޒިމްގެ އަދަބު ލުއިވާންޖެހޭނެ ކަމަށް ވަކާލާތުކުރައްވަމުން ސުޢޫދު ވިދާޅުވީ އާ ގާނޫނުލް އުގޫބާތާއި އެހެން ގާނޫނަކާއި ފުށުއަރާ ނަމަ އިސްކަން ދޭންޖެހޭނީ ގާނޫނުލް އުގޫބާތަށް ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަކަމަށެވެ. އެހެންވެ ސުއޫދު ވިދާޅުވީ އިސްތިއުނާފް މަރުހަލާގައި ވެސް ނާޒިމަށް އެ ލުއި ލިބެންޖެހޭނެ ކަމަށެވެ.

ސުޢޫދުގެ ވާހަކަތަކަށް ދެކޮޅު ހައްދަވައި، ޕްރޮސިކިއުޓަރުން ވިދާޅުވީ ނާޒިމްގެ އަދަބު އާ ގާނޫނުލް އުގޫބާތުގެ ދަށުން ލުއި އަދަބަކަށް ބަދަލު ނުކުރެވޭނެ ކަމަށާއި ލުއި އަދަބަކަށް ބަދަލު ކުރެވޭނީ ކުށްކުރި ފަހުން ހުކުމް ކުރުމާ ދެމެދު ގާނޫނަށް އަންނަ ބަދަލަކުން އެ ކުށަކަށް ލުޔެއް ދީފައިވާ ހާލަތުގައި ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށާއި އެކަމަކު ނާޒިމަށް ހުކުމްކުރީ އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފެށުމުގެ ކުރިން ކަމަށްވާތީ އާގާނޫނުލް އުގޫބާތުގެ ލުއި ނާޒިމަށް ދޭންނުޖެހޭނެ ކަމަށެވެ.

މަތީ ކޯޓުތަކުން މީގެ ކުރިން ނިންމާފައިވަނީ ކޮންގޮތަކަށް؟

ރައީސް ނަޝީދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި އަދި ހައިކޯޓުގައި ހިނގަމުންދާ ނާޒިމްގެ އިސްތިޢުނާފް ޝަރީޢަތުގައިވެސް ކުށް ސާބިތުވާކަމަށް ކަނޑައަޅާނަމަ އާ ޤާނޫނުލްއުޤޫބާތަށް ރިޢާޔަތްކޮށް ޙުކުމެއް ކަނޑައަޅައިދޭން އެދިފައިވާއިރު އެ ދެބޭފުޅުންނަށްވެސް ކުށް ސާބިތުވާކަމަށް ނިންމާފައިވަނީ އާ ޤާނޫނުލް އުޤޫބާތަށް ޢަމަލުކުރަން ފެށުމުގެ ކުރިންނެވެ.

ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ޙުކުމް ކުރީ އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީގެ ކައިވެނީގެ 21 ވަނަ އެނިވާސަރީގައި 13 މާރިޗް 2015 ގައެވެ. ކާނަލް ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއްކުރީ 26 މާރިޗް 2015 ގައެވެ. އާ ޤާނޫނުލް އުޤޫބާތަށް ޢަމަލުކުރަން ފެށުނު ތާރީޚާ ގުޅިގެން ޤާނޫނީ ބަޙުސެއް އޮތްނަމަވެސް ޤާނޫނު ފާސްކުރިއިރުވެސް 13 އޭޕްރީލް 2015 ގެ ކުރިން އެ ޤާނޫނަށް ޢަމަލުކުރަން ފަށަންޖެހޭގޮތަށް ޤާނޫނުގައި ބަޔާންކޮށްފައެއްނެތެވެ.

އެހެންކަމުން ނާޒިމްއާއި ނަޝީދުގެ މައްޗަށް އާ ޤާނޫނުލް އުޤޫބާތުގެ ދަށުން ޙުކުމްކުރެއްވުމަށް އެދެވޭނެ އަސާސެއް އެބަ އޮތްހެއްޔެވެ؟ އަދި ވަކިން ޚާއްސަކޮށް އިސްތިއުނާފް މަރުޙަލާގައި އެ ލުއި ލިބިދެވޭނެ ހެއްޔެވެ؟

ދިވެހިރާއްޖޭގެ ހައިކޯޓުގެ 2008/HC-A/149 ނަމްބަރ ޤަޟިއްޔާގައި ކުށް ސާބިތުވުމަށްފަހު ނިހާއީ ޙުކުމެއް (ޝަރުޢީ ހުރިހާ މަރުޙަލާތަކުން ނިމި ފަހުގެ ނިންމުން ނިމިފައި) ނާންނަހާ ހިނދެއްގައި ޤާނޫނުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން ޢަމަލުކުރަންޖެހޭނެ ގޮތް ކަނޑައަޅުއްވާފައިވެއެވެ.

މިގޮތުން އެ މައްސަލައިގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ވަނީ "…ހައިކޯޓުގެ މި ޤަޟިއްޔާގެ ދަށުން އިސްތިޢުނާފް މިކުރެވޭ ލ. މާމެންދޫ ކޯޓުގެ ނަމްބަރ 40/O-10-C/2007 ގެ ޤަޟިއްޔާ ނިމިފައިވަނީ 2008/04/27 ގައިކަން އެނގެން އޮތުމުން، އެ ޤަޟިއްޔާ ނިމިފައިވަނީ ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަން ފެށިފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 7 އޯގަސްޓް 2008 ގައި އަމަލުކުރަން ފެށުމުގެ ކުރިން ކަމަށް ވީނަމަވެސް، އެ ޤާނޫނުއަސާސީއަށް އެ ތާރީޚުގައި ޢަމަލުކުރަން ފެށިފައިވަނީ ބުނެވުނު ލ. މާމެންދޫ ކޯޓުގެ ޤަޟިއްޔާ، ޝަރުޢީ ހުރިހާ މަރުޙަލާތަކުން ނިމުމުގެކުރިން ކަމަށްވާތީ، ޤާނޫނީ އުޞޫލުތައް ނިޔާކުރާގޮތުން ޝަރުޢީ ހުރިހާ މަރުޙަލާތަކުން މައްސަލަ ނިމުމުގެ ކުރިން މުއްތަޙަމުގެ ޞާލިހްގައި ޤާނޫނުގެ ނައްޞުތަކަށް އަންނަ ބަދަލަކީ، މުއްތަހަމުގެ ސާލިޙަށް އައި ބަދަލެއްކަމުގައި ޤާނޫނީގޮތުން ބަލަންޖެހޭ.." ކަމަށް ކަނޑައަޅުއްވާފައިވެއެވެ.

އެ ޤަޟިއްޔާގައި ވަނީ މިހާރުގެ ޤާނޫނުއަސާސީއަށް ޢަމަލުކުރުމުގެ ކުރިން ތަޙްޤީޤުގައި އިޢުތިރާފްވުމަށްފަހު ޝަރީޢަތުގައި މީހަކު ކުށަށް އިންކާރުކުރުމުން ތަޙްޤީޤުގައި އޭނާ ވީ އިޢުތިރާފްއަށް ބައްލަވައި ދަށު ކޯޓުން ނިންމާފައިވާ މައްސަލަ އާ ޤާނޫނުއަސާސީގެ ދަށުން ހައިކޯޓުން ބާޠިލްކުރައްވާފައެވެ. ދަށު ކޯޓުން މައްސަލަ ނިންމިއިރު އާ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާފައިނުވާތީ ކުރީގެ އާ ޤާނޫނުއަސާސީގެ ދަށުން ލިބިދޭ ޝަރީޢަތުގައި ވާ އިޢުތިރާފް ފިޔަވައި އެހެން އިޢުތިރާފް ބަލައިނުގަނެވުމުގެ ލުއި ހައިކޯޓުންވަނީ މައްސަލަ ހުށަހެޅި މީހާއަށް ލިބިދީފައެވެ.

އެހެންކަމުން ރައީސް ނަޝީދު އާއި ކާނަލް ނާޒިމްއަށްވެސް މި ފަދައިން ލުއިލިބިދިނުން ހުރަސްއަޅާ ސަބަބެއް ނެތްކަން ހައިކޯޓުގެ އެ ނިންމުމުން އެނގެއެވެ. ހައިކޯޓުގެ އެ ނިންމުމަށް ބާރުލިބިދޭފަދަ ގޮތަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމްބަރ 2011/SC-A/23 ޤަޟިއްޔާގައިވެސް ނިންމަވާފައިވެއެވެ. އެގޮތުން މީހާގެ މަސްލަޙަތުގައި ޤާނޫނަށް އަންނަ ހެޔޮ ބަދަލެއްގެ މަންފާ ލިބިދިނުމަށް ޤާނޫނު މާޒީއަށް ނުވަތަ ރެޓްރޯސްޕެކްޓިވްކޮށް ޢަމަލުކުރުން އެއީ ޤާނޫނީގޮތުން ބަލައިގަނެވޭނެ ގޮތެއްކަމަށް ސުޕްރީމް ކޯޓުންވެސް ކަނޑައަޅާފައިވެއެވެ.

ދެން އުފެދޭ ސުވާލަކީ އާ ޤާނޫނުލް އުޤޫބާތުގެ ދަށުން ލުއި އަދަބު ނާޒިމަށް ނުދެވޭނެކަމަށް ޕްރޮސިކިއުޓަރުން ވިދާޅުވީ މި ޤަޟިއްޔާތައް ނޭނގޭތީތޯއެވެ. ނުވަތަ އެ ޤަޟިއްޔާތައް ޤަސްދުގައި 'ހަނދާން ނައްތާލީ' ތޯއެވެ؟

ހައިކޯޓާއި ސުޕްރީމް ކޯޓުގެ ނިންމުންތަކުން ޤާނޫނީ ބޭފުޅުން މާނަކުރައްވަނީ ރައީސް ނަޝީދާއި ނާޒިމް އަށް ކުށް ސާބިތުވާކަމަށް ނިންމެވިނަމަވެސް އާ ޤާނޫނުލް އުޤޫބާތުގެ ލުއި ލިބިދެވޭނެކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓާއި ހައިކޯޓުން ނިންމާނީ ކޮން ގޮތަކަށްކަމެއް އަދި ނޭނގެއެވެ.