މިހާރު ޢަމަލު ކުރަމުންދާ ފެހި ޤާނޫނު އަސާސީ އާއި އެކު ދިވެހިރާއްޖެއަށް އައި ހެޔޮ ބަދަލަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ކޮންމެ މީހަކު ވެސް ދޭނެ ޖަވާބަކީ، ތިން ބާރު ވަކިވެގެން ދިޔުމެވެ. ނަމަވެސް ޤާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް ދިވެހިރާއްޖޭގައި ތިން ބާރު ހަގީގަތުގައި ވެސް ވަކިވެފައިވޭތޯ ކުރެވޭ ސުވާލަކީ މުޅިން އެހެން ވާހަކައެކެވެ.
ދައްކަން މިއުޅެނީ، ތިން ބާރު ވަކިކުރަން ނިކުމެ ޖެހި ސަކަރާތުގެ ތެރޭގައި އަހަރުމެންނާއި ވަކިވެގެންދިޔަ ހަތަރު ވަނަ ބާރެއްގެ ވާހަކައެވެ. އެއީ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރު ކަމުގައި ބުނާ މީޑިޔާގެ ބާރުގެ ވާހަކައެއް ވެސް ނޫނެވެ.
ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސިޔާސީ ޕާރޓީތައް އުފެދި ދައުލަތް ހިންގުމުގެ ބާރުތައް ޤާނޫނު އަސާސީގައި ވަކިން ބަޔާންކުރެވި، މިނިވަން މުއައްސަސާތައް އުފެދުމާއި އެކު އައި ބަދަލުތަކުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ވެސް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ވަކި ކުލަތަކެއް އެއީ ސިޔާސީ ކުލަތަކެއް ކަމުގައި ކަނޑައަޅައިފިއެވެ.
އާ ޤާނޫނު އަސާސީ އާއި އެކު އައި ބަދަލުތަކުގެ ސަބަބުން ދިވެހިންގެ ތެރެއިން ގިނަބައެއްގެ ވިސްނުމާއި ފިކުރަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މިގޮތުން އެންމެ ބޮޑު ބަދަލެއްކަމަށް ފާހަގަ ކުރެވޭ އެއްކަމަކީ، ގިނަބައެއްގެ ވިސްނުމުގެ ބާރު އެމީހުންގެ ކިބައިން ވަކިވެގެން ދިއުމެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އިންސާނުންނަށް ދެއްވާފައިވާ އެންމެ އަގުބޮޑު ނިޢުމަތްކަމުގައިވާ ބުއްދީގެ ބާރުވެސް ވަރަށް ގިނަ ބަޔަކުވަނީ އެމީހުންގެ އަމިއްލަ އިޚްތިޔާރުގައި، އެމީހުންގެ ކިބައިން ވަކިކޮށް އެހެންބަޔަކާއި ހަވާލުކޮށްފައެވެ.
މިއީ އިތުރަށް ތަފްސީލު ގެނެސް ނުދިން ކަމުގައި ވިޔަސް އަޅުގަނޑުމެންގެ މުޖްތަމަޢް އިން ފެންނަން އޮތް ހަގީގަތެކެވެ. ކިތަންމެ ތަޢުލީމީ މީހަކު ރަނގަޅު ވާހަކައެއް ދެއްކިޔަސް ވަކިބަޔަކު އެއާއި ދެކޮޅު ހަދައިފި ނަަމަ ޤަބޫލު ނުކުރާމީހުން ވަރަށް ގިނައެވެ. ހަމަ އެގޮތަށް ވަކިބަޔަކު ބުނެފިނަމަ ކިތަންމެ ބޮޑު ދޮގެއް ވެސް ޤަބޫލުކޮށްގެން އުޅޭ މީހުން އަޅުގަނޑުމެންގެ ތެރެއިން މަދެއް ނޫނެވެ.
އެންމެ ހެއްވާ ކަމަކީ، ވަކިބަޔަކު ނުވަތަ ވަކިމީހަކު ބުނީތީ ވަކިގޮތަކަށް ކަމެއް ޤަބޫލުކުރުމަށްފަހު، ދުވަސްކޮޅެއްފަހުން، ހަމަ އެބަޔަކު ނުވަތަ އެމީހަކު އެހެންގޮތަކަށް އެވާހަކަ ބުނެފިނަމަވެސް އަނެއްކާވެސް އެކަން ހިތުގެ އަޑިން ޤަބޫލުކުރާ އެތައްބަޔަކު އުޅެއެވެ. ކިތަންމެ ހާމަކޮށް ހަގީގަތް ފެންނަން އޮތަސް ނުވަތަ، ނުވަތަ ތިމާ ކިތަންމެ ކުޑަކޮށް ވިސްނާ ފިކުރުކޮށްފިނަމަ ވަރަށް ފަސޭހައިން ޙަޤީޤަތް ހާމަ ވާނެފަދަ ކަންކަމުގައި ވެސް ބުއްދި ބޭނުންކުރުމަށް އިޚްތިޔާރުކުރަނީ ވަރަށް މަދު ބައެކެވެ.
މިފަދަ ހާލަތެއްގައި ތިބުމުން ގިނަ ބަޔަކު އެމީހުންގެ ވިސްނުމުގެ ބާރު އަމިއްލަ ނަފްސާއި ވަކިކޮށްފިއޭ ނުބުނެވޭނެ ހެއްޔެވެ؟
މިއީ ހަމައެކަނި ސިޔާސީ ފިކުރުގެ ތެރޭގައި އޮތްކަމެއްނޫނެވެ. ދީނީ ކަންކަމުގައިވެސް، ވިސްނުމުގެ ބާރު ވަކިކުރުމުގެ މައްސަލަ އެބައޮތެވެ. ދީނީ ކަންކަން ބަލައިގަތުމާއި ނުގަތުމުގައި ވިސްނުމުގެ ބާރު އެހެންބަޔަކާއި ޙަވާލުކުރުމަކީ ދިވެހި މުޖްތަމަޢް އިން ފެންނަމުންދާ ހިތާމަވެރި މަންޒަރެކެވެ. ބައެއް ޢިލްމުވެރިން މުޤައްދަސްކުރުމާއި، އެނޫން ޢިލްމުވެރިނަށް ހަޑިހުތުރު ބަސްތައް ބުނުންފަދަ ކަންކަމީ ބައެއް "ކޫލް ޒުވާނުން"ގެ ތެރޭގައި އަށަގެންފައިވާ އާދައެކެވެ.
ވަކިކަމެއްގައި ތިމާ ޤަބޫލުކުރާ ގޮތްނޫން ގޮތަކަށް ފަތުވާއެއް ދެއްވާފައިވާ ޢިލްމުވެރިއަކުނަމަ، އެބޭފުޅެއްގެ އަގުވައްޓާލުމަށް ހަގީގަތާއި ޚިލާފް ވާހަކަ އެއްވެސް ޖެހިލުމެއް ނެތި ފަތުރަމުން ގެންދާ ބަޔަކު ވެސް އަޅުގަނޑުމެންގެ ތެރޭގައި އެބައުޅެއެވެ.
ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުންނަކީ ދުނިޔެ ދޫކޮށްފައިވާ ބޭފުޅުންނަށް ވިޔަސް ވަރިހަމަ އެވެ. އިސްލާމްދީން ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ދީނީ ޢިލްމުވެރިންނަކީ ﷲގެ ޙަޟްރަތުގައި ކިހާ މަތިވެރި ބައެއް ކަން އެފަދަ ވާހަކަތައް ފަތުރާ ފަރާތްތަކަށް ނޭނގެނީ ކަމަށް ވެދާނެއެވެ.
ކޮންމެ މީހަކުވެސް މުކައްލަފަކަށްވެ، ޒިންމާތަކެއް އުފުލަންޖެހުން ބިނާވެފައި އޮންނަނީ ބުއްދީގެ މައްޗަށެވެ. ގައިބާރު ކިތަންމެ ވަރުގަދަޔަސް، އަދި ބުރުސޫރަ ކިތަންމެ ރީތިނަމަވެސް ބުއްދިނެތްނަމަ އެމީހަކީ ތަކްލީފުތައް އުފުލަންޖެހޭ މީހަކަށް ނުވާނެއެވެ.
ވިސްނުމުގެ ބާރަކީ އެކަން އެހެންބަޔަކާއި ހަވާލުކޮށް، އެއްވެސްމީހަކަށް ފަރުޖެއްސެން އޮތްކަމެއް ނޫންނެވެ. ޤިޔާމަތްދުވަހު ސުވަރުގެއާއި ނަރަކައަށް މީހުން ވެއްދޭއިރު، ބުއްދިފަސްކޮށް، ބާޠިލަށް ގޮވާލާމީހުންގެ ބަސް ޤަބޫލުކުރި މީހުންނަށް ކާމިޔާބެއް ނުލިބޭނެއެވެ. އެދުވަހުން ތިމަންނާމެންގެ ވިސްނުމުގެ ބާރު ވަކިކޮށްލީމޭ ބުނެ އުޒުރު ދެއްކޭކަށް ނޯންނާނެއެވެ.