އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް ބޯންމައުތް ބަލިކޮށް ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.
ރޭ ކުޅުނު މެޗުން އާސެނަލް މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗްގެ ފުރަތަމަ ގޯލު މެޗްގެ 27 ވަނަ މިނެޓުގައި އާސެނަލް އަށް ކާމިޔާބުކޮށްދިނީ އޮޒިލް ނަގާދިން ކޯނަރެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ޑިފެންޑަރ ގެބްރިއެލްއެވެ.
މިއީ މިސީޒަނުގައި އޮޒިލްގެ 16 ވަނަ އެސިސްޓެވެ. އޮޒިލް އަކީ މިސީޒަނުގައި މިހާތަނަށް ލީގުގައި ދެ ނަމްބަރުގެ އަދަދަށް ގޯލަށް އެސިސްޓު ކޮށްފައިވާ ހަމައެކަނި ކުޅުންތެރިޔާއެވެ.
މެޗުގެ ދެވަނަ ގޯލު 63 ވަނަ މިނެޓުގައި ކާމިޔާބުކޮށް ދިނީވެސް އޮޒިލްއެވެ. ރޭގެ މެޗުގައި އޮޒިލްގެ ފަރާތުން ފެނުނު މޮޅު ކުޅުމަށް އާސެނަލްގެ މެނޭޖަރު އާސެން ވެންގާ ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
މިވަގުތު ލީގުގައި ހުރި އެންމެ މޮޅު ކުޅުންތެރިޔަކީ އޮޒިލްތޯ ސުވާލުކުރުމުން އޭނާ ބުނެފައިވަނީ "ނަމްބަރުތައް(ގޯލާއި އެސިސްޓު) ތި ސުވާލުތަކުގެ ޖަވާބަކަށް ފުދޭ" ކަމަށެވެ.
އާސެނަލް ތާވަލުގެ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް ލެސްޓާ އަދި 4 ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ.
މިިރޭ މެންޗަސްޓާ ސިޓީ އާއި ލެސްޓާ ސިޓީ ކުޅޭ މެޗުން މެންޗަސްޓާ ސިޓީ ބަލިވެއްޖެ ނަމަ އާސެނަލް އަށް 2 ޕޮއިންޓުގެ ލީޑެއް ލިބޭނެއެވެ. އެ މެޗް އެއްވަރު ވެއްޖެނަމަ ގޯލުގެ ތަފާތުން ކުރީގައި އޮންނާނީ އާސެނަލްއެވެ. ނަމަވެސް ސިޓީ މޮޅުވެއްޖެނަމަ އެ ޓީމަށް ވެސް ލީގުގެ އެއްވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.