Last Updated: November 25, 19:38
Monday, November 25, 2024
ކުޅިވަރު

ވެން ގާލް އަށް ވަގުތު ދޭން ޖެހޭ- ސްކޯލްސް

19 އަހަރު ވަންދެން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެދީފައިވާ އޭރު ދުނިޔޭގެ އެންމެ މޮޅު އެއް މިޑްފީލްޑަރ ކަމުގައިވާ ޕައުލް ސްކޯލްސް މެންޗެސްޓާ ޔުނައިޓެޑުގެ މިހާރުގެ މެނޭޖަރު ލުއިސް ވެން ގާލް ގެ ކުރިމަގާ މެދު އޭނާ ދެކޭގޮތް ހާމަކޮށްފިއެވެ. 11 ޕްރިމިއާ ލީގު މެޑަލް ހޯދައިފައިވާ ޕައުލް ސްކޯލްސް ބުނެފައިވަނީ އޭނާ ދެކޭ ގޮތުގައި ލުއިސް ވެން ގާލް އަށް އަދި އިތުރު ވަގުތު ދޭން ޖެހޭ ކަމަށެވެ.

އެހެންނަމަވެސް އޭނާ ވަނީ މިދިޔަ މަހަކީ ލުއިސް ވެން ގާލް އަށް ދެރަ މަހެއް ކަމަށް އެއްބަސް ވެފައެވެ.
ސްކޯލްސް ވަނީ ވެން ގާލް ގެ ފުޓުބޯޅައަށް މީގެ ކުރިން އެތައް މުނާސަބެއްގައި ފާޑުކިޔާފައެވެ. އޭނާގެ ބަހުގައި ލުއިސް ވެން ގާލް ގެ މެނޭޖަރު ކަމުގެ ދަށުން ޔުނައިޓެޑް ކުޅެނީ 'ފޫހި' ފުޓުބޯޅައެކެވެ.

ނަމަވެސް ޗެލްސީ އާ ދެކޮޅަށް ކުޅެ އެއްވަރުވުމަށް ފަހު ސްކޯލްސް ވަނީ ވެން ގާލް އާ އެއްކޮޅަށް ވާހަކަ ދައްކައި އޭނާގެ އަކީ މަގާމަށް އެކަށީގެންވާ ކޯޗެއް ކަން ސާބިތުކޮށްދިނުމަށް ވަގުތު ދިނުމަށް ގޮވާލާފައެވެ.

ޕްރިމިއާ ލީގުގައި ރޭގައި ޗެލްސީ އާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވުމުން ވެން ގާލް އަށް އޭނާގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ވަނީ ކުޑަވެފައެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ބޯޑުން ވެން ގާލް ވަކިކޮށްލަން އުޅޭ ޚަބަރު ގަދަވެފައި ވަނިކޮށް ޗެލްސީއާ ދެކޮޅަށް ކުޅެ އެއްވަރު ވުމުން، ޔުނައިޓެޑް ގެ ބޯޑުން ވެން ގާލް އަށް ސީޒަން ނިމެންދެން މަގާމުގައި ހުރުމަށް ފުރުސަތު ދީފައިވާ ކަމަށް ވެސް ޚަބަރުތައް ފެތުރެން މިހާރު ވަނީ ފަށާފައެވެ.

ނަމަވެސް ޗެލްސީ އަތުން ޕޮއިންޓެއް ހޯދައިގެން ފުއްދާލައިގެން ތިބެންވީތޯއެވެ؟ 2015 ޑިސެމްބަރު މަހުގައި ޔުނައިޓެޑް ކުޅެން ޖެހޭ ހުރިހާ މެޗެއް ކުޅެ ނިމިފައިވާ އިރު އެންމެ މެޗަކުންވެސް މޮޅު ނުވެވުމަކީ ސަޕޯޓަރުންނަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެންމެ ފަހަކަށް ކުޅުނު 6 ޕްރިމިއާ ލީގު މެޗުން 3 މެޗުން ބަލިވެ 3 މެޗުން އެއްވަރު ވުމަކީ ސަޕޯޓަރުންނަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ތާވަލުގެ އެއްވަނައިގައި އޮވެފައި ސީޒަން ދެބައި ވިއިރު 6 ވަނަ އަށް ވެއްޓުމަކީ ސަޕޯޓަރުންނަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

މިއީ އަމިއްލަ ދަނޑުގައި ލީގު ތާވަލުގައި މިހާރު 14 ވަނައިގައި އޮތް ޓީމެއްގެ އަތުން ޕޮއިންޓެއް ލިބިގެން ހިތްހަމަ ޖެހިލައިގެން ތިބެންވީ އެންމެ ރަނގަޅު ދަނޑިވަޅުތޯ މިއަދު މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރުން އަންނަނީ ސުވާލުކުރަމުންނެވެ.