ބާސެލޯނާގެ ފޯވާޑް ލިއޯ މެސީ އެޓީމަށް ކުޅުނު 500 ވަނަ މެޗުގައި ގޯލެއް ޖަހައި ރިކޯޑެއް ހެދުމަށް އެހީތެރިވެދީފިއެވެ. މީލާދީ އަހަރެއްގެ ތެރޭގައި ޓީމަކުން ޖެހި އެންމެ ގިނަ ގޯލުގެ ރިކޯޑު ބާާސާ އިން މުގުރާލައިފައި ވަނީ ރޭގައި ރިއަލް ބެޓިސް އާ ދެކޮޅަށް ކުޅެ 0-4 އިން މޮޅުވެގެންނެވެ. މިގޯލު ތަކާއެކު ބާސާ 2015 ވަނަ އަހަރުގައި ޖެހި ގޯލުތަކުގެ އަދަދު 180 އަށް ވަނީ އަރާފައެވެ.
2014 ވަނަ އަހަރު ރިއަލް މެޑްރިޑް އިން މި ރިކޯޑު ގާއިމް ކުރީ 178 ގޯލު ޖަހައިގެންނެވެ.
ރޭގައި މެސީ ޖަހައިދިން ގޯލާއެކު ބާސާ ވަނީ ރިއަލް އާ ގޯލުގެ އަދަދުން ހަމަހަމަ ކޮށްފައެވެ. ރިއަލް އަށްވުރެ ކުރިއަށް އެރީ ސުއަރެޒްގެ ގޯލު ތަކާއެކުއެވެ.
މިއަހަރު މެސީ އަދި ސުއަރެޒް ވަނީ ބާސާއަށް 48 ގޯލު ކާމިޔާބުކޮށްދީފައެވެ. ޒުވާން ފޯވާޑް ނޭމާ ވަނީ 41 ގޯލު ޓީމަށް ކާމިޔާބު ކޮށްދީފައެވެ.
ބާސާ އިން ޖެހި 180 ގޯލުގެ ތެރެއިން 137 ގޯލު ޖަހާފައި ވަނީ މެސީ، ސުއަރެޒް އަދި ނޭމާ، މިތިން ކުޅުންތެރިންނެވެ.
މިއީ ބާސާގެ ގޯލުތަކުގެ %75 އެވެ. ޝައްކެއް ވެސް ނެތް ގޮތުގައި ބާސާގެ އެންމެ މުހިންމު ތިން ކުޅުންތެރިންނަކީ މިއީއެވެ.
ބާސާ ޖާސީގައި 500 ވަނަ މެޗު ކުޅުނު މެސީ ވަނީ 500 މެޗުގައި 425 ގޯލު ކާމިޔާބުކޮށްދީފައެވެ.