Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު

އޮޅުވާލައިގެން ކާޑުގެ މައުލޫމާތު ހޯދައިގެން ހިތަދޫ މީހެއްގެ އެކައުންޓުން 1 ލައްކަ ރުފިޔާ ފޭރިގެންފި!

ހިތަދޫގައި ހުންނަ ބީއެމްއެލް ކޯލް ސެންޓަރ. އައްޑޫލައިވް ފޮޓޯ: އަހްމަދް ޝާން

ކާޑް އެކްޓިވޭޓް ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކަމަށް ބުނެ ހިތަދޫ މީހަކަށް ގުޅައި އޭނާގެ ކާޑުގެ މައުލޫމާތު ހޯދުމަށްފަހު އެކައުންޓްގައި ހުރި އެއް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމީހާގެ ކާޑުގެ މައުލޫމާތު ހޯދާފައިވަނީ ބޭންކް އޮފް މޯލްޑިވްސް ކާޑް ސެންޓަރުގެ ނަމުގައި ގުޅައިގެންނެވެ.

އެކައުންޓްގައި ހުރި ފައިސާ މަދުވި ކަން އެމީހާއަށް އެނގިފައިވަނީ، އޭގެ ފަހު ދުވަހު ކަމަށް ވެއެވެ.

އޮޅުވާލައިގެން މަކަރާ ހީލަތުން ފައިސާ ހޯދާ މައްސަލަތައް ހުށަހެޅުން އިތުރުވެފައިވާއިރު ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅިފައި ހުންނަނީ އެކިއެކި ކުންފުނިތަކުގެ ނަމުގައި ނުވަތަ ކޮންމެ ވެސް މުއައްސަސާއެއްގެ ނަމުގައި ގުޅައި ޕްރޮމޯޝަނެއްގެ ގޮތުގައި އަދި އެނޫންވެސް މާލީ މަންފާ ލިބޭނެ ގޮތްތައް ބުނެދީ އޮޅުވާލައިގެން ކަމަށް ފުލުހުން ބުނެއެވެ.

ނުދަންނަ ނަމްބަރުތަކުން ގުޅައި އޮޅުވާލައިގެން އެކި މީސްމީހުންގެ އެކައުންޓްތަކުން މަކަރާ ހީލަތުން ފައިސާ ނަގަމުންދިޔަ މީހަކު ދާދި ފަހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ލ.އަތޮޅުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޢުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.