ދިވެހިރާއްޖެ އަކީ ބިދޭސީން ޓްރެފިކުރުމާއި އަޅުންގެ ގޮތުގައި ނާޖާއިޒު ފައިދާ ނަގަމުންދާ ގައުމެކެވެ. މިއީ އެންމެންނަށް ވެސް އެނގެ ކަމެކެވެ. އެހެން ނަމަވެސް މިވާހަކަ އަކީ ގިނަ ބަޔަކު ދައްކަން ބޭނުންވާ ވާހަކައެއް ނޫނެވެ. އެހާ ބޮޑު އަހަންމިއްޔަތު ކަމެއް ދޭ މައުޟޫއެއް ވެސް ނޫނެވެ.
ހިއުމަން ޓްރެފިކިން އަކީ އިންސާނިއްޔަތާ ހިލާފު ބޮޑު ކުށެއް ކަމެއް ނުވިސްނެ އެވެ. ޓްރެފިކްކުރުމަކީ ކޮބައިކަން އަދި އެއީ ކިހާ ބޮޑު ކުށެއްކަން ވެސް ބައެއް މީހުންނަކަށް ނޭނގެ އެވެ. މީހުން ޓްރެފިކްކުރުމަކީ ނާޖާއިޒު ފައިދާއެއް ނެގުމުގެ ނިޔަތުގައި މީހަކު އެއްތަނުން އަނެއް ތަނަށް ގެންދިއުމެވެ. އަދި މަޖުބޫރީ ހާލަތެއް މެދުވެރިކޮށް އެ މީހެއްގެ ފަރާތުން ނާޖާއިޒު ފައިދާ ނެގުމެވެ.
މިއީ ތަފާތު އެކި ނަން ނަމުގައި ފާޅުކަން ބޮޑު ގޮތެއްގައި ހިންގާ ޖަރީމާތަކެކެވެ. އައްޑޫގައި ވެސް ހިއުމަން ޓްރެފިކިންގެ މައްސަލަތައް އިންތިހާއަށް ވަނީ ބޮޑުވެފައެވެ. އެގޮތުން ކުންފުނިތަކުން އެކި މަސައްކަތްތައް ކުރުމަށް ގެންނަ ފަރާތްތަކަށް މުސާރަ ނުދިނުމުގެ މައްސަލަތަކާއި، އެމީހުންގެ ޕާސްޕޯޓް ފަދަ ތަކެތި ހިފަހައްޓައިގެން އެކި ގޮތްގޮތުން ބިރު ދެއްކުމަށް މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކުރެވެއެވެ.
'އައްޑޫލައިވް'ގެ ފަރާތުން އައްޑޫގައި މަސައްކަތް ކުރާ ބައެއް ބިދޭސީންނާއި ވާހަކަ ދައްކައި ވަނީ މައުލޫމާތު އޮޅުން ފިލުވާފައެވެ.
" މުސާރަ ތިބޭ އެކެއް މަސް ހިފަހައްޓާފައި. ބޮސް ބުނަނީ އަހަރެން ފިލަނީ. ޕާސްޕޯޓް ވެސް ކޮންތާކު ތިބެނީ ނޭނގޭ. ކާއެއްޗެހި ބަރާބަރު، ބަލިވަނީ ޓައިމް ޑޮކްޓަރަށް ދެއްކުން ލަސް ތިބޭ ބައިވަރު"
ބައެއް ބިދޭސީން ލައްވައި މަސައްކަތް ކުރުވުމަށް ފަހު ކުންފުނިތަކުގެ އިސްވެރިން 'ފިލައިގެން' އުޅޭ ކަމަށް ވެއެވެ. އަދި އެފަދަ މައްސަލަތައް ހައިކޮމިޝަންތަކަށް ހުށަހަޅައިގެން ވެސް އެކަމުގައި ކުރިއެރުމެއް ނުލިބޭ ކަމަށް ގިނަ ބިދޭސީން ބުނެއެވެ.
ބައެއް ބިދޭސީން ބުނާގޮތުގައި، އެމީހުން ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރުމަށް ދިމާވާ އެއް ސަބަބަކީ، ރާއްޖެއަށް އެމީހުން ގެންނަ ފަރާތުން މަކަރު ހެދުމެއެވެ. ރާއްޖެ އަންނަނީ އެތައް ފައިސާއެއް ޚަރަދުކޮށްފައި ކަމަށާއި އެހެންވެ ކޮންމެވެސް ގޮތެއް ހަދައިގެން ފައިސާ ހޯދަން މަޖުބޫރު ވެފައިވާ ކަމަށް އެމީހުން ބުނެއެވެ.
އައްޑޫގެ ބައެއް އަވަށްތަކުގައި، މަގު މަތީގައި ކުނިކެހުމުގެ މަސައްކަތް ވެސް ބައެއް ބިދޭސީން ގެންދަނީ ކުރަމުންނެވެ. މީގެ އިތުރުން ކޮންސްޓަރަކްޝަން ގްރޫޕްތައް ހަދަައިގެން ވެސް އެމީހުން ހަރަކާތްތެރިވަމުން އަންނައިރު އެއީ، އައްޑޫގައި ތިބި ބޮޑެތި ކޮންސްޓަރަކްޝަން ކުންފުނިތަކަށް އޮތް ބޮޑު ގޮންޖެހުމަކަށް ވަނީ ވެފައެވެ.
" ބިދޭސީންގެ މައްސަލަ އޭ ކިޔާފައި ވާހަކަ ދައްކަން ބޭނުން ނަމަ ސަރުކާރުން ޖެހޭ ފުރަތަމަ އެމީހުންނަކީ ވެސް އިންސާނުން ކަމުގައި ބަލަން. ޤަވާއިދާ ޚިލާފަށް އުޅުމަށް މަގު ފަހިވެގެން ދަނީ ބިދޭސީންނާއި މެދު އަމަލު ކުރެވޭ ގޮތުން"، ހިތަދޫގެ ކޮންސްޓަރަކްޝަން ކުންފުންޏެއްގައި މަސައްކަތް ކުރާތާ 8 އަހަރު ވެފައިވާ ޕްރިމަތާ ސުޕްރާ ބުންޏެވެ.
ހިއުމަން ޓްރެފިކިން އަށް ހާއްސަކޮށްގެން ހަދާފައިވާ "މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ޤާނޫނު" ބުނާ ގޮތުން މީހަކަށް މަޖުބޫރު ކުރުވައިގެން ރޭވުމަކުން ނުވަތަ މަކަރާއި ހީލަތުން މީހަކު އެއް ގައުމުން އަނެއް ގައުމަށް ބަދަލު ކުރުވުމަށް މަސައްކަތް ކުރާ މީހަކީ ހިއުމަން ޓްރެފިކިންގެ އަމަލެއް ހިންގާ މީހެކެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކޮންމެ އަހަރު ނެރޭ "ޓްރެފިކިން އިން ޕާސަންސް" ލިސްޓުގައި ރާއްޖެ ހިމަނާފައިވާތާ 4 އަހަރު ފަހުން އެ ލިސްޓުން ރާއްޖޭގެ ނަން 2014 ވަނަ އަހަރު އުނި ކުރިއެވެ. އެހެން ނަމަވެސް 2015 ވަނަ އަހަރު އަނެއްކާ ވެސް ރާއްޖެ ވަނީ އެ ލިސްޓަށް އަރާފައެވެ.
މިފަހަރު ރާއްޖެ ހިމަނާފައި އޮތީ "ޓިއާ-2 ވޮޗު ލިސްޓު"ގަ އެވެ. އެއީ ޓްރެފިކިންގެ ޝިކާރައަކަށް ވާ މީހުންގެ އަދަދު ވަރަށް ގިނަ ނުވަތަ އެ އަދަދު އިތުރުވަމުންދާ ގައުމުތައް ހިމެނޭ ލިސްޓެވެ.
ހިއުމަން ޓްރެފިކިންގެ މައްސަލަ ހައްލުކުރެވެން އޮތީ ހަމައެކަނި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މަދުކޮށްގެނެއް ނޫނެވެ. އެ މީހުން ރާއްޖެ ގެނެސް ބިކަކޮށްލާ މީހުން ހޯދައި އެ މީހުންނާ މެދު ވެސް ފިޔަވަޅު އަޅައިގެންނެވެ.މިހާރު އޮތް ގާނޫނު އެންމެ އެކަށީގެންވާ ގޮތުގައި ތަންފީޒުކުރެވިގެންނެވެ.