Last Updated: November 23, 09:25
Saturday, November 23, 2024
ޚަބަރު

ސްޓޮކް ހުސް ނުވާ ކަމަށް ބުނެ އައްޑޫގައި ތެލުގެ އަގު ހެޔޮކުރަން އެފްއެސްއެމް އިން ދެކޮޅު ހަދަނީ

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން އާ އަހަރާ އެކު ޑީސަލާއި ޕެޓްރޯލް ވިއްކާ އަގު ހެޔޮ ކުރި ނަމަވެސް، އައްޑޫ އަށް ޕެޓްރޯލް އަދި ޑީސަލް ސަޕްލައި ކުރާ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް އިން އަގު ހެޔޮ ކުރަން ދެކޮޅު ހަދައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެފްއެސްއެމް އިން މިހާރު ވެސް ޕެޓްރޯލް އާއި ޑީސަލް ވިއްކަމުން ގެންދަނީ ކުރިން ވެސް ވިއްކަމުން އަންނަ އަގަށެވެ. އައްޑޫގައި ޕެޓްރޯލް އާއި ޑީސަލް ވިއްކާ އަމިއްލަ ފަރާތްތަކުން ވިއްކާ ތެލަކީ، ގަމުގައި ހުންނަ އެފްއެސްއެމް އިން ގަނެގެން ވިއްކާ ތެލެވެ.

" އެފްއެސްއެމް އިން ބުނަނީ، ތެޔޮ އަގު ހެޔޮ ކުރެވޭނީ، މިކޮޅުގެ ސްޓޮކް ހުސްވީމަ އޭ. މިހާރު ހުރީ އަގުބޮޑު ސްޓޮކޭ. އެހެންވެ އަމިއްލަ ފަރާތްތަކަށް އަދި ނެތް އަގުހެޔޮ ކުރެވޭކަށް." ހިތަދޫގައި ޕެޓްރޯލް ޝެޑެއް ހިންގާ ފަރާތަކުން ބުންޏެވެ.

އެސްޓީއޯ އިން އާ އަހަރު ފެށުމާއި އެކު ތެލުގެ އަގު ހެޔޮ ކުރި ނަމަވެސް އެ ބަދަލު އައްޑޫ އަށް ތެޔޮ ސަޕްލައި ކުރާ އެފްއެސްއެމް އިން ނުގެންނާތީ އެކަމާއި ގިނަ ބަޔަކު ގެންދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އެފްއެސްއެމް އައްޑޫ އިން ކުރީގެ ސްޓޮކް ހުސްނުވާ ކަމަށް ބުނެ ތެލުގެ އަގު ހެޔޮކޮށްފައި ނުވި ނަމަވެސް ތެލުގެ އަގު މައްޗަށް ދާ ކޮންމެ ފަހަރަކު، ސްޓޮކް ހުސްނުވިޔަސް ވަގުތުން ތެލުގެ އަގު ބޮޑު ކުރަމުން ގެންދާ ކަން ފާހަގަކޮށްލެވެއެވެ. މިކަމާއި ގުޅިގެން އެފްއެސްއެމް އައްޑޫ އޮފީހުގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.

އައްޑޫގައި މިވަގުތު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 12.70 ރުފިޔާއަށެވެ. ނަމަވެސް އަގަށް އައި ބަދަލާއި އެކު މާލޭގައި ޕެޓްރޯލް ލީޓަރެއްގެ އަގު އުޅެނީ 9.80 ރުފިޔާގައެވެ.

އައްޑޫގައި ތެލުގެ ވިޔަފާރިކުރާ އަމިއްލަ ފަރާތްތަކުން ބުނާ ގޮތުގައި އެމީހުން ތިބީ އެފްއެސްއެމް އިން ތެލުގެ އަގު ހެޔޮކުރުމާއި އެކު އެ ބަދަލު އާންމުންނާއި ހަމައަށް ގެނެސްދިނުމަށް ތައްޔާރަށެވެ.