Last Updated: November 26, 19:16
Tuesday, November 26, 2024
ޚަބަރު

މާލޭގައި ތެލުގެ އަގު ހެޔޮ ކުރިތާ 3 ދުވަސް ފަހުން އައްޑޫގައި ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި

އެސްޓީއޯގެ ފަރާތުން ރާއްޖޭގެ ބާޒާރަށް ސަޕްލައިކުރާ ޑީސަލް އަދި ޕެޓްރޯލްގެ އަގު ހެޔޮކުރިތާ 3 ދުވަސް ފަހުން އައްޑޫގައި ވެސް ޕެޓްރޯލް އާއި ޑީސަލް ވިއްކާ އަގު ހެޔޮކޮށްފިއެވެ.

އައްޑޫއަށް ތެޔޮ ސަޕްލައި ކުރާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ އައްޑޫ އޮފީހުގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އީނާ ނަސީރު މިއަދު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ މިއަދު ހެނދުނު ކަމަށެވެ.

އެފްއެސްއެމް އިން މީގެ ކުރިން އައްޑޫގައި 12.70 ރުފިޔާއަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަނީ 11.40 ރުފިޔާ އަށެވެ. އަދި ކުރިން 12.66 ރުފިޔާ އަށް ވިއްކަމުން އައި ޑީސަލް ލީޓަރެއްގެ އަގު ވިއްކަމުން ދަނީ 11.66 ރުފިޔާއަށެވެ.

މާލޭގައި ޕެޓްރޯލް ލީޓަރެއް 9.80 ރުފިޔާ އަށް ވިއްކާއިރު ޑީސަލް ލީޓަރެއްގެ އަގު ހުރީ 11 ރުފިޔާގައެވެ.