Last Updated: November 23, 09:32
Saturday, November 23, 2024
ރިޕޯޓް

ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް އަބްދުﷲ ދީދީ؟ ރަގަޅު ނިންމުމެއްބާ؟

ހައި ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ

ދެ އަހަރަށްވުރެ ގިނަ ދުވަހު ހުސްކޮށް އޮތް ހައިކޯޓުގެ އިސްފަނޑިޔާރުގެ މަޤާމަށް ފަނޑިޔާރަކު ޢައްޔަންކުރުމަށް ޖުޑީޝިއަލް ސާރވިސް ކޮމިޝަނުން މަސައްކަތްކުރަމުންދާކަމަށް މީޑިއާތަކަށް ޚަބަރުފެތުރިފައިވެއެވެ. ބައެއް މީޑިއަާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ފަނޑިޔާރު ޢަބްދުﷲ ދީދީ ޢައްޔަންކުރުމަށް ޖޭއެސްސީއިން ވަނީ ނިންމާފައެވެ. ނަމަވެސް ޖޭއެސްސީއާ ޙަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން އިސްފަނޑިޔާރަކަށް ވަކި ބޭފުޅެއް ޢައްޔަންކުރުމަށް އަދި ނިންމާފައެއް ނުވެއެވެ. ނަމަވެސް އެކަމާ މަޝްވަރާކުރަމުންދާކަމަށް ވިދާޅުވެފައިވެއެވެ.

ހައިކޯޓަށް އިސްފަނޑިޔާރަކު ޢައްޔަން މިކުރެވެނީ އެ މަޤާމު ހުސްކޮށް އޮންނަތާ އަހަރެއްހާ ދުވަސް ވުމަށްފަހުގައެވެ. އެއީ ސުލޫކީ މައްސަލައެއް ސާބިތުވެ ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު އަޙްމަދު ޝަރީފްގެ މަޤާމް ދަށްކޮށް ޖުވެނައިލް ކޯޓަށް ބަދަލުކުރުމާ ގުޅިގެންނެވެ. އެ މައްސަލަ ބަލަމުން ދިޔައިރުވެސް އަދި މިހާތަނަށް ވެސް ހައިކޯޓު ހިންގަމުން އައީ އެކޯޓުގެ އެކި ފަނޑިޔާރުން އެކި ދުވަސްވަރު އިސްފަނޑިޔާރުގެ މަސްޢޫލިއްޔަތުތައް އަދާކުރައްވާ ގޮތަށެވެ. މިހާރު ހައިކޯޓު ހިންގުމާ ޙަވާލުވެ ހުންނެވީ ފަނޑިޔާރު ޢަލީ ސަމީރެވެ.

ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ބޭފުޅަކު ޢައްޔަންކުރުމަށް ޖޭއެސްސީ އިން މަސައްކަތްކުރާއިރު އެކަމާ ގުޅިގެން ބައެއް ޤާނޫނީ ވަކީލުންނާ ވާހަކަދައްކާލުމުން ބައެއް ބޭފުޅުންގެ ކަންބޮޑުވުންތައް ހުރިކަން އެނގެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަކާލާތުކުރާތާ 6 އަހަރުވެފައިވާ ޤާނޫނީ ވަކީލަކު 'އައްޑޫލައިވް' އަށް ވިދާޅުވީ މިހާރު އަޑުފެތުރިފައިވާ ފަދައިން އެ ކޯޓުގެ އިސްފަނޑިޔާރުކަމަށް ބޭފުޅަކު ޢައްޔަންކުރުމަށް މަސައްކަތްކުރެވެނީ ދެފުށް ފެންނަ އިންސާފުވެރިގޮތެއްގައި ކަމަށް ޤަބޫލު ނުކުރެއްވޭކަމަށެވެ.

އަދި ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ޤާބިލް ބޭފުޅުން ތިއްބެވިއިރު އިހަށްދުވަހު ފަނޑިޔާރުކަމަށް ވަޑައިގަތް ބޭފުޅަކު އިސްފަނޑިޔާރުކަމަށް ޢައްޔަންކުރުމަކީ ޖުޑިޝަރީގެ މިނިވަން ކަމާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދާނެ ކަމެއް ކަމަށް އެބޭފުޅާ ވަނީ ފާހަގަކުރައްވާފައެވެ.

"އަޑު އިވެނީ ޢަބްދުﷲ ދީދީ އިސް ފަނޑިޔާރުކަމަށް ޢައްޔަންކުރަން ނިންމާފައިވާކަމަށް. ޢަބްދުﷲ ދީދީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނުތާ އަދި 6 މަސް ދުވަސް ހަމަނުވޭ. ހައިކޯޓުގައި ތަޖުރިބާކާރު އަދި ތަޢުލީމީގޮތުންވެސް މާ ފުންނާބުއުސް ފަނޑިޔާރުން އެބަތިއްބެވި. އެހެންވީމަ ޖޭއެސްސީ އިން އެގޮތަށް ނިންމާފައިވަނީ ހަމައެކަނި ޢަބްދުﷲ ދީދީ އެކަމަށް ކުރިމަތިލައިގެން ނޫންގޮތަކަށް ކަމަށްވާނަމަ އެ ނިންމުމާމެދު މީހުން ސުވާލު އުފައްދާނެ."

ހައިކޯޓުގެ މާލޭ ބްރާންޗުގައި މިހާރު ތިއްބެވީ ޖުމްލަ 5 ފަނޑިޔާރުންނެވެ. އެއީ މިހާރު ހައިކޯޓު ހިންގުމާ ޙަވާލުވެވަޑައިގެން ހުންނެވި ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުއްރަޢޫފް އިބްރާހީމް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޖާޢު ޢުޘްމާން އަދި ފަނޑިޔާރު ޢަބްދުﷲ ދީދީއެވެ.

ފަނޑިޔާރުންގެ ތަޢުލީމާ ތަޖުރިބާ

ހައިކޯޓުގެ ވެބްސައިޓްގައި ޢާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ހައިކޯޓުގެ މާލޭ ބްރާންޗުގައި ތިއްބަވާ ފަނޑިޔާރުންގެ ތެރެއިން ހައިކޯޓު ފަނޑިޔާރުކަމުގައި އެންމެ ގިނަދުވަސްވީ ނުވަތަ އެންމެ ތަޖުރިބާ ހުންނެވި ފަނޑިޔާރަކީ ފަނޑިޔާރު ޢަބްދުﷲ ޙަމީދެެވެ. މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވާފައިވާ އަދި މަދަނީ ކޯޓުގެ ޤާޟީކަންވެސް ކުރައްވާފައިވާ ޢަބްދުﷲ ޙަމީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އިސްކުރެއްވާފައިވަނީ 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 09 ވަނަދުވަހުއެވެ. އެހެންކަމުން ފަނޑިޔާރު ޢަބްދުﷲ ޙަމީދު ހައިކޯޓުގެ އިސްފަނޑިޔާރުކަމުގައި މިހާރު 8 އަހަރަށް ވުރެ ގިނަދުވަހު ޚިދުމަތްކުރައްވާފައިވެއެވެ.

ފަނޑިޔާރު ޢަބްދުﷲ ޙަމީދަށް ފަހު ދެން ހައިކޯޓުގެ މާލޭ ބްރާންޗުގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވަނީ ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުއްރަޢޫފް އިބްރާހީމެވެ. މި ދެބޭފުޅުންވެސް ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނީ 2011 މާރޗް 26 ވަނަ ދުވަހުއެވެ. މި ދެބޭފުޅުންގެ ތެރެއިން މިހާރުވެސް ހައިކޯޓު ހިންގުމާ ޙަވާލުވެވަޑައިގެން ހުންނެވި ފަނޑިޔާރު ޢަލީ ސަމީރަކީ މިޞްރުގެ އަލްއަޒުހަރުޔުނިވަރސިޓީ އިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓަރސް ޑިގްރީ ޙާޞިލު ކުރައްވާފައިވާފައިވާ ބޭފުޅެކެވެ. އަދި މަދަނީ ކޯޓުގެ ޤާޟީކަމާއި، މަދަނީކޯޓުގެ އިސް ޤާޟީކަމާއި، ސިވިލްކޯޓުގެ އިސް ޤާޟީކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ފަނޑިޔާރު ޢަބްދުއްރަޢޫފް އިބްރާހީމް އަކީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރ ސިޓީ އިން ބެޗްލަރ އޮފް ލޯ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެޓާރނީޖެނެރަލްގެ އޮފީހުގެ ޤާނޫނީ ވަކީލުކަމާއި، ސިވިލްކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާރކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ހައިކޯޓުގެ މާލޭ ބްރާންޗުގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން ހައިކޯޓުގެ ފަނޑިޔާރުކަމުގައި އެންމެ ތަޖުރިބާ މަދު ދެ ބޭފުޅުންނަކީ 2015 ޖޫން 8 ވަނަ ދުވަހު ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނު ފަނޑިޔާރު ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު ޝުޖާޢު އުސްމާންއެވެ. ރައީސް މުޙައްމަދު ނަޝީދު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުޙައްމަދު ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގުނު "އާދަޔާ ޚިލާފް" ދެ ޝަރީޢަތުގެ ބެންޗުގައިވެސް ހިމެނިވަޑައިގަތް މިދެބޭފުޅުންނަށް ހައިކޯޓުގެ 'ޕްރޮމޯޝަން' ލިބިވަޑައިގަތީ އެ ދެމައްސަލައިގެ ޙުކުމުންކަމަށް ސިޔާސީ ބައެއް ބޭފުޅުން ތުޙުމަތުކުރައްވައެވެ.

މި ދެބޭފުޅުންގެ ތަޢުލީމީ ވަނަވަރާ ބެހޭގޮތުން ހައިކޯޓުގެ ވެބްސައިޓުން އެނގެން ހުރި ހަމައެކަނި މަޢުލޫމާތަކީ މި ދެބޭފުޅުންނަކީވެސް ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ތިއްބެވި ބޭފުޅުންކަމެވެ. އެއީ 'ކިހާ މަތީ ތަޢުލީމެއް' ކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް މި ދެބޭފުޅުންނަކީވެސް ޤާޟީކަމުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ދެ ބޭފުޅުންނެވެ. މިގޮތުން ފަނޑިޔާރު ޝުޖާޢު ޢުޘްމާން އަކީ އ. ވިލިގިލީ ކޯޓުގެ މެޖިސްޓްރޭޓްކަމާ، ގއ. އަތޮޅުގެ އިސް މެޖިސްޓްރޭޓްކަމާ، އދ. އަތޮޅާ، ގއ. އަތޮޅުގެ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާ، ކްރިމިނަލް ކޯޓުގެ ޤާޟީކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ވަޑައިގަންނަވާނެކަމަށް މިހާރު އެންމެ ބޮޑަށް ބެލެވިފައިވާ ފަނޑިޔާރު ޢަބްދުﷲ ދީދީ އަކީ ގއ. ދެއްވަދޫއާ، ކ. ދިއްފުށީ ކޯޓުގެ މެޖިސްޓްރޭޓްކަމާ، ކޯޓު ނަންބަރު 2 ގެ ޤާޟީކަމާ، ޖުވެނައިލް ކޯޓުގެ ޤާޟީކަމާ ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޖުޑީޝަލް ކައުންސިލްގެ މެންބަރުކަމާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާ އެ ކޮމިޝަންގެ ނާއިބު ރައީސްކަންވެސް ކުރައްވާފައިވެއެވެ.

ހައިކޯޓުގެ މާލޭ ބްރާންޗުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ބައެއް ބޭފުޅުން ކުރިމަތިލައްވާފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ތަޖުރިބާއާއި ތަޢުލީމަށް ބަލާއިރުވެސް މިހާރު ހައިކޯޓު ހިންގުމާ ޙަވާލުވެވަޑައިގެން ހުންނެވި ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުއްރަޢޫފް އިބްރާހީމް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަކީ ފަހުން ޢައްޔަންކުރެއްވި ބޭފުޅުންނަށްވުރެ ފުންނާބު އުސް ބޭފުޅުންކަމަށް 'އައްޑޫލައިވް' އާ ވާހަކަދެއްކި ހުރިހާ ޤާނޫނީ ވަކީލުންވެސް ވިދާޅުވިއެވެ. އެހެންކަމުން އެބޭފުޅުން ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިވާނަމަ އެބޭފުޅުން ބާކިކުރައްވައި ފަހުން ޢައްޔަންކުރެއްވި ބޭފުޅަކަށް ފަނޑިޔާރުކަން ދިނުމަކީ ހަމަޖެހޭކަމަށް ނުވާނެކަމަށް އެބޭފުޅުން ދެކެވަޑައިގަންނަވައެވެ.

އެހެންނަމަވެސް މިހާރު މީޑިއާގެ ޚަބަރުތަކުން އެނގޭގޮތުގައި ޖޭއެސްސީ އިން މިހާރުވެސް ވަނީ ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ފަނޑިޔާރު ޢަބްދުﷲ ދީދީ ޢައްޔަންކުރަން ނިންމާފައެވެ. ޖޭއެސްސީ އިން އެކަން ކަށަވަރުކޮށްދީފައިނުވިނަމަވެސް މިހާތަނަށް ކަންކަން ވަމުން އައިގޮތަށް ބަލާއިރު ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ޙުކުމެއް އިއްވެވި ކްރިމިނަލް ކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޢަބްދުﷲ ދީދީ ހައިކޯޓު އިސްފަނޑިޔާރުކަމަށް ޢައްޔަންކުރެވިގެންދާތަން ލަސްތަކެއްނުވެ ފެނިދާނެކަމަށް ބެލެވެއެވެ.