ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އައްޑޫ ބްރާންޗްތަކުން ހިދްމަތް ލިބުން ލަސްވާތީ ކަސްޓަމަރުން ނުރުހުން ފާޅުކުރަމުން އެބަދެއެވެ.
"އައްޑޫލައިވް" އާއި ވާހަކަ ދެއްކި ހިތަދޫ ވިޔަފާރިވެރިއަކު ބުނީ މިހާރަކަށް އައިސް ބީއެމްއެލް ހިތަދޫ ގޮފިން ހިދްމަތް ހޯދުމަކީ އުދަނގޫ ކަމެއް ކަމަށާއި ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް އެތަނުގައި ބޭކާރު ގޮތެއްގައި ހޭދަކުރަންޖެހޭ ކަމަށެވެ.
ވިޔަފާރިވެރިއާ ބުނީ ބޭންކްގެ ކައުންޓަރުން ހިދްމަތް ލަސްވަނީ ގިނަ ކައުންޓަރުތަކުން ހިދްމަތް ނުދޭތީ ކަމަށެވެ.
"އެބަހުރޭ 12 ވަރަކަށް ކައުންޓަރު، އެކަމަކު ހިދްމަތް މި ލިބެނީ ގިނަ ދުވަހު އެންމެ ކައުންޓަރަކުން. މިތަނަށް އެބައާދޭ ކޮންމެ ދުވަހަކު އެތައް ބަޔަކު. މިކަމެއް ހައްލު ކުރާކަށް ބޭންކުން ނޫޅޭ."
ބީއެމްއެލް ހިތަދޫ ބްރާންޗުން ކޮންމެ ދުވަހަކު ވެސް ޚިދުމަތް ހޯދާ ފޭދޫ ވިޔަފާރިވެރިއަކު ބުނީ ގިނަ އިރުތަކެއް ވަން ދެން ކިއު ހަދައިގެން ތިބެން ޖެހުމަކީ އެމީހުންގެ ވިޔަފާރިއަށް ވެސް ގެއްލުން ވާ ކަމެއް ކަމަށެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރަދޫފޭދޫގައި ހުންނަ ބީއެމްއެލް ގަން ބްރާންޗުން ގިނަ ދުވަހު ހިދްމަތް ދެނީ އެންމެ ކައުންޓަރަކުންނެވެ. އެތަނުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިވެގެން ގޮސްފައިވާ އިރު އަދިވެސް އެ މުވައްޒަފުންގެ ބަދަލުގައި އާ މުވައްޒަފުން ނަގާފައި ނުވާކަމަށް ވެއެވެ.
ބޭންކުން ފޯރުކޮށްދޭ ހިދްމަތް ލަސްވާ މައްސަލަ އާއި ގުޅިގެން ބޭންކުގެ ޕަބްލިކް ރިލޭޝަން ސާވިސް މުހައްމަދު ސައީދު ވިދާޅުވީ ހިދްމަތް ލަސްވާކަމުގެ ޝަކުވާ ދޭތެރެ ދޭތެރެއިން ލިބެމުން އަންނަ ކަމަށެވެ. އަދި އެކަން ކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށްވެސް ތި ޝަކުވާ އެބަހުށަހެޅޭ. އަޅުގަނޑުމެން މިދަނީ ތިކަމަށް މަސައްކަތް ކުރަމުން އިރާދަކުރެއްވިއްޔާ މިއަހަރު އެ މަސައްކަތްކުގެ ނަތީޖާ ފެނިގެންދާނެ" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ހިދްމަތް ލަސްވާ މައިގަނޑު ސަބަބަކީ މިހާރަކަށް އައިސް ބޭންކްގެ ހިދްމަތް ހޯދާ ކަސްޓަމަރުން އިތުރުވުމެވެ.
"އަޅުގަނޑުމެންގެ ހިދްމަތް ހޯދާ ކަސްޓަމަރުންވެސް މިވަނީ އިތުރުވެފައި. ތަފާތު ކަންކަމާއި ހުރެ. އެކަމަކު ހިދްމަތް އަވަސް ކުރުމަށް މިދަނީ މަސައްކަތް ކުރަމުން "
ބޭންކްގެ ހިދްމަތް ހޯދުމަށް ކިއޫ ހަދައިގެން ކަސްޓަމަރުން ތިބޭ އިރު ނަންބަރަކާއި ނުލައި ހިދްމަތްދޭ މައްސަލަވެސް ބޮޑު ވެފައިވާ ކަމަށް ކަސްޓަމަރުން ބުނެއެވެ.
ބީއެމްއެލް ބްރާންޗް ތަކުގެ ޚިދުމަތްތައް އަވަސް ކުރުމުގެ ގޮތުން، މާލޭގެ 9 ސަރަހައްދެއްގައި ސެލްފް ސާވިސް އޭޓީއެމްތައް ބަހައްޓާފައި ވެއެވެ، އައްޑޫ ސިޓީ ފޭދޫގައި ވެސް ސެލްފް ސާވިސް އޭޓީއެމް އެއް ބަހައްޓާފައި ވީ ނަމަވެސް އެ މެޝިނުން ފައިސާ ޖަމާ ކުރުމުގެ ޚިދުމަތް އަދި ނުލިބެއެވެ.